ހިރަންޔާ ކުމުދުމާލި ޑި އަލްވިސް/ ސްރީލަންކާ؛ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ އދ. ދިގުރަށުން ފެނުނު ތުއްތު ކުއްޖާގެ މައްސަލާގައި ހައްޔަރުކޮށް ދައުވާކޮށްފައިވާ ކުއްޖާގެ މަންމަ ކަމަށް ތުހުމަތުކުރާ މީހާ
ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާގެ މައްސަލަ: ރޮއިފައި ހިރަންޔާ އެދުނީ ޝަރީއަތް އަވަސްކޮށްދޭން
ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ އދ. ދިގުރަށުން ފެނުނު ތުއްތު ކުއްޖާގެ މައްސަލާގައި ދައުވާކޮށްފައިވާ ހިރަންޔާ ކުމުދުމާލި ޑި އަލްވިސްގެ ފަރާތުން އެ މައްސަލަ އަވަހަށް ނިންމައިދިނުމަށް މިއަދު ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ކުއްޖަކު އެ ރަށު ކުނިގޮނޑުން ފެނިފައި ވަނީ މިދިޔަ އަހަރުގެ 3 ޑިސެމްބަރުގެ ހެނދުނު 9:20 ހާއިރު އެެވެ.
އެ މައްސަލައާ ގުޅިގެން ސްރީލަންކާއަށް ނިސްބަތްވާ ހިރަންޔާ، 30، ހައްޔަރުކޮށްފައިވަނީ ހަމަ އެދުވަހު ރާއްޖެއިން ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓަ އެވެ. މިއަހަރުގެ 16 ޖެނުއަރީގައި އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ:
-
އެނގިހުރެ މީހަކު މެރުމުގެ ދައުވާ
-
ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ދައުވާ
-
އެނގިހުރެ މަރެއް ފޮރުވުމުގެ ދައުވާ
ތަފްސީލް - މިއަދު ބޭއްވި އަޑުއެހުމުގައި ހިރަންޔާއަށް ވާހަކަދެއްކުމުގެ ފުރުސަތު ދިނުމުން އޭނާ ވާހަަކަދެއްކީ ރޮމުންނެވެ. އޭނާ ބުނީ:
-
އެ މައްސަލާގައި ބަންދުގައި ހުންނަތާ 10 ވަަރަކަށް މަސްވެފައިވާ ކަމަށް
-
އޭނާގެ ވަކީލު ފިޔަވައި ރާއްޖޭގައި އެހީތެރިކަން ފޯރުކޮށްދޭނެ މީހަކު ނެތް ކަމަށް
-
އެހެންކަމުން ވީހާވެސް އަވަހަކަށް މައްސަލަ ނިންމައިދިނުމަށް އެދޭ ކަމަށް
މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވެސް ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ނުބޭއްވި ގިނަ ދުވަސްވާތީ ހިރަންޔާގެ ފަރާތުން ސިޓީތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހި، ގިނަ އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމުގެ ކަންބޮޑުވުން އޭނާގެ ފަރާތުން ސިޓީގައި ފާހަގަކޮށްފައިވާ ކަމަށް ގާޒީ އިހުސާން ވިދާޅުވި އެވެ. އެހެންކަމުން އަޑުއެހުންތައް އަވަސްކުރަން ބޭނުންވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ:
-
އޭނާއަކީ ރާއްޖޭން ބޭރު މީހަކަށްވުމުންނާއި، ހުކުމެއް ނެތި ބަންދުގައި ބަހައްޓަން ޖެހޭތީ އުނދަގޫވާ ކަމަށް
-
ޝަރީއަތްތައް އަވަސްކުރަން ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ދަތިތަކެއް ހުއްޓަސް ޝަރީއަތް ކުރިއަށް ގެންދާއިރު ހެކިވެރިން ހާޒިރުކުރުން ފަދަ ކަންކަން އަވަސް ކޮށްލައިގެން މައްސަލަ އަވަހަށް ނިންމަން މަސައްކަތް ކުރެވިދާނެ ކަމަށް
-
އެކަމަށްޓަކައި ދައުލަތާއި ދިފާއުގެ ފަރާތުން ވެސް އެއްބާރުލުން ދެއްވުމަށް އެދިވަޑައި ގަންނަވާ ކަމަށް
މި މައްސަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދިފާއީ ހެކި ހާމަކުރުމުގެ ފުރުސަތު ދީފައިވެ އެވެ. ނަމަވެސް ހިރަންޔާގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.
ގިނަ ދުވަސްތަކަކަށްފަހު މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ގާޒީ އިހުސާން ވަނީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ނިންމައި ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް އޮތްނަމަ ހުށަހަޅަން ދެ ފަރާތަށް ވެސް ފުރުސަތު ދީފަ އެވެ. އަދި މި މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޑީއެންއޭ ރިޕޯޓް ވެސް މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ ބަލައިގެންފަ އެވެ.
ޝަރީއަތުގެ ކުރީގެ ހުށަހެޅުމަށް ދިން ފުރުުސަތުގައި ދައުލަތުން ބުނީ، ހިރަންޔާގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅަން ބޭނުންނުވާ ކަމަށް ބުނެފައިވާތީ ޝަރީއަތުގެ ކުރިން ހުށަހަޅާނެ ހުށަހެޅުމެއް ނެތް ކަމަށެވެ. ނަމަވެސް ހިރަންޔާގެ ދިފާއީ ވަކީލު ޝަޒީމް ވަހީދު ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ލިޔެކިއުމުން ހުށަހަޅަން ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.
އޭނާ ބުނީ ޝަރީއަތުގު ކުރިން ހުށަހެޅުން ހުށަހަޅަން ބޭނުންވަނީ:
-
ދައުވާކުރުމުގެ މުއްދަތާބެހޭގޮތުން
-
ޑީއެންއޭ ރިޕޯޓް ބެލުމަށްފަހު ހުށަހެޅުމެއް ހުށަހަޅަން ޖެހޭނަމަ ހުށަހަޅަން
ގާޒީ އިހުސާން ވަނީ އެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދެއްވައިފަ އެވެ. އަދި ހުށަހެޅުމެއް ނެތްނަމަ އޭގެ ކުރިން އެންގުމަށް ވެސް ގާޒީ އެދިވަޑައިގަތެވެ.
ގާޒީ ވިދާޅުވީ އެ މައްސަލާގެ އަޑުއެހުންތައް އަވަސްކޮށްދޭން ހިރަންޔާގެ ފަރާތުން ވެސް އެދިފައިވާތީ ކުރިއަށް ހުރި އަޑުއެހުންތައް ކުރިއަަށް ގެންދާނީ ވީހާވެސް އަވަހަށް ނިންމާލެވޭ ގޮތަކަށް ކަމަށެވެ.
އެނގުން މުހިންމު - ކުއްޖާ އެއްލާލާފައި އޮތް ކުނިކޮށި ހުންނަނީ ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގަ އެވެ. ބަރުދަނުގައި 3.5 ކިލޯ ހުރި ކަމަށް ބެލެވޭ އެ ކުއްޖާ އެއްލާލާފައި އޮތީ ތިން ކޮތަޅަށް ލާފައި ކަމަށް އެރަށުން 'ދައުރު'އާ ވާހަކަދެއްކި މީހުން ބުންޏެވެ. 'ދައުރު'ން އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި:
-
ބެލެވޭ ގޮތުގައި އެއީ އަންހެން ކުއްޖެއް
-
ކުއްޖާ ފެނުނު އިރު ވެސް އޮޮތީ މަރުވެފައި
-
ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ކަނޑައި ކުނިތައް ވަކި ކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ކުނިކޮށީގައި ހަރަކާތްތެރިވި މުވައްޒަފުންނަށް
-
ކުއްޖާ ފެނުނީ އެ ރަށު ގެސްޓްހައުސްތަކުން އުކާލި ކުނިތަކެއްގެ ތެރެއިން؛ ގެސްޓްހައުސްއެއްގައި މަސައްކަތް ކުރާ އެ އަންހެންމީހާ ބަނޑުބޮޑުކަން، އޭނާ މަސައްކަތް ކުރާ ގެސްޓުހައުސްގެ މީހުންނަށް ވެސް ނޭނގޭ