އދ. ދަނގެތީގައި މަރާލާފައިވާ އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު: އޭނާ މަރާލީ އެ ރަށުގައި ދިރިއުޅެމުންދިޔަ ބަންގުލދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް). (ފޮޓޯ/އާއިލާ)

މަހުމޫދުގެ މަރު

މަހުމޫދުގެ ހުރިހާ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން

ދުނިޔޭގައި ތިބި މަހުމޫދުގެ 7 ވާރިސުންނާ ކޯޓުން މިއަދު ސުވާލުކުރި
17 ފެބްރުއަރީ 2022

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އދ. ދަނގެތީގައި މަރާލި އެ ރަށު ވިޔަފާރިވެެރިޔާ މަހުމޫދު އަބޫބަކުރު މަރާލި ކަމަށް އިއުތިރާފްވެފައިވާ، ބަންގުލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް)ގެ ކިބައިން ބޭނުމީ މަރަށް މަރު ހިފަން ކަމަށް އޭނާގެ ހުރިހާ ވާރިސުން މިއަދު ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ އޮކްޓޯބަރު މަހު މަހުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނުނީ، ވަރަށް ބޮޑަށް ޒަހަމްކޮށްލައި މަރާލުމަށް ފަހު ވަޅަކަށް ވައްޓާލާފައި އޮއްވަ އެވެ. މަހުމޫދުގެ މަރުގެ މައްސަލައިގައި ސާލިމްގެ މައްޗަށް ކުރާ ދައުވާތަކަކީ:

  • ގަސްތުގައި މީހަކު މެރުން

  • މައްޔިތެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުން

ވީ ކިހިނެއް؟ - މަހުމޫދު މަރާލި ކަމަށް ސާލިމް ކޯޓުގައި ވީ އިއުތިރާފުން އެ މައްސަލަ ސާބިތުވެފައި ވާތީ އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމަށް ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ދުނިޔޭގައި ތިބި މަހުމޫދުގެ ހަތް ވާރިސުންނާ ސުވާލުކޮށްފަ އެވެ. އެއީ:

  • އޭނާގެ ފަސް ދަރިން

  • އޭނާގެ އަނބިމީހާ

  • އޭނާގެ މަންމަ

އެނގުން މުހިންމު - އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން މަރަށް މަރު ހިފޭނީ ކުށް ސާބިތުވާ މީހާއަށް މަރުގެ އަދަބު ދޭން ހުރިހާ ވާރިސުން ވެސް އެއްބަސްވާ ނަމަ އެވެ.

ތަފްސީލް - މިއަދު މަހުމޫދުގެ ދަރިންގެ ތެރެއިން އެންމެ ހަނގު ދަރިފުޅުގެ ބަސް ނެގީ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްގެންނެވެ. ދެން ތިބި ހުރިހާ ވާރިސުންގެ ބަސް ނެގީ އެ މީހުން ތިބި ރަށްރަށުގެ މެޖިސްޓްރޭޓު ކޯޓުތަކަށް ހާޒިރުކޮށް، ވީޑީއޯ ކޯލް މެދުވެރިކޮށް އެ ކޯޓުތަކަށް ގުޅައިގެންނެވެ.

މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އެ މީހުންނާ ސުވާލުކުރެއްވުމުން އެ އެންމެން ވެސް ޝަރީއަތުގެ މަޖިލީހުގައި ބުނީ އެ މީހުން މަރުގެ ދިޔަ ބޭނުން ނުވާ ކަމަށާއި ބޭނުމީ މަރަށް މަރު ހިފަން ކަމަށެވެ. ހުރިހާ ވާރިސުން އެގޮތަށް އެއްބަސްވާތީ އެ މައްސަލައިގައި ދެން އޮންނާނީ ސާލިމްގެ މައްޗަށް އަދަބު ކަނޑައެޅުމެވެ. 

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލި އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމާދު އަބޫބަކުރުގެ ގާތިލް ސާލިމް: އޭނާ ވަނީ ކުށަށް އިއުތިރާފް ވެފައި.

އެނގުން މުހިންމު - ކުރުކޮށް ބޯ ކޮށާފައި ހުރި ސާލިމް މިއަދު ކޯޓަށް ގެނައި އިރު ހުރީ ޓީޝާޓަކާއި ތިރިން ޓްރެކްސޫޓެއް ލައިގެންނެވެ.  ވާރިސުންގެ ބަސް އިއްވަމުން ދިޔަ އިރު އޭނާ ހުރީ އިސްދަށަށް ޖަހައިގެންނެވެ. ޖެހިޖެހިގެން ތިން ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ވާހަކަ ބުނެ، އެކަން ތަރުޖަމާނު ސާލިމްއަށް ކިޔައިދިނުމުން އެހާ ހިސާބުން އޭނާއަށް ރޮވެން ފެށުނެވެ.

ހުރިހާ ވާރިސުންގެ ބަސް ހޯދައި ނިމުމުން އަޑުއެހުން މެދުކަނޑާލުމަށް ފަހު 30 މިނެޓު ފަހުން ދެން އޮތީ އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ.

ސާލިމްގެ ލޮލުން ހިފެހެއްޓުމެއް ނެތް ކަރުނަ

އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދައުލަތުން ބުނީ މަހުމޫދުގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވާތީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއަށް އޭނާއަށް ދެވެން އޮތް އަދަބަކީ އެއީ ކަމަށެވެ. 

ދެން އޭނާގެ މައްޗަށް ކުރާ މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއަށް:

  • އަސާސީ މިންގަނޑުން ދޭ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުން 

  • އެކަމަކު، ސާލިމް އިއުތިރާފުވެފައިވާތީ އެ ކުށަށް އޭނާއަށް ލިބޭނީ އެއް މަހާއި 24 ދުވަހުގެ އަދަބެއް

މަރުގެ ދައުވާއަކީ ޖިނާއީ ބޮޑު ދައުވާއަކަށްވާތީ އެ ދައުވާއަށް ސާލިމްއަށް ދައުލަތުން ވަނީ ވަކީލަކު ހަމަޖައްސައިދީފަ އެވެ. އެކަމަކު، މައްޔިތެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއަށް ވަކީލަކު ނެތުމުން އެ ކުށުުގެ އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކަން ސީދާ ސާލިމްއަށް ފުރުސަތު ދިނެވެ.

ކޮޅަށް ތެދުވެ، އިސް ގާޒީ ޝަކީލްއާ މުހާތަބުކޮށް އޭނާ ބަންގްލަދޭޝް ބަހުން ވާހަކަ ދައްކަން ފެށި އެވެ. އަދި އެ ވާހަކައިގެ ތެރެއިން ވަކި ހިސާބަކުން އޭނާ ޖަޒުބާތީވެ، ރޮވެން ފެށުމުން އިށީންނަން ޝަކީލް އެންގެވި އެވެ. އަދި އޭނާ ދެއްކި ވާހަކަ ތަރުޖަމާކުރަން ތަރުޖަމާނަށް އެންގެވި އެވެ.

ސާލިމް ހައްޔަރުކުރުމަށް ފަހު ކްރައިމް ސީންއަށް ގެންގޮސްގެން ފުލުހުން އިތުރު މައުލޫމާތު ހޯދަނީ. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުަނައިދު)

ސާލިމް ބުނީ، ތަރުޖަމާނު ކިޔައިދިން ގޮތުގައި، އޭނާއަށް އެ ކުށް ކުރެވުނީ، ކުރިން ވެސް އޭނާ ބުނެފައިވާ ގޮތަށް ޝައިތާނާ ވަސްވާސް ދީގެން ކަމަށެވެ. އަދި އޭނާއަށް މައާފުކުރަން އެދުނު ކަމަށް ބުންޏެވެ. އޭގެ އިތުރުން، އޭނާގެ މައިންބަފައިންނާއި ދަރިން އެބަ ތިބި ކަމަށް ވެސް ބުންޏެވެ.

ސާލިމްއަށް ދައުލަތުން ހަމަޖައްސައިދީފައިވާ ވަކީލު މަރުގެ ދައުވާގެ އަދަބާ ގުޅިގެން ފާހަގަކުރެއްވީ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވާތީ އެކަމުގައި އިތުރަށް ދެއްކޭނެ ވާހަކައެއް ނެތް ކަމެވެ. އެކަމަކު، ލުއި ގޮތެއް ހަމަޖައްސައިދިނުމަށް ސާލިމް އެދޭތީ އެ ވާހަކަ ޝަކީލްއަށް ދެންނެވި އެވެ. އެކަމުގައި ކުރެވޭނެ ކަމެއް ނެތަސް، އެގޮތަށް އެދުމަކީ އޭނާގެ ހައްގެއްކަން ވެސް ފާހަގަކުރެއްވި އެވެ.

އެއަށް ފަހު ވެސް ސާލިމް ކުރިން ދައްކަމުން ގެންދިޔަ ވާހަކަ ކުރިއަށްގެންދަން ގާޒީ ފުރުސަތު ދެއްވުމުން އޭނާ ކޮޅަށް ތެދުވެ ގިސްލައި ރޮމުން ވާހަކަ ދެއްކި އެވެ. ތަރުޖަމާނު ބުނި ގޮތުގައި، އޭނާ ކުރިން ދެއްވި ވާހަކަ ތަކުރާރު ކުރީ އެވެ.

އެނގުން މުހިންމު - މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ޝަކީލް އިއުލާނުކުރެއްވި ގޮތުގައި، އެ ދުވަހު މި މައްސަލައިގެ ހުކުމްކޮށް ނިންމާނެ އެވެ.

ސާލިމްއަކީ ކާކު؟

  • ދަނގެތީގައި އުމުރުން ދުވަސްވީ މީހަކު ބެލެހެއްޓުމުގެ މަސައްކަތް ކުރި މީހެއް 

  • ސާލިމް، މަހުމޫދު މަރާލީ އެ އުމުރުން ދުވަސްވީ މީހާއާ އެކު އޭނާ ދިރިއުޅެމުންދިޔަ ގޭގެ ތެރޭގައި 

  • އެ ގެ އާއި އެހެނިހެން ތަންތަނުގައި ސާލިމް ވަޅުލާފައި ހުރި މަހުމޫދުގެ ބައެއް ތަކެތި ވެސް ފުލުހުން ތަހުގީގުގައި ހޯދި

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް