އެކުވެރި އަހްމަދު ރިލްވާން ގެއްލުވާލުމާ ގުޅިގެން ބޭއްވި ހިނގާލުމެއްގައި ޔާމީީން ރަޝީދު، ރިލްވާންގެ މަންމައާ އެކު

ޔާމީންގެ މަރުގެ ތަހުގީގު ދޯދިޔާވުމާއި އިހުމާލުގެ މައްސަލަތައް

ޕޮލިސް ކޮމިޝަނަރަކަށް އަހަމްދު އަރީފު ހުންނަވަނިކޮށް، ތަހުގީގުކުރި މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހުކުމުގައި ފާހަގަކުރި

ވަރަށް އަނިޔާވެރި ގޮތަކަށް 2017 ގައި މަރާލި ޔާމީން ރަޝީދުގެ ތަހުގީގުގެ ބައެއް ކަންކަން 'ދޯދިޔާކޮށް' ގޮސްފައިވާކަން ފާހަގަކޮށް، ދައުލަތުން އިހުމާލުތަކެއްވެފައިވާ ކަމަށް އެ މައްސަލައިގައި އިއްޔެ ރޭ ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ފާހަގަކޮށްފި އެވެ.

އެނގުން މުހިންމު - އެ މައްސަލައިގައި ދައުލަތުން ހަ މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ އުފުލި ނަމަވެސް، ދައުވާ ސާބިތުވީ އޭނާއަށް ވަޅިން ހަމަލާ ދިނުމުގައި ބައިވެރިވި ދެ މީހެއްގެ މައްޗަށެވެ. އެއީ:

  • އިސްމާއިލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގޭ

  • އަހުމަދު ޒިހާން އިސްމާއިލާ، މ. އިރަސްމިކުގޭ

ބާކީ ތިބި ހަތަރު މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވީ، ގަސްތު މަރެއްގެ ރުކުންތަކުގެ ތެރެއިން ޝައްކެއް ނެތް މިިންވަރަށް ސާބިތު ކުރުމަށް އެކަށީގެންވާ ހެކިތަކެއް ދައްކާފައި ނުވުމުންނެވެ. ދައުވާއިން ސަލާމަތްވި މީހުންނަކީ:

  • 1-

    މުހައްމަދު ދިފްރާން، ގދ. ގައްދޫ، ސިންދުބާދުގެ

  • 2-

    ހަސަން ޝިފާޒް، މ. ކުދެހިގެ

  • 3-

    އިސްމާއިލް ރަޝީދު، މ. ތާއިފް

  • 4-

    ހުސައިން ޒިޔާޒު، މ. ކޮޅުފުށި އީސްޓް

ތަފްސީލު - ގާޒީ އާދަމް މުހައްމަދު ވަނީ އޭނާގެ ހުކުމުގައި ފުލުހުންގެ ތަހުގީގުގެ ބައެއް އުނި ކަންތައްތަކާއި އިހުމާލުގެ އަށް ނުކުތާއެއް ފާހަގަކުރައްވައިފަ އެވެ. ޕޮލިސް ކޮމިޝަނަރަކަށް، އަހްމަދު އަރީފް އޭރު ހުންނެވި އިރު، ހިންގި މި ތަހުގީގާ ގުޅޭ ގޮތުން ފުލުހުން އަމަލުކޮށްފައިވާ ގޮތާ މެދު ގިނަ ކަންބޮޑުވުންތަކެއް ވެސް ހުކުމުގައި ހިމެނުއްވި އެވެ.

އެންމެ ބޮޑު އެއް އިހުމާލެއްގެ ގޮތުގައި ގާޒީ ފާހަގަކުރެއްވި އެއް ނުކުތާއަކީ، ހައިޝަމްގެ ކަރުގައި ހުރި ޒަހަމަކީ މި ހާދިސާއާ ގުޅިގެން ލިބުނު އަނިޔާއެއް ކަމަށް ބުނެ މެޑިކޯ ލީގަލް ރިކޯޑް އަދި ސީން އޮފް ކްރައިމް ރިޕޯޓެއް ހުށަހަޅާފައިވުމެވެ. ދައުލަތުން ފާހަގަކުރަނީ، އެއީ ޔާމީނަށް ހައިޝަމް ހަމަލާ ދެމުން ދިޔަ ވަގުތު ދިފާއުގައި ޔާމީން ކުރި ކަމަކުން ލިބުނު އަނިޔާއެއް ކަމަށެވެ.

ހުކުމްގައި ބުނީ ދައުލަތުން އެގޮތަށް ފާހަގަކުރި ނަމަވެސް ޔާމީންގެ ހަށިގަނޑުން ތަހުގީގުގެ ބޭނުމަށް އެއްވެސް ސާމްޕަލްއެއް ނަގާފައިވާކަން އެނގެން ނެތް ކަމަށެވެ.

"އެފަދައިން ސާމްޕަލް ނެގި ނަމަ، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއްގެ ހަށިގަނޑުން ފެނުނު އަނިޔާއާ ގުޅޭ އެވިޑެންސެއް ޔާމީން ރަޝީދުގެ ހަށިގަނޑުން ލިބުމަކީ އެކަށީގެންވާ ކަމަކަށް ވާއިރު، އެފަދައިން ތަހުގީގު ކޮށްފައިވާކަން އެނގެން ނެތުމުން މިއީ ފުލުހުން އިހުމާލު އޮތްކަން ދައްކުވައިދޭ ކަމެއްކަން ޝަރީއަތުން ގަބޫލުވެ އެވެ،" ހުކުމްގައި ބުންޏެވެ.

ކުށްކުރި މީހުން ގެންގުޅުނު ސިމްތަކުގެ ކޯލް ރިކޯޑިން އަޑުއަހާފައެއް ނެތް

ޔާމީން ދިރިއުޅުނު ގެ، މ.ސްޕެޓިއުލާގޭގައި އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ހަރަކާތްތެރިވާ އިރު ސީސީޓީވީ ފުޓޭޖުން ފެންނަނީ އޭނާގެ އަތުގައި އޮތް ފޯނަކުން މީހަކާ ވާހަކަ ދައްކާތަނެވެ. އަދި އެތަނުގެ ބޭރުގައި ހުރި މީހަކާ ވާހަކަ ދެކެވި، އެއީ ރޭވިގެން ހިންގި ކަމެއް ކަމަށް ބާރު ލިބޭ ހެއްކެއް ކަން ދައުލަތުން ޝަރީއަތުގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ތަހުގީގުގައި އެ ފޯނުން އޭނާ ދެއްކި ވާހަކަތަކާއި އެއާ ގުޅޭ އެއްވެސް ހެއްކެއް ހޯދިފައިވާކަން ނުވަތަ ހޯދަން މަސައްކަތް ކުރިކަން ފުލުހުންގެ ބަޔާނަކުން ވެސް އަދި އެއްވެސް ލިޔެކިޔުމަކުން ވެސް އެނގެން ނެތް ކަމަށް ހުކުމްގައި ބުނެ އެވެ. މިކަމުގައި ފުލުހުންގެ ފަރާތުން އެނގުނު އެއްޗަކީ ކުށް ކުރި މީހުން ގެންގުޅުނު ފޯނުތަކާއި ސިމްތައް ނައްތާލާފައިވުން ކަމަށް ހުކުމްގައި ބުނެ އެވެ.

"ނަމަވެސް އެ ސިމްތަކުން ކޮށްފައިވާ މުއާމަލާތްތައް މައްސަލައިގެ އަސްލަށް ވާސިލުވުމަށްޓަކައި ތަހުގީގުކޮށް ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމެއް ކަމާއި، އަދި ތަހުގީގަށް ހޯދިފައި ނުވާ ނަަމަ، އެކަމުގެ ސަަބަބު ބަޔާންކޮށްދިނުން މުހިންމު ކަމަށް ޝަރީއަތުން ދެކެމެވެ،" ހުކުމްގައި ފާހަގަކުރި އެވެ.

"ސީސީޓީވީ ފުޓޭޖާ ގުޅޭ ގޮތުން ދައުލަތުން ފާހަގަކުރި ކަންކަމަށް ބާރު ލިބިދޭ ހެކިތައް އެފަދައިން ރަނގަޅަށް ތަހުގީގު ކުރެވުނު ނަމަ، އެފަދަ [ފޯން ކޯލް ރިކޯޑިންތައް] ހެކި ގަރީނާ ލިބުމަކީ އެކަށީގެންވާ ކަމެއްކަމަށް ޝަރީއަތުން ދެކެމެވެ."

މ.ސްޕެޓިއުލާއަށް ޔާމީން ވަނުމުގެ ކުރިން ހައިޝަމް އާއި ޒިހާން ހަރަކާތްތެރިވާ މަންޒަރު: އެ ދެ މީހުން ވެސް ފޯނު ގެންގުޅޭތަން ފެނޭ

ފުލުހުންގެ ފަރުވާ ކުޑަކަމާއި ދޯދިޔާކަން

ގާޒީ ދެން ފާހަގަކުރެއްވީ ބައެއް ހެކިތައް އޮޅުން ބޮޅުންވެ، ތަހުގީގުގައި ފުލުހުންގެ ފަރާތުން ކޮށްފައިވާ ފަރުވާކުޑަށް ބައެއް އަމަލުތައްކާއި ނުކޮށް ދޫކޮށްފައިވާ ކަންކަމެވެ. އޭގެ ތެރޭގައި:

  • ބައެއް ސީސީޓީވީ ފުޓޭޖާއި ލޮކޭޝަން ދިމާނުވުން

  • ކޯޓުގައި ހެކިބަސްދޭން އައި ބައެއް ފުލުހުން ރަނގަޅަށް ތައްޔާރުނުވެ، ފަރުވާތެރިކަމާ އެކު ހެކިބަސް ނުދިނުން

  • އެވިޑެންސް ނެގި އިރު ފުލުސް މީހާގެ ބަދަލުގައި އެހެން މީހެއްގެ ނަން ޗެއިން އޮފް ކަސްޓަޑީގައި ބަޔާންކުރުން

  • ތަހުގީގުގައި ފުލުހުން ތަފާތުކޮށް އަމަލުކޮށްފައިވުން. އެގޮތުން ވީޑިއޯ އެނަލިސިސް ރިޕޯޓު ތައްޔާރުކުރުމުގައި ތުހުމަތު ކުރެވުނު ފަރާތްތަކުގެ އިސްކޮޅު ބަލައި އެފަރާތްތައް ސީނަށް ހާޒިރުކުރެވި މިންތައް އަޅާބަލާފައި ނުވުން. އެކަމަކު އެހެން ބައެއް މައްސަލަތަކުގައި އެގޮތަށް އަމަލުކޮށްފައިވުން

ގާޒީ އާދަމް ވިދާޅުވި ގޮތުގައި މުޅި މައްސަލައަށް އެކަންކަމުން އަސަރު ނުކުރިކަމުގައި ވިޔަސް އެއީ "ފުލުހުންގެ ފަރުވާ ކުޑަކަމާއި ދޯދިޔާކަން" ހާމަވާ ކަންކަމެވެ.

"މިފަދަ ހައްސާސީ މައްސަލައެއްގައި ބަލަން ވާވަރަށް ފުލުހުންނަށް ބެލިފައި ނެތުމަކީ ހަމަ ހަގީގަތުގައި ވެސް ކަންބޮޑުވާން ޖެހޭ ކަމެކެވެ،" ގާޒީ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް