އިއްޔެ ސިވިލް ކޯޓުގައި އޮތް އަޑުއެހުމަށް ފަހު އަބްދުﷲ ރަޝީދުގެ އާއިލާ. (ދައުރު ފޮޓޯ)
އަބްދުﷲގެ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމުގެ އަމުރެއް ނުދިން
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމަށް އާއިލާ އިން އެދުނު އަމުރު ނެރެދެވޭނެ ހާލަތެއް ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މައްސަލައިގެ ފެށުން - ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ން ގދ. އަތޮޅުގައި ހިންގި ޑްރަގުގެ ބޮޑު އޮޕަރޭޝަނެއްގައި އަބްދުﷲ، 43، ސުވޯން/ގދ. ހޯނޑެއްދޫ، ހިމެނޭ ގޮތަށް ތިން މީހަކު މިދިޔަ އަންގާރަ ދުވަހުގެ މެންދުރު ފަހު 3 ޖަހާކަންހާއިރު އެ ރަށުން ހައްޔަރުކުރި އެވެ. އެ މީހުން ގޮވައިގެން އެ ރަށުން ފުރައިގެން އެހެން ތަނަކަށް ގެންދަން އުޅެނިކޮށް، އަބްދުﷲ މަރުވީ އެރަށު ބަދަރުގައި ލޯންޗު އޮއްވައި ލޯންޗުމަތީގައި ކަމަށްވެ އެވެ. އެގޮތުން:
-
އޭނާ މަރުވުމުގެ ކުރިން މެއަށް ތަދެއް އަރާ ކަމަށް ބުނެ އާދޭސް ކުރުމުން ވެސް ފުލުހުން ފަރުވާއަށް ހުރަސް އެޅި ކަމަށް މަންޒަރު ދުށް މީހުން ބުނޭ
-
އާއިލާ އިން ތުހުމަތުކުރަނީ، އޭނާ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް
-
މި މަރާ ގުޅިގެން، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ފުލުހުން ގުޅިގެން ހިންގާ ތަހުގީގަށް އަބްދުﷲގެ ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައި؛ ނަމަވެސް އައިލާ އިން ދަނީ އެކަމާ ދެކޮޅު ހަދަމުން
ވީ ކިހިނެއް؟ - އާއިލާގެ ނުރުހުމުގައި އަބްދުﷲގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާތީ، އެ ނިންމުން ބާތިލުކޮށް، މައްޔިއްތާ ވީހާ ވެސް އަވަހަކަށް ވަޅުލުމުގެ ކަންކަން ހަމަޖައްސަން ހަށިގަނޑު ހަވާލުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އޭނާގެ މަންމަ މަރްޔަމް އަހްމަދު، މާރަގަ/ގދ. ހޯނޑެއްދޫ ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އިއްޔެ އެ މައްސަލައިގެ އަޑުހުންތައް ނިންމާލާފައި ވާއިރު، ސިވިލް ކޯޓުން މިއަދު ހުކުމް ކުރީ އެ ފަދަ އަމުރެއް ނެރެން ޖެހޭ ތަނެއް ނެތް ކަމަށެވެ.
ތަފްސީލު - މައްސަލަ ބެއްލެވި ގާޒީ ހަސަން ފަހީމް އިބްރާހިމްގެ ހުކުމްގައި ވިދާޅުވީ، ދައުލަތުން ވެސް ފާހަގަކުރި ގޮތަށް، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 1-75 ވަނަ މާއްދާ އާއި އޭގެ ދަށުން ހަދާފައިވާ 'މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވައިދު'ގެ ދަށުން، އިހުމާލުގެ އަމަލަކުން މަރުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި މަރުވި ސަބަބު ދެނެގަތުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.
މި މައްސަލައިގައި އާއިލާގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލުން ދިފާއުއަކަށް ނެންގެވީ، ފުލުހުންގެ ގާނޫނުގެ ގާނޫނުގައި 97 ވަނަ މާއްދާގެ (ހ)އެވެ. އެ މާއްދާގައި ބުނަނީ:
-
އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ހިނގަމުންދާ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން މައްޔިތެއްގެ ހަށިގަނޑުގެ ތަހުލީލުކުރުމުގެ ނުވަތަ އޮޓަޕްސީ ހެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވޭ
ސިވިލް ކޯޓުގެ ހުކުމްގައި ބުނީ، ފުލުހުންގެ ގާނޫނުގެ އެ މާއްދާގައި "އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހިނދަކު" ކަމަށް ބަޔާންކޮށްފައި ވާއިރު، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 1-75 މާއްދާ އާއި ފުލުހުންގެ ގާނޫނުގެ 97 ވަނަ މާއްދާގެ (ހ)އާ ފުށުއެރުންތަކެއް އޮތް ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
އޭގެ އިތުރުން ހުކުމްގައި ފާހަގަކުރި ގޮތުގައި:
-
މައްޔިތާގެ ހަށިގަނޑު ވީ އެންމެ އަވަހަކަށް ވަޅުލުމަކީ ކީރިތި ރަސޫލާގެ ސުންނަތުން އެގެން އޮންނަ ކަމެއް އަދި މައްޔިތާގެ އޮޓޮޕްސީ ހެދުން އެއީ އިސްލާމްދީނުގައި އާންމު އުސޫލުން ހުއްދަކޮށްފައިވާ ކަމެއް ނޫން
-
ނަމަވެސް އިސްލާމީ އިލްމުވެރިންގެ އަރިހުގައި ޕޯސްޓްމޯޓަމަކީ ޒަރޫރަތަކަށް މުހިންމު ކަމެއް ކަމަށް ދެކޭތީ، ޖިނާއީ ތަހުގީގްތަކުގައި މަރުވި ސަބަބު ހޯދުމަށް އުދަނގޫވާ ހާލަތްތަކުގައި މަރުވި ސަބަބު ހަމައެކަނި ޕޯސްޓްމޯޓަމް ހަދައިގެން ނޫން ގޮތަކަށް ޔަގީންކުރެވެން ނެތް ނަމަ، މައްޔިތާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުން ހުއްދަކޮށް އެކަމާ މެދު ބަހުސްކޮށްފައިވާކަން އެނގެން އޮވޭ
"[ޖިނާއީ އިޖުރާތުގެ ގާނޫނާއި އޭގެ ދަށުން ހަދާފައިވާ ގަވައިދުގެ ދަށުން] އިހުމާލުގެ އަމަލަކުން މީހަކު މަރުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތުގައި، މަރުވެފައިވާ މީހާގެ ސަބަބު ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމެއް ހެދުމުގެ އިހްތިޔާރު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވާކަމަށް ޝަރީއަތައް ގަބޫލު ކުރެވޭ،" އެ ހުކުމްގައި ބުނެފައިވެ އެވެ.
އެހެންކަމުން ގާޒީ ނިންމެވީ، މި މައްސަލައިގައި އަބްދުﷲގެ މަންމަ އެދިފައިވާ ގޮތުގެ މަތިން ކޯޓު އަމުރެއް ނެރެދޭން ޖެހޭނެ ތަނެއް ނެތް ކަމަށެވެ.
-
އިތުރަށް ކިޔާލަން - ދައުލަތުގެ ސްޓޭންޑް: އަމުރެއް ނެތި ވެސް ޕޯސްޓްމޯޓަމް ހެދޭނެ