ގުރައިދޫ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓު ޝާޒްެގެ ކެމްޕެއިން ފެށުމަށް ކ. ގުޅީ ބަނދަރު ސަރަހައްދުގައި އޮތް ޖަލްސާގައި އަސްލަމް ވާހަކަދައްކަވަނީ. (ފޮޓޯ/އެމްޑީޕީ
އަސްލަމް، ނަޝީދު ފެކްޝަނަށް: އެމްޑީޕީގެ މެންބަރުންކަން މިހާރު ޔަގީނެއް ނޫން
ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 65 މެމްބަރުންގެ ތެރެއިން އެމްޑީޕީ މެންބަރުންކަން ޔަގީންނުވާ މެންބަރުން އެބަ ތިއްބެވި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއީދުކުރައްވާ މެމްބަރުންނަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރޭ ފާޑުވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު އިބްރާހީމް ޝާޒްގެ ކެމްޕޭން ފެށުމަށް ކ. ގުޅީގައި ރޭ ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފަ އެވެ. މި ޖަލްސާ އޮތީ ގުޅީ ބަނދަރު ސަރަހައްދުގައި ރޭ 9:15ގަ އެވެ.
ތަފްސީލް - މި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، މަޖިލީހުގައި 65 މެމްބަރުންނާ އެކު އެމްޑީޕީގެ ސާފު އަގުލަބިއްޔަތު ރަސްމީކޮށް އޮތަސް، އޭގެ ތެރެއިން ބައެއް މެންބަރުންނަކީ އެމްޑީޕީގެ އަސާސްތައް ވެސް ގަބޫލުނުކުރައްވާ ބޭފުޅުން ކަމަށެވެ.
"އޭގެ ތެރޭގައި މިހާރު އެބަ ތިއްބަވާ އެއީ އެމްޑީޕީގެ މެންބަރުންކަން ޔަގީން ނުވާ އަދި ޕީޕީއެމްއަށް ވުރެ ބޮޑަށް އެމްޑީޕީގެ އުސޫލުތަކާއި އަސާސްތައް ކަމުނުގޮސްގެން އުޅުއްވާ މެންބަރުން ވެސް،" އަސްލަމް ވިދާޅުވި އެވެ.
މިދިޔަ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާ ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅަށް ނާރުއްވައި ޕާޓީގެ ތެރޭގައި ވަކި ގޮތްޕެއް އުފައްދައިގެން ނަޝީދު މަސައްކަތްޕުޅު ކުރައްވާތީ އަސްލަމް ފާޑުވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ:
-
މީގެ ކުރިން، 17 އަދި 18 ވަނަ މަޖިލީހުގައި ވެސް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބުނީ ރިޔާސީ ޕްރައިމަރީއަށް ފަހު، ކާމިޔާބު ލިބުނު ކެންޑިޑޭޓުގެ ފަހަތަށް ވާދަވެރިވި ކެންޑިޑޭޓު ނޭރުމުން
-
ސިޔާސީ ގޮތުން ހަރު ބޭފުޅުން މިފަދަ ކަންކަމުގައި ނަމޫނާ ދައްކަވަން ވާނެ
-
ޕާޓީގެ އުސޫލުތަކާއި ހަމަތަކުގައި ހިފަަހައްޓައި ފަހަތަށް ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުގެ ފަހަތަށް އަރާވަޑައިގަންނަވަން އޭނާ ގޮވާލެއްވި
އެނގުން މުހިންމު - އެމްޑީޕީގެ ތެރޭގައި އޮތް ދެ ފެކްޝަންގެ ކޯޅުން ރިޔާސީ ޕްރައިމަރީއަށް ފަހު ކުރިއަށް ވުރެ ވެސް ބޮޑަށް އިތުރުވެފައިވާ އިރު، މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން:
-
ރައީސް ސޯލިހްގެ ފެކްޝަނުގައި: ގާތްގަނޑަކަށް 48 މެންބަރުން
-
ނަޝީދުގެ ފެކްޝަނުގައި: ގާތްގަނޑަކަށް 17 މެމްބަރުން
ނަޝީދުގެ ފެކްޝަނުގެ މެމްބަރުންނާއި ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންގެ މެދުގައި މަޖިލީހުގައި ވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބަހުގެ ހަމަލާތައް ބަދަލުކުރައްވަ އެވެ. އަދި ނަޝީދުގެ ފެކްޝަނުން ގެންދަނީ ސަރުކާރަށް ފާޑުކިޔައި ގިނަ އަދަދެއްގެ ގަރާރުތައް މަޖިލީހަށް ހުށަހަޅަމުންނެވެ.
މީގެ އިތުރުން، ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ މެމްބަރުން އެމްޑީޕީގެ ރަސްމީ ޕާލިމެންޓްރީ ގްރޫޕާ ވަކިން މަސައްކަތްކުރައްވަން ވެސް ވަނީ ފައްޓަވާފަ އެވެ. އަދި އެ ފެކްޝަނުން ރޭ ވަނީ ރަސްމީކޮށް ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު މަސައްކަތް ކުރަން ވެސް ފަށާފަ އެވެ.