އެއާޕޯޓުގައި މިއަދު ކާރެއް އެކްސިޑެންޓްވެފައި. (ފޮޓޯ/އެމްވީކްރައިސިސް)

އެއާޕޯޓުގައި ކާރެއް ކޮންޓްރޯލުން ނެއްޓި 3 މީހަކަށް އަނިޔާވެއްޖެ

ތިން މީހުންނަށް ހުޅުމާލެ މެޑިކަލް ޕޯސްޓުން ދަނީ ފަރުވާ ދެމުން

ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ)ގައި ކާރެއް ކޮންޓްރޯލުން ނެއްޓި މިއަދު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކާރު ކޮންޓްރޯލުން ނެއްޓި އިންޓަނޭޝަލް ޓާމިނަލްގެ ކުރިމައްޗަށްވާ ގޮތަށް ހުރި ވަކަރު ފެންސުތަކެއް ފަޅާފައި ވަނީ ގޮސްފައެވެ. ދިރާގަށް ނިސްބަތްވާ އެ ކާރު އެކްސިޑެންޓުވި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ 3:28 ހާއިރު އެވެ.

ފުލުހުންގެ ބަސް - ފުލުހުންގެ ތަރުޖަމާނަކު 'ދައުރު'އަށް ވިދާޅުވީ، އަނިޔާ ލިބުނު ތިން މީހުންނަށް ހުޅުމާލެ ހެލްތް ޕޯސްޓުން ފަރުވާ ދެމުން އަންނަ ކަމަށެވެ.

"އަނިޔާގެ ތަފްސީލެއް އަދި ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ތަފްސީލް - ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި، ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަދި ކާރު ދުއްވަން އިން ޑްރައިވަރާއި ކާރުން ބޭރުގައި ހުރި އިތުރު ދެ މީހަކަށް އަނިޔާވެފައިވާ ތަން އެ ވީޑިއޯ އިން ފެނެ އެވެ.

ދިރާގުގެ ބަސް - ދިރާގުން ކުރި ޓުވީޓެއްގައި ބުނީ، އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި އަނިޔާވި ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ.

"އަނިޔާ ލިބުނު މީހުންނަށް އެހީތެރިވުމުގެ މަސައްކަތް މި ދަނީ ކުރަމުން. އަދި އެކްސިޑެންޓުގެ ތަހުގީގަށް އެއްބާރުލުން ދޭނަން،" ދިިރާގުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް