27 އޮގަސްޓް 2024: އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެމްޑީޕީ

ޕޮލިސް ކޮމިޝަނަރުގެ އިސްތިއުފާއަށް އެމްޑީޕީން ގޮވާލައިފި

ސަރުކާރު ވައްްޓާލަން ބަގާވާތެއް ކުރަން އުޅުނު ކަމަށް ބުނެ ޖިނާއީ މައްސަލައެއް ފުލުހުން ބަލަން ފެށުމުން ދޭހަވަނީ ރައީސް މުއިއްޒު ވިދާޅުވާހާ ގޮތަކަށް ފުލުހުން ކަންކަން ކުރަން ފެށާފައިވާކަން ކަމަށް އެމްޑީޕީން ބުނި

ފުލުހުންގެ އިދާރާގެ ހުރުމަތްތެރިކަން ހިފެހެއްޓުމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު އިސްތިއުފާ ދެއްވުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

ވީ ކިިހިނެއް؟ - ގައުމީ ބޭންކް، ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް ބީއެމްއެލްއިން ނިންމި ނިންމުމަކީ އެ ބޭންކުގެ ވެރިން ބައިވެރިވެގެން ގެންނަން އުޅުނު ބަގާވާތެއް ކަމަށް ބުނެ، އެ ތަނުގެ ސީއީއޯ ކާލް ސްޓުމްކަ ވަގުތުން އިސްތިއުފާ ދެއްވަން ވެރިކަންކުރާ ޕާޓީ ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވަނީ ގޮވާލާފަ އެވެ.

ހަމަ އެ ދަނޑިވަޅާ ދިމާކޮށް ފުލުހުންގެ އިދާރާއިން ރޭ ނެރުނު ބަޔާނެއްގައި ވަނީ ބީއެމްއެލްއިން އެޅި ފިޔަވަޅާ ދިމާކޮށް ސަރުކާރު ވައްޓާލަން އުޅުނު މައްސަލައެއް ބަލަން ފަށާފައިވާކަން ހާމަކޮށްފަ އެވެ.

ތަފްސީލް - މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ފުލުހުންގެ މުއައްސަސާ މިނިވަން ތަނަކަށް ހެދުމަށް އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގެ ފަސް އަހަރު ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެކަމަކު އިއްޔެއަކީ ރާއްޖޭގެ ފުލުހުންނަށް ވަރަށް ލަތުވެތި ދުވަހެއް ކަމަށާއި ފުލުހުންގެ އިދާރާގެ ހުރުމަތް ހިފެހެއްޓުމަށްޓަކައި ޝުޖާއު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އިއްޔެ ފެނިގެން އެދިޔައީ ހަމަ އެންމެ ކަމަކުން. ރައީސް ވިދާޅުވިގޮތަކަށް ތަނެއް ދޮރެއް ބަލާލުމެއްނެތި ފުުލުުހުން ކަންކަން ކުރާތަން. އަޅުގަނޑު މި ފުރުސަތުގައި ގޮވާލަން ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދެއްވަން ވެސް،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ:

  • މާލީ ބަގާވާތުގެ ނަމުގައި އެމްޑީޕީ ފަހަތަށް ޖެއްސޭނެ ކަމަށް ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ހީވުމަކީ ވަރަށް ބޮޑު ކުށްހީއެއް

  • އިއްޔެ މަސައްކަތްކުރެއްވީ އިދިކޮޅުގެ އަޑު ކަނޑުވާލަން

  • މިހާރު މިހިނގާ ސަރުކާރުގެ ނާގާބިލު ވާހަކަ ތާރީހުގެ ފޮތްތަކުގައި މާ ވަރުގަދައަށް ލިޔާނެ

'މާލީ ބަގާވާތެއްގެ ތުހުމަތު ރައީސްއަކު ކުރެއްވުން ލަދުވެތި'

މިދިޔަ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރުގެ މަގާމުވެސް ފުރުއްވި ފައްޔާޒް ވިދާޅުވީ ރާއްޖޭގެ މާލިއްޔަތާއި އިގްތިސޯދު މިހާ ނުބައި ހިސާބަކަށް އައީ ސަރުކާރުން ދޮގު ހަނދައި ކަންކަން އޮޅުވާލަން މަސައްކަތް ކުރައްވަމުންދާތީ ކަމަށެވެ.

އެކަންކަން ފޫބެއްދެވުމަށް އެހެން މީހުންގެ ބޮލުގައި ދޮގު ތުހުމަތުތައް އަޅުވައި، މާލީ ބަގާވާތެއް ގެންނަން އުޅޭ ކަމަށް ބުނެ ރައީސް މުހައްމަދު މުއިއްޒު ރޭ ދެއްކެވި ވާހަކައަކީ ލަދުވެތި ވާހަކައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިއްޔެ އެއީ ރާއްޖޭގެ ދިގު ތާރީހުގައި ލަދުވެތި ދުވަހެއް. ދިވެހި ރާއްޖޭގެ ވެރިއަކު ދިވެހި ސަރުކާރަކުން ނިކުމެ މާލީ ބަގާވާތެއް ގެންނަން އުޅެނީއޭ ކިޔާ ދެއްކި ވާހަކައަކީ މިތާތިބެ އަޅުގަނޑުމެން ދައްކަން ވެސް ލަދުގަންނަވަރު ވާހަކައެއް،" ފައްޔާޒް ވިދާޅުވި އެވެ.

"ގައުމެއްގެ ވަލިޔުލްއަމުރު ނިކުންނަވާ ހެއްދެވުނު ގޯސްތައް އެހެން ގޮތަކަށް ބަދަލުކޮށްލަން ވެސް ދައްކަވާވަރުގެ ވާހަކައެއް ނޫން މިއީކީ،" 

އެއީ ސިޔާސީ ޕޯޑިއެމްއެއްގައި އެކަނި ދައްކާލި ވާހަކައަކަށްވިނަމަ މިއަދު އިދިކޮޅުން ނިކުމެ އެވާހަކައިގެ ލަދުވެތިކަން ކިޔައިދޭން ނުޖެހުނީސްކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެކަމަކު ފުލުހުންގެ އިދާރާގެ ތެރެއަށް ވެސް ނުފޫޒު ފޯރުވާ ބަޔާން ނެރޭ ހިސާބަށް ދިއުމުން އެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް