އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް ސޯލިހާއި ނަޝީދު އެކުގައި ފުރަތަމަ ފަހަރަށް ބައްދަލުވެ ސަލާމް ކުރައްވަނީ. (ފޮޓޯ/ރައީސް އޮފިސް)
ބޮމުގެ ހަމަލާއަށް ފަހު ރައީސް ސޯލިހު ނަޝީދަށް ނުގުޅުއްވާ ވާހަކަ ސަރުކާރުން ދޮގުކޮށްފި
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގެންނެވި އަނިޔާތަކަށް ޖަރުމަނުގައި ފަރުވާ ހޯއްދަވަމުން ދިޔައިރު ރައީސް އިބްރާހިމް ސޯލިހު ނަޝީދުގެ ހާލު ބައްލަވަން ނުގުޅުއްވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ދެއްކެވި ވާހަކަ ރައީސް އޮފީހުން މިއަދު ދޮގު ކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު މީޑިއަތަކާ ވާހަކަދައްކަވަމުން މިއުވާން ވަނީ އީވާ 'އަދަދު' ނޫހަށް ދެއްވި އިންޓަވިއުއެއްގައި ދައްކަވާފައިވާ ބައެއް ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.
ބުނީ ކީކޭ؟ - މިއުވާން ވިދާޅުވި ގޮތުގައި ރައީސް ސޯލިހު ނަޝީދަށް ނުގުޅުއްވާ ކަމަށް ބުނެ ހަދަނީ "ކަނޑައެޅިގެން ދޮގު" ކަމަށެވެ.
"ރައީސް ސޯލިހު ނަޝީދުގެ އާއިލާގެ ބޭފުޅުންނަށް ވެސް، ސީދާ ނަޝީދަށް ވެސް ގުޅުއްވާ، މެސެޖު ކުރައްވައިގެން ހާލު ބައްލަވަމުން ގެންދެވީ،" މިއުވާން ވިދާޅުވި އެވެ.
އެނގުން މުހިއްމު - އީވާ ވިދާޅުވެފައިވަނީ އޭނާއާ ރައީސް ސޯލިހާ ގުޅުން ކެނޑުނީ ބޮމުގެ ހަމަލާއަށް ފަހު ނަޝީދު ޖަރުމަނަށް ވަޑައިގެން ފަރުވާ ހޯއްދަވާ، އަނބުރާ މާލެ ވަޑައިގަންނަވަންދެން ވެސް ނަޝީދު ހާލު ބައްލަވަން ރައީސް ސޯލިހު ގުޅުއްވާފައި ނުވާތީ ކަމަށެވެ.
"އެންމެ ފަހަރަކު ވެސް، އެންމެ ފަހަރަކު ވެސް އިބްރާހީމް މުހައްމަދު ސޯލިހު ނުހުންނާނެ ރައީސް ނަޝީދަށް، ހާލު އަހައިލަން ވެސް ގުޅައިލާފައި،" އެ އިންޓަވިއުގައި އީވާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މަޖިލީހުގައި އެމްޑީޕީއަށް އޮތް ސުޕަމެޖޯރިޓީ ގެއްލި، އެމްޑީޕީ މެމްބަރުންނާއި ކުރިން އެ ޕާޓީގައި ތިއްބެވި މެމްބަރުންގެ މެދުގައި އޮތް ވާދަވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ރައީސް ސޯލިހާ ވާދަކުރައްވައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކޮށް އެ މެމްބަރުން ގެންދަވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ.
އެގޮތުން އިއްޔެގެ މަޖިލީހުގެ ޖަލްސާގައި، އޭގެ ތެރެއިން ބައެއް މެންބަރުން ވިދާޅުވީ:
-
6 މެއި 2021ގައި ނަޝީދަށް ދިން ހަމަލާއަކީ ސަރުކާރަށް އެނގިގެން ދިން ހަމަލާއެއް ކަމަށް
-
އެ ބޭފުޅުން ގެންދަވަނީ އެ މައްސަލާގައި ރައީސް ސޯލިހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން
-
އެ މެމްބަރުން ވިދާޅުވާ ގޮތުގައި އެ ހަމަލާ ދިނުމަށް މަގުފަހިކޮށްދިނީ މި ސަރުކާރުން
އެ މެމްބަރުން ރައީސަށް ކުރައްވާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް މިއުވާން ވަނީ މިއަދު ވިދާޅުވެފަ އެވެ. އަދ ސަރުކާރާ ވާދަވެރި ބޭފުޅުން އެފަދަ ވާހަކަތައް ދައްކަވަނީ އެ ބޭފުޅުންނަށް ކުރިން އޮތް ސިޔާސީ ތާއީދު ހޯއްދެވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ހަމަ ކަނޑައެޅިގެން ބޮޑު ދޮގެއް. އަދި އެ ވާހަކަތަކަކީ ހަގީގަތުގައި މެއި 6ގައި ދިން ހަމަލާގެ ސީރިއަސްކަން ގެއްލުވާލައި އެކަމާ ގުޅިގެން ބަޔަކަށް ގެއްލިފައިވާ ސިޔާސީ ތާއީދު އަނބުރާ ހޯދުމުގެ ގޮތުން ތާއީދު ހޯދިދާނެ ކަމަށް ދެކިވަޑައިގެން ބައެއް ބޭފުޅުން ދައްކަވާ ވާހަކައެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ،" މިއުވާން ވިދާޅުވި އެވެ.
އަދި އެފަދަ ވާހަކަތައް ހަމައެކަނި މަޖިލީހުގެ ތަޅުމުގައި ދައްކަވަނީ އެ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމަށް މިއުވާން ވިދާޅުވި އެވެ. އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް އެކުލެވޭ ނަމަ، މެމްބަރުންނަށް މަޖިލީސް ތަޅުމުގައި ލިބިދޭ އިމްތިޔާޒް ނުލިބޭ ތަނެއްގައި އެފަދަ ވާހަކަތައް ނުދައްކަވަނީ ކީއްވެގެންތޯ ވެސް މިއުވާން ސުވާލު އުފެއްދެވި އެވެ.
އެނގުން މުހިއްމު - ރައްޔިތުންގެ މަޖިލީހުގައި އިސްލާމް ދީންގެ އަސްލަކާ ހިލާފު ނުވާ ގޮތަށް މެމްބަރުން ދައްކަވާ ވާހަކަތަކަކުން އެ ބޭފުޅުން ކުށްވެރިއެއްް ނުވާނޭ ކަމާއި ސުވާލެއްކޮށް ތަހުގީގެއް ނުހިންގޭނޭ ކަމަށް ގާނޫނުގައި ބުނެ އެވެ.
މަޖިލީހުން ބޭރުގައި އެފަދަ ވާހަކައެއް މެމްބަރަކު ދައްކަވައިފި ނަމަ، ކަމާ ގުޅޭ މުއައްސަސާތަކަށް ހުށަހަޅައިގެން އެ މައްސަލަ ބައްލަވާނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.