އައްޑޫ ލިންކް ރޯޑުގައި ކުރިން ހިނގި އެކްސިޑެންޓެއްގައި ގެއްލުން ލިބުނު ސައިކަލެއް މަގު މެދުގައި: އިއްޔެ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި 59 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފައި. (ފައިލް ފޮޓޯ/ އައްޑޫ ލައިވް)

އައްޑޫ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

މި އެކްސިޑެންޓުގައި 59 އަހަރުގެ ދިވެހި ފިރިހެނަކު މަރުވި އިރު، ހިނގާފައި ދިޔަ 53 އަހަރުގެ މީހަކަށް ވެސް ކުދިކުދި ޒަހަމްތަކެއް ލިބިފައިވޭ

އައްޑޫ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ބޮޑެތި ޒަހަމްތަކެއް ލިބުނު މީހަކަށް ފަރުވާ ދެމުން އަންނަނިކޮށް ރޭ މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެކްސިޑެންޓު ހިނގާފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައި ހިތަދޫ ލިން ރޯޑް ގައުކެނޑި ސަރަހައްދުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި މަރުވެފައި ވަނީ، ސ. ހިތަދޫ، ނަޔާބު، ހަސަން އަލީ، 59، އެވެ.

ބުނީ ކީކޭ؟ - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ އެކްސިޑެންޓުގެ ރިޕޯޓު ފުލުހަށް ލިބިފައިވަނީ އިއްޔެ ފަތިހު 5:23ގައި ކަމަށެވެ. ހާދިސާގައި މަރުވި ދިވެހި ފިރިހެން މިހާއަށް ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ މަރުވެފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ތަރުޖަމާނު ވިދާޅުވީ، ހިނގާފައި ދިޔަ 53 އަހަރުގެ މީހާއަށް ކުދިކުދި ޒަހަމްތަކެއް ލިބުނު ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހަސަން އަލީގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، މިއަދުގެ ހުކުރު ނަމާދަށް ފަހު، ހިތަދޫ މަސްޖިދުލް އިކްރާމް (ފަޒާ މިސްކިތް)ގަ އެވެ.

އެކްސިޑެންޓުގައި މަރުވި ހަސަން އަލީގެ ކަށުނަމާދަށް ދެންނެވުން

ފަސް މަންޒަރު - އައްޑޫ ލިންކް ރޯޑުގައި ހިނގާފައިވާ އެކްސިޑެންޓުތަކުގައި މީގެ ކުރިން ގިނަ އަދަދެއްގެ މީހުން މަރުވެފައިވެ އެވެ. އެގޮތުން، މިދިޔަ މާޗު މަހު ވެސް ލިންކް ރޯޑު، ހަންކެޑެ ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި އަންހެނަކަށް ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް