ހ. ޝީރީން ވިލާގައި އަންހެނަކު މަރާލި މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް.
ޝިއާއުގެ މަރު: ޝާހިލް ތަހުގީގުގައި އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވޭ
މާލޭގެ ގެއެއްގެ ތެރޭގައި ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަލީ ޝާހިލް، 23، އަދިވެސް ފުލުހުންގެ ތަހުގީގަށް އެއްބާލުން ނުދޭކަން 'ދައުރު'އަށް އެނގިއްޖެ އެވެ.
މައްސަލައިގެ ފެށުން - ހ. ޝީރީން ވިލާ ގޭގެ ނުވަ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓުގެ ތެރޭގައި މި މަހުގެ 6ގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނީ ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު، 22، އެވެ. މި މައްސަލައިގައި ޝާހިލްއަށް އެކަނި އަދި ތުހުމަތު ކުރެވޭއިރު، އޭނާ ހައްޔަރުކޮށްފައި ވަނީ ހަމަ އެ ރޭ ކުށުގެ ވެށިންނެވެ.
ތަފްސީލު - ޝިއާއުގެ މަރަށް މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ޝާހިލް ތަހުގީގުގައި އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވެ އެވެ. އަދި ޝިއާއު މަރާލި ކަމަށް އޭނާ އިއުތިރާފް ވެސް ނުވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން ކަށަވަރުކޮށްދިނެވެ.
ފުލުހުންގެ ބަސް - މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، މި މައްސަލައަކީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ވާތީ ޝާހިލް ތަހުގީގަށް އެއްބާރުލުން ދޭ މިންވަރާ ގުޅޭ ގޮތުން މިވަގުތު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ފުލުހުން ބުނީ، އެފަދަ މައުލޫމާތެއް ހާމަކުރުމުން ތަހުގީގަށް ހުރަސް އެޅިދާނެތީ އެވެ.
"މި މައްސަލައިގައި އިތުރު އަޕްޑޭޓެއް އޮތް ނަމަ، ހާމަކުރާނެ ވާހަކަ ދަންނަވަން،" ތަރުޖަމާނު ވިދާޅުވި އެވެ.
އެނގުން މުހިންމު - ޝާހިލްގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ވާއިރު، މި ކަމުގެ ތަހުގީގާ ގުޅިގެން ފުލުހުން އަދި މިހާތަނަށް މާ ބޮޑު ތަފްސީލެއް ނުދެ އެވެ. މި މަރާ ގުޅިގެން ފުލުހުން މިހާތަނަށް ބޭއްވި ހަމައެކަނި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވާ ގޮތުގައި:
-
ޝާހިލް އޭރު ކުށަށް އިއުތިރާފެއް ނުވޭ
-
ޝާހިލް ހައްޔަރުކުރި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި
-
ޝިއާއު މަރާލުމަށް ބޭނުން ކުރި އާލާތްތައް ވަނީ ހޯދާފައި
-
ޝާހިލްގެ ކުށުގެ ރިކޯޑެއް ނެތް
ގުޅުން ހުރި ކަމެއް - ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިދިޔަ އާދިއްތަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ ފުވައްމުލަކުގައި ވަނީ ޖަނާޒާ ބާއްވާފަ އެވެ. ޕޯސްޓްމޯޓަމްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.