މަހުމޫދުގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ ކްރައިމް ސީންއަށް ގެންގޮސްގެން ފުލުހުން މިއަދު އިތުރު މައުލޫމާތު ހޯދަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުަނައިދު)

މަހުމޫދުގެ މަރު

މަހުމޫދުގެ މަރާ ތޮއްޑޫ ދެ މީހުންނާ ގުޅޭ ފޮރިންސިކް ހެއްކެއް ނެތް: ފުލުހުން

ތޮއްޑޫ މީހުންނާ އެމަރާ ގުޅޭ އެއްވެސް ހެއްކެއް އަދި ލިބިފައި ނެތް ނަމަވެސް އެ ދެ މީހުންނާ މެދު ކުރެވޭ ތުުހުމަތުތައް ވެސް ފުލުހުން ގެންދަނީ ބަލަމުން

އަނިޔާވެރި ގޮތަކަށް މަރާލައި ވަޅަކަށް ވައްޓާލާލާފައި އޮއްވާ ފެނުނު އދ. ދަނގެތީ މޮނަލާޒް މަހުމޫދު އަބޫބަކުރުގެ މަރާ ގުޅިގެން އެ ރަށުގެ މީހުން ތުހުމަތުކުރި ތޮއްޑޫ ދެ މީހުންނާ އެ މަރާ ގުޅޭ ފޮރިންސިކް އެއްވެސް ހެއްކެއް އަދި ލިބިފައި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ އިސް އޮފިސަރަކު 'ދައުރު' ނޫހަށް އިއްޔެ ވިދާޅުވީ މަހުމޫދުގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ ބަންގުލަދޭޝްގެ ސާލިމާ ގުޅުން ހުރި ގިނަ ފޮރިންސިކް ހެކިތަކެއް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަހުމޫދުގެ  ފޯނާއި އެހެން ބައެއް ތަކެތިން ވެސް ސާލިމާ ގުޅޭ ހެކިތައް ފެނިފައިވާ ކަމަށް އޮފިސަރު ވިދާޅުވި އެވެ.

"ތޮއްޑޫ މީހުންނާ ގުޅޭ ގޮތުން އެއްވެސް ފޮރެންސިކް ހެއްކެއް އަދި ލިބިފައެއް ނެތް މިހާތަނަށް ތަހުގީގަށް. އެކަމަކު ސާލިމާ ގުޅޭ ބޮޑެތި ފޮރެންސިކް ހެކިތައް އެބަހުރި. އޭނާ [ސާލިމް] އަކީ އެކަމުގައި ބައިވެރިވާ މީހެއް،" ފުލުހުންގެ އޮފިސަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ދަނގެތީގައި ދުވަސްވީ މީހަކު ބަލަން ހުންނަ ސާލިމްގެ ބައިވެރިވުން އެމަރުގައި އޮތީ ކިހާވަރަކަށް ކަމެއް އޮފިސަރު ވިދާޅެއް ނުވި އެވެ.

މުހިންމު ވާހަކަތަކެއް - ތޮއްޑޫ މީހުންނާ އެމަރާ ގުޅޭ އެއްވެސް ހެއްކެއް އަދި ލިބިފައި ނެތް ނަމަވެސް އޮފިސަރު ވިދާޅުވީ ތޮއްޑޫ ދެ މީހުންގެ ބައިވެރިވުން އެމަރުގައި ނެތް ކަމަށް އަދި ފުލުހުން ނިންމާފައި ނުވާ ކަމަށެވެ. އަދި އެ މީހުންނާ މެދު ކުރެވޭ ތުހުމަތުތައް ވެސް ތަހުގީގުގައި އަދިވެސް އިތުރަށް ބަލަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކި ދިމާލަކަށް ފޯކަސް ނުކޮށް ހަމަ އަދިވެސް ހުރިހާ ދިމާތަކެއް މި ތަހުގީގުގައި މި ދަނީ ބަލަމުން،" އޮފިސަރު ވިދާޅުވި އެވެ.

އެނގުން މުހިންމު - ގިނަ މަސްދަރުތަކުން ބުނާ ގޮތުން މަހުމޫދު ގެއިން ނުކުތީ އައި ފޯން ކޯލަކާ ގުޅިގެންނެވެ. އަދި އެ ފޯން ކޯލުގައި މަހުމޫދު އެހި ކަމަށް ވަނީ "މިހާރު ދާންވީތޯ" ކަމަށެވެ.

މަހުމޫދަށް ފޯނު ކުރީ ސާލިމުތޯ އެހުމުން ފުލުހުންގެ އޮފިސަރު ވިދާޅުވީ އެކަމުގެ މައުލޫމާތު އަދި ހާމަކުރެވެން ނެތް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް