ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ (ފޮޓޯ/ މަޖިލިސް)

އައްބާސްއަށް އިތުބާރު އެބައޮތް؛ މެމްބަރުން އެދެނީ އާ ޕީޖީ އިންސާފުވެރިކަމާ އެކު މަސައްކަތްކުރަން

ޕީޖީގެ މަގާމުގައި ހުންނަ ބޭފުޅަކަށް ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ނުލިބޭތީ މިއަދުގެ ބަހުސްގައި ކަންބޮޑުވުން ފާޅުކުރެއްވި؛ އެ ފުރުސަތު ދިނުމަށް ޕީޖީގައި ހުންނަ ބޭފުޅަކަށް ސަރުކާރުތަކުން އިތުބާރުކުރަންޖެހޭ ކަން ބައެއް މެމްބަރުން ފާހަގަކުރެއްވި
17 ސެޕްޓެމްބަރު 2024

ޕްރޮސެކިއުޓާ ޖެނެރަލް (ޕީީޖީ)ގެ މަގާމަށް އަލަށް އައްޔަންކުރަން ރައީސް މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ އެ އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފްއާ މެދު އިތުބާރު އެބައޮތް ކަމަށާއި އެ މަގާމުގެ ޒިންމާ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު އަދާކުރައްވާނެ ކަމަށް އުންމީދުުކުރައްވާ ކަމަށް މިއަދުގެ މަޖިލީހުގައި ވާހަކަދެއްކެވި މެމްބަރުން ވިދާޅުވެއްޖެ އެވެ.

ފާހަގަކޮށްލެވޭ - 

ވީ ކިހިިނެއް؟ - ހުސްވެފައިވާ ޕީޖީގެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް އެ މަގަމާށް އައްޔަންކުރައްވަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ އައްބާސްގެ ނަން އެކަންޏެވެ. އައްބާސް އެ މަގާމަށް އައްޔަންކުރަން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވަން އިއްޔެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދު 9 ޖެހިއިރުު ދައުރުން ބޭރުން ބޭއްވި ހާއްސަ ޖަލްސާގައި ޖުޑިޝަރީ ކޮމިޓީގެ މި ރިޕޯޓަށް ބަހުސްކުރުމަށް ފަހު މިހާރު ޖަލްސާ ވަނީ މެދުކަނޑާލާފަ އެވެ. ދެން ޖަލްސާ ފަށާނީ ހެނދުނު 11 ޖަހާއިރު އެވެ. އެ ގަޑީގައި އޮންނާނީ އައްބާސް ޕީޖީ ކަމަށް އައްޔަން ކުރުމަށް ރުހުން ދިނުމަށް ވޯޓް ނެގުމެވެ. 

ތަފްސީލް -  އައްބާސް މަގާމަށް އައްޔަންކުރުމަށް ޖުޑިޝަރީ ކޮމިޓީން ނިންމާފައިވާ ނިންމުމަށް ބަހުސްކުރަން މިއަދުގެ މަޖިލީހުގައި ފުރުސަތު ހުޅުވާލީ ކޮންމެ ސިޔާސީ ޕާޓީއަކުން އެއް ބޭފުޅަކު ވާހަކަދައްކަވާ ގޮތަށް 30 މިނެޓުގެ ވަގުތުކޮޅެކެވެ.

އެގޮތުން އެ ރިޕޯޓަށް ފުރަތަމަ ވާހަކަދެއްކެވި ހުރާ ދާއިރާގެ ޕީއެންސީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އައްބާސްއާ އިންޓަވިއުކުރުމަށް އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޕީޖީގެ މަގާމުގައި ހުންނަވައިގެން ކަންކަން ރަނގަޅު ކުރެއްވުމަށް ވަރަށް ރަނގަޅު ތަސައްވުރެއް އައްބާސް ގެންގުޅުއްވާކަން ފާހަގަކުރެއްވުނު ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ޝަރުއީ މަރުހަލާގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި

  • ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭއިރު ރައްޔިތުންނަށް ވަރަށް ގިނަ ގޮންޖެހުންތަކެއް އުފުލަންޖެހޭއިރު ޝަރުއީ މަރުހަލާގައި މައްސަލަތައް ނިންމުން އަވަސްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އައްބާސް ދެކޭ

  • ދައުވާތައް އުފުލުމުގައި ހަމަަހަމަ ކަމާއެކު އިންސާފުވެރި ކަމަށް ބައްލަވާނެ ކަމަށް ވެސް އައްބާސް ވިދާޅުވި؛ ސިޔާސީ ގޮތުން އުފުލޭ ދައުވާތައް މިހާރު ގިނަ

"އެފަދަ އެއްވެސް ވާހަކައެއް އިވޭކަށް ބޭނުމެއްނޫން މުސްތަގުބަލުގައި. އަދުގެ ސަރުކާރުން ވެސް މިހާރު އަދުލު އިންސާފުގެ ދާއިރާ ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އަލަށް އައްޔަންކުރެވޭ ޕީޖީގެ ފަރާތުން ވެސް ރައްޔިތުންނަށް ހަމަަހަމަކަމާ އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށް ޔަގީން ކުރަން،" އަނާރާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ދެން އެ ރިޕޯޓަށް ވާހަކަދެއްކެވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ އެވެ. އޭނާ ވިދާޅުވީ ޕީޖީގެ މަގާމަކީ ދައުލަތުގެ ޕީޖީ ކަމަށެވެ. ނަމަވެސް 2009ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް ޕީޖީގެ މަގާމުގައި ހުންނެވި އެއްވެސް ބޭފުޅަކަށް އެ ބޭފުޅެއްގެ ދައުރު ފުރިހަމަ ކުރެވިފައި ނުވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި އެއީ ސަރުކާރުގެ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ:

  • މިހާތަނަށް އައްޔަންކުރި ހުރިހާ ޕީޖީންނަކީ ވެސް މަގާމަށް ގާބިލު އެ ރޮގުން ތައުލީމާ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުން

  • ކޮންމެ ސަރުކާރަކުން ވެސް ބޭނުންވަނީ އެ ސަރުކާރަކުން ބޭނުންވާ ގޮތް ހަދާނެ ޕީޖީއެއް؛ އެއީ އެކަން ވާންޖެހޭނެ ގޮތެއް ނޫން

  • އެއްވެސް ޕީޖީއަކު އެއިރެއްގައި އޮންނަ ސަރުކާރަކަށް ދަތިވާކަމެއް ނުވަތަ ހިންގުމަށް އުނދަގުވާނެ ކަމެއް ވެސް ނުކުރައްވާނެކަން ސަރުކާރުތަކުން ގަބޫލުކުރަންޖެހޭ

  • ޕީޖީގެ މަގާމުގައި ހުންނަ ބޭފުޅަކަށް ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ދެވޭނީ އެކަން ސަރުކާރުތަކުން ގަބޫލުކޮށްގެން

  • އަޅުގަނޑުމެންގެ ޝަރުއީ ނިޒާމު ރަނގަޅު ކުރުމަށް ކުރަންޖެހޭ ފުރަަތަމަ ކަމަކީ ސަރުކާރުތަކުން ޕީޖީއަށް އިތުބާރުކުރުން

  • ސަރުކާރުގެ އިތުބާރު ޕީޖީގެ މައްޗަށް ނެތިއްޖެއްޔާ ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރެއް ނޯންނާނެ 

  • އެހެންވީމާ މިއީ މިހާރުން މިހާރަށް ވެސް ވިސްނާ ހައްލުކުރަންޖެހިފައިވާ މައްސަލައެއް

"މިއަދު މި ވޯޓު ނެގޭ ޕީޖީއާ މެދު ވެސް އަޅުގަނޑުމެންގެ އިތުބާރު އެބައޮތް. އުންމީދުކުރަން ވަކި ފަރާތަކަށް ނުޖެހި އެހެން ޕީޖީންނެކޭ އެއްގޮަތަށް އެބޭފުޅާގެ ޒިންމާ ފުރިހަމައަށް އަދާކުރާނެ ކަމަށް. އެކަމާދޭތޭރޭ އަޅުގަނޑު ޝައްކެއް ނުކުރަން،" އަބްދުލްގަފޫރު މޫސާ ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

ދެން ވާހަކަދެއްކެވީ ވެލިދޫ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އައްބާސް އެވެ. އޭނާ ވިދާޅުވީ ޕީޖީގެ ދައުރު ފުރިހަމަ ނުކުރެވުމަކީ ސަރުކާރުގެ މައްސަލައެއް ނޫން ކަމަށެވެ. އެކަން ނުވެގެން އުޅެނީ އެ މަގާމަށް އަންނަ މީހުން ހައްދަވާ ބޮޑެތި ގޯސްތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އަލަށް އައްޔަންކުރާ ޕީޖީއާއެކު އެ މައްސަލަތަކަށް ނިމުން އަންނާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑު ޔަގީން ވެސް ކުރަނީ އަލަށް މި އައްޔަންކުރެވިގެން މިދާ ޕީީޖީގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަން އަންނާނެ. ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ. އަދި ޕީޖީ އޮފީހުގައި ގަނޑުވެފައި އައިސް ނައްޓުވަންވެފައި ހުރި މައްސަލަތައް ބަލައި އެކަންކަން ކުރިއަށްދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." މުހައްމަދު އައްބާސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް