ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން މިއަދު ތުޅާދުއަށް ވަޑައިގެންނެވުމުން އިދިކޮޅު މެމްބަރުން ވަނީ އެ ރަށުގައި މުޒާހަރާކޮށްފައި. (ފޮޓޯ/ އަޒްހާޓް، ޓުވިޓާ)
ހިސާން ތުޅާދުއަށް ވަޑައިގަތުމުން އިދިކޮޅުން މުޒާހަރާކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މިއަދު ބ. ތުޅާދުއަށް ވަޑައިގެންނެވުމުން، އެ ރަށުގައި ހަރަކާތްތެރިވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންއަށް ތާއީދުކުރާ ފަރާތްތަކުން މުޒާހަރާކޮށްފި އެވެ.
ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރެއްވުމަށް ހިސާން މިއަދު ތުޅާދުއަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށް އިދިކޮޅު ސަޕޯޓަރުން ތިބީ އެ މީހުންގެ ޝުއޫރުތައް ފެންނަ ބެނާތަކާ އެކު ބަނދަރު މައްޗަށް އެއްވެ އެވެ.
ތަފްސީލް - އެ މުޒާހަރާގެ ބައިވެރިން ނުރުހުން ފާޅުކުރަމުން ދިޔައީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމާ ދެކޮޅަށެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި، ޔާމީނަށް އިއްވި ހުކުމުގެ މޭސްތިރިއަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަން ވެސް ކުރައްވާ ހިސާން އެވެ. ޔާމީނަށް އިއްވި ހުކުމާ ދެކޮޅަށް އެ މީހުން މިއަދު މުޒާހަރާކުރިއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ވެސް އެ މީހުން ވަނީ ގޮވާލާފަ އެވެ.
ހިސާން އެ ރަށުގެ ގެއަކަށް ވެންނެވިއިރު ވެސް އޭނާ ފަހަތުން މުޒާހަރާކޮށް، އަޑުގަދަކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތައް މިހާރު ސޯޝަލް މީޑީއާގައި ދަނީ ދައުރުވަމުންނެވެ. އެ ސަރަހައްދުގައި ފުލުހުން ވެސް ދިޔައީ ހަރަކާތްތެރިވަމުންނެވެ.
ނަޝީދުގެ ސަޕޯޓަރުން 'ހިތްވަރު' ދޭތީ ނާޝިޒްގެ ނުރުހުން
ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބައެއް ސަޕޯޓަރުން ދަނީ، ހިސާން ފަހަތުން މުޒާހަރާކޮށް އަޑުގަދަކުރަމުންދާ ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް، އޭނާއަށް މަލާމާތް ކުރަމުންނެވެ.
އެފަދަ ޕޯސްޓަކާ މެދު ނުރުހުން ފާޅުކޮށް، ރައީސް ސޯލިހުގެ ކެމްޕެއިން މެނޭޖަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދުގެ ސަޕޯޓަރުން ކެމްޕެއިންގައި ހަމަނުޖެހުމަށް ހިތްވަރު ދެމުން ދިއުމަކީ ވަރަށް ހަޑި ކަމެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"ވާދަވެރި ކެންޑިޑޭޓަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުން މިފަދަ ނާތަހުޒީބީ، ފިނޑި އަމަލުތަކަށް ހިތްވަރު ދީ، މިކަން ޕްރޮމޯޓްކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ނާޝިޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީތަކަކީ އަބަދުވެސް ވާދަވެރި ކެމްޕެއިންތަކެއް ކުރާ އިންތިހާބުތަކެއްކަން ފާހަގަކުރައްވައި ނާޝިޒް ވިދާޅުވީ މީގެ ކުރިން ދުވަހަކު ވެސް ހަމަނުޖެހުން ނަގާލަން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.
"މިއަދު މި ފެންނަނީ ރައީސަށް ކެމްޕެއިން ކުރާ މީހުންނާ ދިމާކޮށް، މި އުސޫލުތައް މުގުރާލައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ތަން،" އޭނާ ވިދާޅުވި އެވެ.
ގުޅުންހުރި ކަމެއް - ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ސޯލިހު އެކި ރަށްރަށަށް ދަތުރުކުރައްވަމުން ގެންދަވާއިރު، ބައެއް ރަށްރަށުގެ އިދިކޮޅު މެމްބަރުން ވަނީ ރައީސް ވަޑައިގަންނަވާ ވަގުތާ ދިމާކޮށް އެ ރަށްރަށުގައި މުޒާހަރާކޮށްފަ އެވެ.