ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އާއިލާއަކަށް، ދިވެހިންގެ ފަރާތުން އެހީދެނީ (ފޮޓޯ/އައިއޭސީ)

ހައިރާތު

ހާލުގައި ޖެހިފައިވާ މުސްލިމުންނަށް މި ރޯދަ މަހު ސަދަގާތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ސަދަގާތުގެ ގޮތުގައި ދިވެހިން ދޭ އެ އެހީ، 28 ގައުމެއްގެ މުސްލިމުންނަށް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައި

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އުޅޭ ނިކަމެތި މުސްލިމުންނަށް، މި ރޯދަ މަހު ސަދަގާތް ކުރުމުގެ ފުރުސަތު، ދިވެހި ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލަ އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟- އެހީގެ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ އައިއޭސީ އިން 2018 އިން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަމަހު ވެސް އަންނަނީ 'ލޯތްބާ އެކު' ނަމުގައި މި ޕްރޮގްރާމް ހިންގަމުންނެވެ. އެކަމަކު އެހެން އަހަރުތަކާ ހިލާފަށް، މި އަހަރު އެހީ ފޯރުކޮށްދޭ ގައުމުތައް ގިނަ އެވެ. އެގޮތުން:

  • ޖުމްލަ 28 ގައުމަކަށް ދިވެހިންގެ މި އެހީތެރިކަން ދޭނެ

  • އޭގެ ތެރޭގައި މެދު އިރުމައްޗާއި އޭޝިއާ، އެފްރިކާ އަދި ޔޫރަޕްގެ ގައުމުތައް ހިމެނޭ

ތަފްސީލު- ދިވެހިންގެ މި ސަދަގާތް އައިއޭސީއިން މި އަހަރު އެންމެ ފުރަތަމަ ފޯރުކޮށްދީފައިވަނީ ބަންގްލަދޭޝްގަ އެވެ. އެގޮތުން މިދިޔަ ބުދަދުވަހު ވަނީ އެ ގައުމުގެ ކޮކްސް ބާޒާރުގައި ދިވެހިންގެ އެހީ ބަހާފަ އެވެ.

އައިއޭސީއިން ބުނިގޮތުގައި:

  • އެ އެހީގެ ދަށުން، 450 އާއިލާއަކަށް، އެއް މަސް ދުވަހަށް ފުދޭ ވަރަށް ޒަރޫރީ ކާބޯތަކެތި ވަނީ ފޯރުކޮށްދީފައި

  • ބަންގްލަދޭޝްގެ މީހުންގެ އިތުރުން ރޮހިންޔާގެ މުސްލިމުންނަށް ވެސް އެ އެހީ ބެހި

އިޒްރޭލުން މިހާރު ގަތުލުއާއްމެއް ހިންގަމުން ދާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ވެސް އައިއޭސީއިން ފަންޑެއް ހުޅުވާލި އެވެ. ދިވެހިން ދިން އެތައް މިލިޔަން ރުފިޔާގެ އެހީއިން ގާޒާގެ ހާލުގައި ޖެހިފައިވާ މީހުންގެ ބޭނުންތައް އަންނަނީ ފުއްދައިދެމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތިދުވަހު ވަނީ، ހާލުގައި ޖެހިފައި ތިބި މީހުން ތިބޭ ކޭމްޕުތަކުގައި ޕޯޓަބަލް ފާހާނާތަކެއް ބަހައްޓައިދީފަ އެވެ.

އެކަމަކު މެދުނުކެނޑި އިޒްރޭލުން ދެމުން ދާ ހަމަލާތަކާ ހެދި އެކަން ކުރުމަކީ މިހާރު ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އައިއޭސީއިން ބުންޏެވެ.

އައިއޭސީއިން ބުނީ 'ލޯތްބާ އެކު' ޕްރޮގްރާމްގައި ވެސް ފަލަސްތީނަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

ސަދަގާތް ކުރުމަށް:

އެކައުންޓް ނަންބަރު: 7770000062740

އެކައުންޓްގެ ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން

އިތުރު އާޓިކަލް

އިތުރު އާޓިކަލް