ޖުޑީޝަލް ސާވިސް ކޮމިޝަން ހިންގާ އިމާރާތް (ދައުރު ފޮޓޯ/ މުހައްމަދު އަމާން)
ޖޭއެސްސީއަށް ލަފާ ދޭން ފަނޑިޔާރުންގެ ބޯޑެއް އުފައްދައިފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ލަފާ ދިނުމަށް ފަނޑިޔާރުންގެ ބޯޑެއް އުފައްދައިފި އެވެ.
ވީ ކިހިނެއް؟ - ޖުމްލަ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑު އުފެއްދުމަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި އެވެ.
ތަފްސީލު - ކޮމިޝަނުން ބުނި ގޮތުގައި މި ބޯޑުގެ ބޭނުމަކީ:
-
ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ސިޔާސަތު އެކަށައަޅުމުގައި، ފަނޑިޔާރުންގެ ބައިވެރިވުންއިތުރުކުރުން
-
ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވާލާ ސިޔާސަތުތަކަކީ ހާމަކަންބޮޑު އަދި ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ސިޔާސަތުތަކެއް ކަމަށް ހެދުން
-
ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ ކަންކަމުގައި ފަނޑިޔާރުންގެ ފަރާތުން ކޮމިޝަނަށް ލަފާދިނުން
އެ ބޯޑުގައި އެންމެ އިސް ބޭފުޅުންނަށް ތިއްބަވަނީ، އުއްތަމަފަނޑިޔާރާއި ޖޭއެސްސީގެ ރައީސް އެވެ. ދެން އެ ބޮޑުގައި ތިއްބަވަނީ:
-
ހައި ކޯޓުގެ އިސް ފަނޑިޔާރު
-
ސުޕްރީމްކޯޓާއި ހައި ކޯޓު އަދި ދަށުކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ޖޭއެސްސީގައި ކޮމިޝަންގައި ތަމްސީލްކުރައްވާ އެ ކޯޓެއްގެ ތިން ފަނޑިޔާރުން
-
ސުޕީރިއާ ކޯޓުތަކުގެ އިސް ގާޒީންގެ ތެރެއިން އުއްތަމަފަނޑިޔަރު އައްޔަން ކުރައްވާ ފަނޑިޔާރަކު
-
މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު އައްޔަން ކުރައްވާ ފަނޑިޔާރަކު
-
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު
އެ ބޯޑަށް އުއްތަމަފަނޑީޔާރު އައްޔަން ކުރައްވާ ބޭފުޅުން އައްޔަން ކުރެވޭނީ، ފަނޑިޔާރުންގެ މެދުގައި ބަހާލެވޭ އުސޫލަކުން ކޮންމެ އަހަރަކުން އެއް ފަހަރު ބަދަލުވާ ގޮތުގެ މަތީން ކަމަށް ޖޭއެސްސީން ބުނެ އެވެ.