ނިޒާމީ ވޯޓު ނެގުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
'ނިޒާމީ ވޯޓަކަށް ދާ ނަމަ މަޖިލީހުގެ 3/4 އަގުލަބިއްޔަތުން ފާސްކޮށްފައި އަޅުގަނޑަށް ފޮނުވަން ޖެހޭނެ: ރައީސް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން އާއްމުންނަށް ފެނޭތޯ ބެލުމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކޮށް ތަސްދީގުކުރަން އެ އެމަނިކުފާނަށް ފޮނުވައިފި ނަމަ، އޮކްޓޯބަރުގައި އެ ވޯޓު ނެގުމަށް، އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އެދިވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދަ ޑިމޮކްރެޓްސް އިން މިދިޔަ ހަފްތާގައި ވަނީ ނިޒާމާ ގުޅޭ ވޯޓެއް 30 ނޮވެމްބަރުގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފަ އެވެ. ނަމަވެސް މިއަދު އެ ޕާޓީން ވަނީ އިސްލާހެއް ހުށަހަޅައި 30 އޮކްޓޯބަރުގެ ކުރިން އެ ވޯޓު ނަގާ ގޮތަށް ގަރާރަށް ބަދަލު ގެނެސްފަ އެވެ.
ފާހަގަކޮށްލެވޭ - ޑިމޮކްރެޓްސްގެ ގަރާރު ހުށަހެޅި އިރު، ވޯޓު ނެގުމުގެ ސުންގަޑިއަކަށް 30 ނޮވެމްބަރު އޮތް ނަމަވެސް އެ ޕާޓީން ވަކާލާތުކުރަމުން ދަނީ އަދި އިއްޔެ އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފައި ވަނީ ވެސް މި މަހު 30ގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމުގެ ކުރިން ނިޒާމުގެ ވޯޓަކަށް ދިޔުމަށް އެމްްޑީޕީއަށް ޝަރުތުކޮށެވެ.
އެމްޑީޕީގެ ޖަވާބަކީ ނިޒާމީ ވޯޓެއް ނަގާނީ އިންތިހާބަށް ފަހު ކަމެވެ.
އެނގުން މުހިއްމު - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ގަރާރު ހުށަހަޅައި އެމްޑީޕީގެ މެމްބަރުންގެ ތާއީދާ އެކު ގަރާރު ވަނީ ބަލައިގެންފަ އެވެ.
ތަފްސީލް - ރައީސް ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހެންވޭރުގެ ގެތަކަށް ވަޑައިގެން އުޅުއްވަނިކޮށް ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވިގޮތުގައި:
-
މަޖިލީހުގެ 3/4 އިން ފާސްކޮށް ރައީސަށް ފޮނުވުމުން ރައީސް ތަސްދީގުކޮށްގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ތިން ކަމެއް ގާނޫނުއަސާސީގައި އޮވޭ
-
ރައީސް އަދި މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު އަންނަ ކަންކަން އޭގެ ތެރޭގައި ހިމެނޭ
-
ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ރައީސާއި މަޖިލީހުގެ ދައުރަށް ބަދަލު އަތުވެދާނެ ކަމެއް
-
ބަރުލަމާނީ ނިޒާމުގައި، ދިގުވެގެން ފަސް އަހަރު ނޫނީ ހަތަރު އަހަރު އޮތް ނަމަވެސް، މެދު ތެރެއިން މެޖޯރިޓީ ގެއްލިއްޖެއްޔާ އަލުން ވޯޓަކަށް ދާން ޖެހޭ
"އެހެންވެއްޖެއްޔާ މީގައި ކަން ކުރަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮތް އެތި އަޅުގަނޑަށް މާނަކުރެވެނީ، އެކެއް، ފުރަތަމަ، ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައި ކޮށްފައި ތިންބައިގެ އަގުލަބިއްޔަތުން ފާސްކޮށްފައި ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގުކުރަން ފޮނުވަން ޖެހޭނެ. ފޮނުވީމާ އަޅުގަނޑު އެ ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެ. އެހެންވީމާ އެ ޕްރޮސެސް އެހެން އައިމަ އަޅުގަނޑު އެ އޮތް ގޮތަށް އެކަމެއް ކުރާނަން،" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިއްމު - ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށްޓަކައި ރައީސްގެ ދައުރެއް ނެތި އެކަން ކުރެވޭނެ ކަމަށް، ބަރުލަނީ ނިޒާމެއް ގެނައުމަށް އިސްކޮށް މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.
އެ ވޯޓު ނެގުމުގެ މައްސަލަ ރައީސްއަށް ނުފޮނުވާނެ ކަމަށް ނަޝީދު ވިދާޅުނުވި ނަމަވެސް، އެ މަނިކުފާނު ދެއްކެވި ވާހަކައިން ދޭހަވަނީ ނަޝީދު ބޭނުންފުޅުވަނީ ރައީސްއަށް ނުފޮނުއްވައި ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވުމަށް ކަމެވެ.
މަޖިލީހުގެ 3/4 - މަޖިލީހުގެ 87 މެމްބަރުންގެ ހަތަރުބައިކުޅަ ތިންބަޔަކީ 66 އެވެ. އިންތިހާބަށް ފަހު ނިޒާމީ ވޯޓެއް ނަގަން ގަރާރު ހުށަހެޅި ޑިމޮކްރެޓްސްގެ 13 މެމްބަރުންނާއި އެގޮތަށް އެއްބަސްވާ އެމްޑީޕީގެ 56 މެމްބަރުންގެ ޖުމްލަ 69 އަށް އަރާ އިރު، އިންތިހާބަށް ފަހު ނިޒާމީ ވޯޓަކަށް ދާން ތާއީދުކުރާ ކަމަށް، މަޖިލީހުގައި އަށް މެމްބަރަކު ތިބި އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ވެސް މިއަދު ވަނީ ބުނެފަ އެވެ.
ރައީސް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ވިސްނާ ނަމަ އެއީ "ވަރަށް ކޮމްޕްލިކޭޓެޑް މައްސަލައެއް" ކަމަށާއި ނަމަވެސް ޑިމޮކްރެޓްސްގެ ގަރާރުގައި ހުށަހަޅާފައިވާ ގޮތަށް 30 އޮކްޓޯބަރުގެ ކުރިން އެކަން ކުރެވިދާނެ ކަމަށެވެ.
"އެކަމަކު މި ޕްރޮސެސް މިހެން ފޮލޯ ކުރަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެބަ ބުނޭ،" ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވިދާޅުވިގޮތަށް މަޖިލީހުން ފާސްކޮށްފައި ފޮނުވުމުން، ވޯޓު ނެގުމަށް، ދެވަނަ ބުރުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް އެންގެވެން އޮންނާނެ ކަމަށެވެ.
"އެހެންވީމާ، އަޅުގަނޑު މި ދެންނެވިހެން، ރިޔާސީ އިންތިހާބުގެ ފަހުން މަޖިލީހުން ވަކި މުއްދަތެއްގައި ނިޒާމީ ވޯޓު ނަގަން ކަނޑައަޅައިފިއްޔާ އަޅުގަނޑަށް ދެވަނަ ބުރުގެ ވޯޓު ނެގުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް އެކަން ކުރުމަށް ރިކުއެސްޓު ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.