އައްޑު އާއި ފުވައްމުލަކަށް ލައްވާލި ކޮޅިގަނޑުގައި އައްޑޫގެ ގެއެއްގެ ފުރާލު މިއަދު އެއްލާލައިފައި: އައްޑުއަށް އެކި ވަރުގެ ގެއްލުން ލިބެމުން ދާ ކަމަށް ކައުންސިލުން ބުނި (ފޮޓޯ/އަލީ ނިޒާރު ފޭސްބުކް)
އައްޑު އާއި ފުވައްމުލަކުގެ ކޮޅިގަނޑުގައި ތިން ގެއެއްގެ ފުރާޅު އެއްލާލައިފި
ފުވައްމުލަކާއި އައްޑުއަށް ލައްވާލި ކޮޅިގަނޑުގައި މަރަދޫފޭދޫގެ ގެޔަކާއި ފުވައްމުލަކުގެ ދެ ގެއެއްގެ ފުރާޅު މިއަދު އެއްލާލައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ އެންމެ ދެކުނު ދެ އަތޮޅަށް ބާރު ވަޔާ އެކު ކޮޅިގަނޑެއް ލައްވާލާނެތީ މިއަދު މެންދުރުފަހު ތިނަކުން ފެށިގެން ރޭގަނޑު ހަތަކަށް މެޓުން އޮތީ އޮރެންޖް އެލާޓް ނެރެފަ އެވެ. އެ އިންޒާރު މިހާރު ވަނީ މިރޭ 11އަށް ދަންމާލައިފަ އެވެ.
ތަފްސީލް - އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު 'ދައުރު'އަށް ވިދާޅުވީ މިއަދު ކުރި ވިއްސާރައިގައި މަރަދޫފޭދޫގެ ގެއެއްގެ ފުރާޅު އެއްލައިލާފައިވާތީ އެކަމަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.
"އައްޑޫ ސިޓީގެ އަވަށްތަކުގެ އާއްމުންގެ ގެދޮރާއި މުދަލަށް އެކިވަރުގެ ގެއްލުން ދަނީ ލިބެމުން،" ނިޒާރުގެ ފޭސްބުކްގައި ފަހުން އޭނާ ލިއުއްވި އެވެ.
"ކައުންސިލްގެ މުނިސިޕަލް ސާވިސް، ޕަބްލިކްވޯކުސް އަދި އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން، ގެއްލުން ލިބޭ ފަރާތްތަކަށް މިދަނީ އެހީތެރިކަން ފޯރުކޮށްދެމުން."
ފުވައްމުލަކު ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ފިކުރީ ވިދާޅުވީ ދެ ގެއެއްގެ ފުރާޅު އެއްލާލައިގެން އުޅޭ ކަމުގެ މައުލޫމާތު ދެންމެ ލިބިފައިވާ ކަމަށެވެ.
ފިކުރީ އިތުރަށް ވިދާޅުވީ:
-
އެއްލައިލީ ފުރާޅުން ބައެއް
-
ގެއްލުން ލިބުނީ ދިގުވާޑު އަވަށުގެ ދެ ގެޔަކަށް
-
މަގުތަކުގައި ހަރުކޮށްފައި ހުރި ބިލްބޯޑުތައް ވެއްޓެމުން އެބަދޭ
-
ރަށުގެ ބަނދަރުގައި ހުންނަ ވެލްކަމް ގިޑިގޭގެ އެއްބައި ވެސް ވެއްޓިއްޖެ
ބުނީ ކީކޭ؟ - މެޓް އޮފީހުގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ އައްޑު އާއި ފުވައްމުލަކަށް އަދިވެސް ގަދަޔަށް ވައި ޖެހޭ ކަމަށް ލަފާކުރެވޭ ކަމަށެވެ.
'އައްޑު އާއި ފުވައްމުލަކަށް 34 މޭލު ބާރުމިނުގައި އަދިވެސް ވައި އެބަ ޖެހޭ. ކޮންމެވެސް ވަރަކަށް ވިއްސާރަ ވެސް އެބައުޅޭ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އޮފިޝަލް ވިދާޅުވީ މޫސުން މާ ބޮޑަށް ގޯސްވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.
އެނގުން މުހިންމު - އޮރެންޖް އިންޒާރުގެ އެލާޓަކީ، މޫސުމާ ބެހޭ އިދާރާއިން ސަމާލުވާން ނެރޭ ހަތަރު ލެވެލްގެ އެލާޓްގެ ތެރެއިން ތިިން ވަނަ ލެވެލްގެ އެލާޓް އެވެ. މި އެލާޓް ނެރެނީ:
-
ބޯކޮށް ވާރޭވެހުމާއި ފެންބޮޑުވުން އެކަށީގެންވުން
-
ގަޑިއިރެއް ތެރޭ 90 މިލިމީޓަރު ނުވަތަ ހަ ގަޑިއިރު ތެރޭ 120 މިލިމީޓަރު ވާރޭ ވެހުން އެކަށީގެންވުން
-
އާދަޔާ ހިލާފަށް ބާރަށް ގުގުރުން އެކަށީގެންވުން
-
ވިލާގަނޑުގައި ގަޑިއަކު 63 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެެވުން
-
އުދަ އަރާނެ ކަމަށް ލަފާކުރެވުން
ފަސް މަންޒަރު - ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާން ފަށާތީ މޫސުމަށް ސަމާލުވާން މެޓް އޮފީހުން މިދިޔަ ބުދަދުވަހު ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން އެ އިދާރާއިން އޭރު ބުނެފައި ވަނީ، ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އަންނަ ހޯމަ ދުވަހަށް، މި ފަސް ދުވަހުގެ ތެރޭ ރާއްޖޭޭގެ ސަރަހައްދަށް އާންމުކޮށް ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަ ކުރާނެ ކަމަށެވެ.
އެމްއެންޑީއެފްއިން ވަނީ، މެޓް އޮފީހުގެ މި އިލްތިމާސްއާ ގުޅިގެން ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވާން އެދިފަ އެވެ. އެގޮތުން ރޭގަނޑު ދަތުރު ނުކުރުމަށާއި ދުވާލު ވަގުތުގައި ވެސް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރަން އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.