މޮންގޯލިއާގެ އެތުލީޓުން އެ މީހުންގެ އޮލިމްޕިކްސް ޔުނިފޯމް ދައްކާލަނީ
އޮލިމްޕިކްސްގެ އެންމެ ސަޅި ޔުނިފޯމްތައް ދުށިންތަ؟
އޮލިމްޕިކް މުބާރާތް 26 ޖުލައިގައި ފްރާންސްގެ ޕެރިހުގައި ހުޅުވުމުގެ ރަސްމިއްޔާތު ވެގެންދިޔައީ ކުޅިވަރުތަކުގެ ރޫހުގައި އުފާފާޅުކުރުމުގެ މުނާސަބަތަކަށް އެކަންޏެއް ނޫނެވެ. އެކި ގައުމުތަކުގެ ސަގާފަތް ދައްކުވައިދޭ ފެޝަން ރަންވޭއަކަށް ވެސް އެ އިވެންޓްވި އެވެ.
ސަގާފީ ތަރިކަ އާއި ފަންނުވެރިކަމުގެ އަގު ވަޒަންކުރާ ތަފާތު ޑިޒައިންތަކުން ފެށިގެން، ނަލަ ހެދުންތަކެއް ސަސްޓެއިނަބަލް ފޭރާން ބޭނުންކޮށްގެން ވެސް ފަރުމާކޮށްފައި ދައްކާލި އެވެ.
މި އަހަރު އޮލިމްޕިކްސްގައި ބައިވެރިވި ގިނަ ގައުމުތަކުން ވަނީ ހުޅުވުމުގެ ރަސްމިއްޔާތު ފެށުމުގެ ކުރިން އެ ގައުމުތަކުގެ އެތުލީޓުންގެ ރަސްމީ ޔުނިފޯމްތައް ވަރަށް ހިތްގައިމު ފޮޓޯޝޫޓްތަކަކުން އިންޓަނެޓުގައި ދައްކާލައިފަ އެވެ. އޮލިމްޕިކްސްގައި މުޅި ޓީމްއަށް ރަން މެޑަލް ނުލިބުނަސް ބައެއް ގައުމުތަކުގެ އެތުލީޓުންގެ ޔުނިފޯމްތައް ވަނީ ތައުރީފުގެ ބަސްތައް ހޯދާފަ އެވެ.
އެތުލީޓުންގެ ތަފާތު ޔުނިފޯމްތަކުގެ އިތުރުން އޮލިމްޕިކްސްގެ ޕާޓްނަރެއް ކަމަށްވާ ލުއީ ވުޓަން އިން ވަނީ މެޑަލް ދިނުމަށް އޮލިމްޕިކްސްގެ އިންތިޒާމް ކޮމިޓީން ހޮވާފައިވާ 515 ވޮލަންޓިއަރުންނަށް 1920ގެ އަހަރުތަކުން ހިޔާލު ހޯދައިގެން ހެދުންތައް ފަރުމާކޮށްފަ އެވެ.
ލުއި ވުޓަންގެ ކޮމިއުނިކޭޝަންސް ހެޑް އެންޓޮއަން އަނޮލްޓް ބުނިގޮތުގަ މެޑަލް ގެންނަ މީހުންގެ މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނެ ގޮތަށް ވަރަށް ރީތި، ސާދާ ހެދުމެއް ފަރުމާކުރީ މިކަހަލަ ބޮޑު އިވެންޓަކަށް އެންމެ އެކަށޭނެ ގޮތަށެވެ.
ދެ ޖިންސުގެ މީހުންނަށް އެއްގޮތް މި ޔުނިފޯމްގައި ހިމެނެނީ ޕޯލޯ ގަމީހަކާއި ދޫ ހަރުވާޅަކާއި 'ގެވްރޯޗޭ' ތޮތްޕެކެވެ. މި ސްޓައިލް ރަމްޒުކޮށްދެނީ 1924ގައި ޕެރިހުގައި އޮލިމްޕިކްސް މުބާރާތް ބޭއްވުމަށް ފަހު ދެން ފެނުނު 'ސްޕޯޓްސްވެއާ'ގެ ފެށުމެވެ.
ދެން މި ލިސްޓުކޮށްލަނީ އެންމެ ހިތްގައިމު ހަ ޔުނިފޯމެކެވެ.
1. މޮންގޯލިއާ
މޮންގޯލިއާގެ އުލާންބާތަރުގެ ފެޝަން ލޭބަލް މިޝޭލް އެންޑް އެމެޒޯންކާ އިން މޮންގޯލިއާގެ އެތުލީޓުންނަށް ފަރުމާކޮށްފައިވާ ޔުނީފޯމްތައް މިދިޔަ މަހު ދައްކާލުމާ އެކު ޓިކްޓޮކްގައި ފޯރިގަދަކޮށް އޭގެ ވާހަކަ ދެކެވެން ފެށި އެވެ. އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެތުލީޓުން ލައިގެން ތިބި މި ޔުނީފޯމުން ވަރަށް ހިތްގައިމު ކަންތައްތަކެއް ފެންނަން ހުއްޓެވެ. މޮންގޯލިއާގެ ގައުމީ އޮލިމްޕިކް ކޮމިޓީން ބުނި ގޮތުގައި ކޮންމެ ޔުނީފޯމެއް ނިންމަން ގާތްގަނޑަކަށް 20 ގަޑިއިރު ހޭދަވި އެވެ.
މި ޔުނިފޯމުގައި މޮންގޯލިއާގެ 'ޑީލް' (އަސް ދުއްވަން އެ މީހުން ހާއްސަކޮށް ލައި އުޅޭ ސަގާފީ ފޭރާމެއް) އާ އެއްގޮތަށް ޖަރީކޮށްފައިވާ ވެސްޓެއް ހިމެނެ އެވެ. އެ ގައުމުގެ ގައުމީ ކުލަތައް ކަމަށްވާ ނޫ، ރަތް އަދި ހުދު ކުލައިގެ އިތުރުން މޮންގޯލިއާގެ ދިދައިން ފެންނަ 'ސޯޔޮމްބޯ' ނިޝާން ހިމެނޭ އެކި ޑިޒައިންތައް ބޭނުންކޮށްފައި ވެ އެވެ. ޕެރިހާއި އޮލިމްޕިކްސްއާ ގުޅިފައިވާ ޑިޒައިންތައް ކަމަށްވާ އައިފިލް ޓަވަރާއި އޮލިމްޕިކްގެ ހުޅުކޮޅު ވެސް ހިމެނެ އެވެ.
އެންމެ ތިން މަސް ދުވަހުގެ ތެރޭގައި ނިންމި ޔުނިފޯމްތަކުގައި ފާހަގަކޮށްލެވޭ ކަވި އަދި ހިތްގައިމު އެމްބްރޮއިޑަރީ މަސައްކަތުގެ އިތުރު އެހެން މާނަތަކެއް އެކުލެވިގެންވެ އެވެ. އެގޮތުން މިނިވަންކަން ރަމްޒު ކޮށްދޭން ދޫނި ބޭނުންކޮށްފައި ހުއްޓެވެ. ގައުމުގެ ހިތްގައިމު ގުދުރަތީ މަންޒަރުތައް ދައްކުވައިދޭން ފަރުބަދަތައް ވިޔެފައި ހުއްޓެވެ.
މިޝޭލް އާއި އެމެޒޯންކާ އަކީ 'ރެޑީ-ޓު ވެއާ' އަދި ޔުނިފޯމް ފަރުމާ ކުރުމަށް މަޝްހޫރު ވަމުން އަންނަ ދެ ޑިޒައިނަރުންނެވެ. މި ދެބެއިންގެ ބްރޭންޑުން ވަނީ މޮންގޯލިއާ އެއާލައިންސްގެ ޔުނީފޯމާއި 2020 ވަނަ އަހަރު ޓޯކިޔޯގައި ބޭއްވި އޮލިމްޕިކްސް އާއި 2022 ވަނަ އަހަރު ބެއިޖިންގައި ބޭއްވި އޮލިމްޕިކްސްގައި މޮންގޯލިއާ އެތުލީޓުން ބޭނުންކުރި ރަސްމީ ޔުނީފޯމް ވެސް ފަރުމާކޮށްފަ އެވެ.
2. ދެކުނު ސޫދާން
އެންމެ ފިރިހެންވަންތަ އަދި ފެޝަނަބަލް ޔުނިފޯމްތަކުގެ ލިސްޓުގައި ހިމެނޭ އެއް ބަޔަކީ ދެކުނު ސޫދާންގެ ބާސްކެޓްބޯޅަ ޓީމެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރު ވަމުން އަންނަ ފޮޓޯއެއްގައި، އެ ޓީމްގެ ދިގު ކުޅުންތެރިން ކަޅު ކުލައިގެ ނަލަ ސޫޓަކާއި ފަޓުލޫނެއް ލައިގެން ތިބޭ ތަން ފެނެ އެވެ. އެ މީހުންގެ ސޫޓުގައި ގައުމަށް ނިސްބަތްވާ ކުލަތަކުން ކުދި 'ޑީޓެއިލް'ތައް ހިމަނާފައިވެ އެވެ. މި ސާދާ ޔުނިފޯމް ފަރުމާކޮށްފައިވަނީ ރުވާންޑާއަށް ނިސްބަތްވާ ޑިޒައިނަރެއް ކަމަށްވާ މޯސަސް ތުރަހިރްވާ އެވެ.
3. ސްރީ ލަންކާ
ސްރީ ލަންކާގެ ރަސްމީ އޮލިމްޕިކްސް ޔުނިފޯމްގެ ޑިޒައިންއަށް ހިޔާލު ހޯދާފައިވަނީ 1800ގެ އަހަރުތަކުގެ ޝާހީ ކޯޓުގައި ނީލަމް (ޕްރިންސް) އާއި މަނިކެ (ޕްރިންސަސް) ތުރުކުރެއްވި ހެދުންތަކުންނެވެ. އެ ހެދުންތަކަށް ވަނީ ޒަމާނީ ބަދަލެއް ގެނެސްފަ އެވެ. ޔުނިފޯމްތަކުގައި ބޭނުންކޮށްފައިވާ ލޮޓަސް މާ 'މޯޓިފް'އިން ރަމްޒުކޮށްދެނީ އޮލިމްޕިކްގެ އަސާސްތަކެވެ. އެއީ މަސައްކަތްތެރިކަމަށް ހިތްވަރުދިނުމާއި އިންސާނީ ކަރާމާތް ހިފެހެއްޓުން އަދި އެއްބައިވަންތަކަން އުފެއްދުމެވެ.
ކޮންމެ ޔުނިފޯމެއްގައި އޮލިމްޕިކްސްގެ ފަސް ބޮޅު ހިމެނެ އެވެ. އަދި ސިންގާގެ ނިޝާނާއި އެތުލީޓުންގެ ނަން ހިމަނާފައި ވަނީ އެކަމުގައި ޝާމިލްވާ އެންމެންގެ އަގު ވަޒަން ކުރުމަށެވެ. ސިލްކް ފޮތީގައި ޖަރީގެ މަސައްކަތް ކޮށްފައިވާ މި ސަގާފީ ސްޓައިލުގެ ހެދުމަށް އެތައް ބައެއްގެ ތައުރީފު ލިބިފައިވެ އެވެ.
ކުޅިވަރަށް ހާއްސަ މަޖައްލާ ސްޕޯޓްސް އިލަސްޓްރޭޓަޑްއިން ވަނީ ސްރީ ލަންކާގެ ޔުނިފޯމް އެންމެ ހިތްގައިމު ޔުނިފޯމްތަކުގެ ލިސްޓުގެ ތިންވަނައިގައި ހިމަނާފަ އެވެ. މިއީ މަގުބޫލު ޑިޒައިނަރެއް ކަމަށްވާ އަސަންކަ ޑި މެލް އެ ގައުމުގެ ބްރޭންޑު ލޯވީ ސިލޯންއަށް ފަރުމާކޮށްދިން ޔުނިފޯމްތަކެކެވެ.
4. ހެއިޓީ
ޕެރިސް އޮލިމްޕިކްސްއަށް ހެއިޓީގެ ޔުނީފޯމް އުފެއްދީ އިޓަލީގެ ޑިޒައިނަރު ސްޓެލާ ޖީން އެވެ. މި ޔުނިފޯމްތަކުގައި ހެއިޓީގެ އާޓިސްޓެއް ކަމަށްވާ ފިލިޕް ޑޯޑާޑްގެ ކުރެހުމެއް، ހާއްސަކޮށް އޭނާގެ 'ޕެސެޖް' ހިމަނާފައިވެ އެވެ.
ސްޓެލާ ޖީން މި ޔުނިފޯމް ފަރުމާކުރިއިރު އިސްކަންދިނީ އޭނާގެ އުފަން ގައުމު ހެއިޓީގެ ތާރީހަށާއި ސަގާފަތަށެވެ. އަންހެން އެތުލީޓުންނަށް ސްކާޓްއަކާ އެކު ހެއިޓީގައި ވިޔެފައިވާ ގަމީހެކެވެ. ފިރިހެން އެތުލީޓުންނަށް ހާއްސަ 'ފީލްޑް ޖެކެޓް' އަކީ ހެއިޓީގެ ސަގާފީ ގަމީސް 'ގުއޭޔަބެރާ' އިން ހިޔާލު ހޯދައިގެން ފަރުމާކޮށްފައިވާ ފޭރާމެކެވެ. ހުރިހާ ހެދުމެއް ވެސް އުފައްދާފައިވަނީ ރީސައިކަލް ކޮށްފައިވާ ފޮތި ބޭނުންކޮށްގެނެވެ.
5. ޓައިވާން (ޗައިނީޒް ޓައިޕެއި)
މަޝްހޫރު ބްރޭންޑު 'ޖަސްޓް އިން އެކްސްއެކްސް'ގެ ޑިޒައިނަރު ޖަސްޓިން ޗައު ޓައިވާންގެ އެތުލީޓުންނަށް އޮލިމްޕިކްސްގެ ޔުނިފޯމްތައް ދެވަނަ ފަހަރަށް ފަރުމާކޮށްދިނީ އުފެއްދުންތެރި ޓެކްނޮލޮޖީ އާއި ސަގާފީ މަސައްކަތްތެރިކަން އެކުލަވައިގެންނެވެ.
ޓޯކިޔޯ އޮލިމްޕިކްސް 2020ގެ ޔުނިފޯމްތައް ވެސް ޓައިވާނަށް ފަރުމާކޮށްދިނީ ޖަސްޓިން ޗައު އެވެ. އޭނާ މި އަހަރު ވަނީ ތަފާތު ސްޓައިލްއަކަށް ފަންނުވެރިކަމާއި ދެމެހެއްޓެނިވި އުސޫލުތައް ބޭނުންކޮށްގެން ހިތްގައިމު ސޫޓްތަކެއް އުފައްދައިފަ އެވެ.
އެތުލީޓުންގެ ސޫޓުގެ ފޮތިގަނޑުގައި ޕްރިންޓު ކޮށްފައި ވަނީ ޓައިވާންގެ އާޓިސްޓެއް ކަމަށްވާ ޕޯލް ޗިއެންގެ 'މައުންޓަން ރޭންޖް އޮފް ޓައިވާން' ކިޔާ ކުރެހުމެކެވެ. ޓައިވާންގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ނިޝާނެއް ގޮތުގަ އެވެ. އެތުލީޓުންގެ މޭގައި ޖަހާފައި ހުރި ދަތިތަކަކީ ޓައިވާންގެ ގައުމީ މާ 'ޕްލަމް' އަދި 'ކެނޯލާ ބްލޮސަމްސް' އެވެ. މި މާތަކުން ރަމްޒުކޮށްދެނީ 'ގުޑް ލަކް' އެވެ. ފަންނުވެރިއެއް ކަމަށްވާ ޔެން ޔޫ ޔިންގް ވަނީ ފަތްކޭލުގެ ފައިބަރު ބޭނުންކޮށްގެން ޓީމުގެ ބޫޓާއި ބެލްޓް ތައްޔާރުކޮށްފަ އެވެ. މީގެ އިތުރުން މި ޔުނިފޯމްތައް ފަރުމާކުރަން ޖަސްޓިން ވަނީ އެކި ވައްތަރުގެ ފަންނުވެރިންނާ އެކު މަސައްކަތް ކޮށްފަ އެވެ.
6. ސްޕެއިން
ސްޕެއިންގެ ޔުނިފޯމް ފަރުމާކޮށްފައިވަނީ ސްޕެއިންގެ ސްޕޯޓްސްވެއާ ބްރޭންޑެއް ކަމަށްވާ ޖޯމާ އެވެ. މިއީ ސްޕެއިންގެ ސަގާފީ ރަމްޒެއްގެ ގޮތުގައި ބޭނުންކުރާ ކާނޭޝަން މަލުން ހިޔާލު ހޯދައިގެން ހަދާފައިވާ ކަލެކްޝަނެކެވެ.
މި ޔުނިފޯމްތަކުގައި ސްޕެއިންގެ ދިދައިގެ ކުލަތައް ވެސް ބޭނުންކޮށްފައިވެ އެވެ. ސްޕެއިންގެ ގައުމީ ކުލަތައް ހިމެނޭ މި ޔުނިފޯމްތައް ފަރުމާކޮށްފައި ހުރީ ޓްރެކްސޫޓު ސްޓައިލަށެވެ.