އަފްޒަލް ޝާފިއު އޭނާގެ 'ނަފްސް' މައުރަޒުގައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)
'ނަފްސް' މައުރަޒު: އަފްޒަލްގެ ނަޒަރުން ހިޔާލުތައް، ނުތަނަވަސްކަން، އަމަލުތައް
ޒަމާނުއްސުރެ އާޓް އަކީ އިންސާނުންގެ ކުރިއެރުމަށާއި ވަކީން ހާއްސަކޮށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށާއި ތަނަވަސްކަމަށް މުހިއްމު ރޯލެއް އަދާ ކުރާ ވަސީލަތެކެވެ. އަދި އާޓް އުފައްދާ، އާޓް މަސައްކަތެއް ބަލައި ތަޖުރިބާ ކޮށްލުމަކީ ވެސް ނަފްސާނީ ދުޅަހެޔޮކަމަށް ރަނގަޅު ކަމެއް ކަމަށް ވަނީ ގިނަ ދިރާސާތަކަކުން ދައްކާފަ އެވެ.
ރާއްޖޭގެ މަޝްހޫރު އާޓިސްޓު އަފްޒަލް (އަފޫ) ޝާފިއުގެ އެންމެ ފަހުގެ މައުރަޒު 'ނަފްސް' ހާއްސަވަނީ ނަފްސާނީ ދުޅަހެޔޮކަމަށެވެ.
އަފްޒަލް އަކީ އިތުރު ތައާރަފެއް ބޭނުންނުވާ ފުންނާބުއުސް ދިވެހި އާޓިސްޓުންގެ ލިސްޓުގައި ހިމެނޭ އެކަކެވެ. ރާއްޖޭގެ އާޓް ދާއިރާއަށް އޭނާ ވަނީ ގިނަ ހިދުމަތްތަކެއް ކޮށްދީފަ އެވެ. އޭނާގެ އުފެއްދުންތަކަކީ އޭގެ ތަފާތުކަމަށާއި ކޮންސެޕްޗުއެލިޓީއަށްޓަކައި އަބަދުވެސް ވިދާ މަސައްކަތްތަކެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ.
ދާދި ފަހުން އަފްޒަލް ވަނީ އިނގިރޭސިވިލާތުގެ ބާތު ސްޕާ ޔުނިވާސިޓީން ފައިން އާޓްގެ ދާއިރާ އިން މާސްޓާސް ހާސިލްކޮށްފަ އެވެ. އަފްޒަލްގެ އާޓް މީގެ ކުރިން 55 މައުރަޒެއްގައި ދައްކާލައިފައިވެ އެވެ. އޭގެ ތެރޭގައި ބައިނަލްއަގްވާމީ 26 މައުރަޒެއް ހިމެނެ އެވެ.
ގައުމީ އާޓް ގެލެރީގައި މި މަހު 11ގައި އާއްމުންނަށް ހުޅުވާލި މައުރަޒު 'ނަފްސް'ގައި އަފްޒަލް ދައްކާލަނީ އޭނާ 2020 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ކޮށްފައިވާ މަސައްކަތްތަކެވެ.
މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާ ވަނީ ނަފްސާނީ ދުޅަހެޔޮކަމަށް އަލިއަޅުވާލަން ޖެހުނު ސަބަބު ކުރުކޮށް ކިޔައިދީފަ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މުޅި ދުނިޔެ ހުއްޓުމަކަށް އައިސް، އެންމެން ވެސް ތިބީ ނުތަނަވަސްކަމާއި ހާސްކަމެއްގެ ތެރޭގަ އެވެ. ގޭތެރޭގައި ބަންދުވެގެން ތިބެން ޖެހި، އެކަމުން އަރައިގަނެވޭނެ މަގެއް އަދި ވަސީލަތްތައް ވެސް ހުރީ ވަރަށް ހަނިވެފަ އެވެ. އެއީ އަފްޒަލް އިނގިރޭސިވިލާތުގައި ކިޔަވަން ހުރި ދުވަސްވަރެވެ. އޭނާ ބުނިގޮތުގައި މި މައުރަޒުން ފެންނަ ކުރެހުންތަކަށް މަސައްކަތް ކުރަން އޭރު ފެށީ 'މެޑިޑޭޓިވް ޕްރޮސެސް'އެއްގެ ގޮތުގަ އެވެ. އެއީ، އެ ދުވަސްވަރުގެ ހާސްކަމާއި ނުތަނަވަސްކަމުގެ ތެރެއިން އޭނާއަށް ހިތްހަމަޖެހުމެއް ގެެނެސްދިން ކަމަކަށް ވެގެންދިޔަ އެވެ.
'ނަފްސް' މައުރަޒުން ފެންނަނީ އޭނާ އޭރު ކުރި މަސައްކަތްތަކުން ތެރެއިން ބައެއް އުފެއްދުންތައް ކަމަށް އަފްޒަލް ބުންޏެވެ.
އަފްޒަލް ވަނީ މައުރަޒަށް ތައްޔާރުވާން އެކި ގޮތްގޮތަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން، އައިޖީއެމްއެޗްގެ ނެޝަނަލް ސެންޓަ ފޯ މެންޓަލް ހެލްތުގެ ކޮންސަލްޓަންޓުންގެ ގޮތުގައި މަސައްކަތްކުރައްވާ ޑރ. ޝަނޫހާ މަންސޫރު އާއި ޑރ. އާރިފް މުހައްމަދުއާ މަޝްވަރާ ކުރި އެވެ.
"އެ ބޭފުޅުން ވެސް ވަރަށް ޕާސަނަލް އިންޓްރެސްޓެއް ނަގައިގެން، އެ ބޭފުޅުން ލިޔެދެއްވާފައި އިން ޕެމްފްލެޓެއް މިއީ، މެންޓަލް ވެލް-ބީއިންނާ ބެހޭގޮތުން،" އަފްޒަލް ކިޔައިދިނެވެ.
އަފްޒަލް ސިފަކުރާ ގޮތުގައި 'ނަފްސް' އަކީ އަޅުގަނޑުމެންގެ ސިކުނޑި އާއި ހިޔާލުތަކާއި އަމަލުތަކަށް ބަލައި، ވިސްނުމާއި އެއްބައިވަންތަކަމާއި ނުތަނަވަސްކަމުގެ ތެރޭގައި، އަޅުގަނޑުމެންގެ ނަފްސާއި ވިސްނުމާއި އަމަލުތައް ދެނެގަތުމެވެ. މި މައުރަޒުގައި ދައްކާލާ ކުރެހުންތަކާއި ސްކަލްޕްޗާތަކަކީ މި ކަންތައްތަކަށް އަލިއަޅުވާލާ އުފެއްދުންތަކެކެވެ.
މަޑު ރީނދޫ، ނޫ، ފެހި އަދި ދަނބު ފަދަ ގުދުރަތީ ކުލަތައް ހިމެނޭ ހުވަފެނީ ސްޓައިލެއްގެ މޮޑާން އާޓްވޯކްތައް މި މައުރަޒުގައި ބައިވެރިކޮށްފައިވެ އެވެ. ބައެއް ކުރެހުންތަކަށް ދުރުން ބަލައިލުމުން، އެކި ކުލަތައް އެއްވެފައި ހުރި ހުވަފެނީ ވިލާގަނޑެއްހެން ހީވުން އެކަށީގެންވެ އެވެ. އެކަމަކު ކުރެހުމާ ގާތަށް އައުމުން ކޮންމެ ކުރެހުމެއްގެ ތެރޭގައި ވެސް އެތަކެއް ކުދި އެކި ކަންތައްތައް ހިމެނޭކަން ފާހަގަވެ އެވެ. ކޮންމެ ކުރެހުމެއްގައި ވެސް ގިނަ ކަންތައްތަކެއް އެކުލެވިގެންވެ އެވެ. އެކި ޒާތުގެ ޓެކްސްޗާއިން ފެށިގެން ބައްޓަމާއި އަކުރާއި ލަފުޒު އަދި މަސްމަހާމެހި އެއްވެފަ އެވެ. އެކަމަކު މި ބޮޑު މަސްހުނިގަނޑުގެ ތެރެއިން ވެސް ލޮލަކަށް އުނދަގުލެއް ނުވެ އެވެ. ބަލައިލަން އެހާމެ ހިތްފަސޭހަ އެވެ. ގިނަ ކުރެހުންތަކަށް ބަލައިލުމުން ހިތްހަމަޖެހުމެއް އިހުސާސުވެ އެވެ. ނުވަތަ އިތުރަށް ޝައުގުވެރިކަމެއް އުފެދެ އެވެ.
މި މައުރަޒުގެ ކުރެހުންތައް ހުރީ އެކްރިލިކް އޮން ކެންވާސް އަދި އޮއިލް އޮން ވުޑް ޕެނަލް ފަދަ އެކި މީޑިއަމްތަކުގަ އެވެ. މީގެ އިތުރުން އަފްޒަލް ގައުމީ އާޓް ގެލެރީގައި ތައްޔާރުކޮށްފައިވާ ބޮޑެތި ސްކަލްޕްޗާތަކެއް ވެސް މައުރަޒުގައި ހިމެނެ އެވެ.
އަފްޒަލް މި މައުރަޒު ތައްޔާރުކޮށްފައިވަނީ ބެލުންތެރިންނަށް ވަރަށް ތަފާތު ތަޖުރިބާއެއް ގެނެސްދޭ ގޮތަށެވެ.
މައުރަޒު ފުރިހަމައަށް ބަލައި ތަޖުރިބާ ކޮށްލަން، މައުރަޒާ ގުޅުވައިގެން ހާއްސަ މިއުޒިކެއް ވަނީ ހިމަނާފަ އެވެ. އަރްމޭނިއާއަށް ނިސްބަތްވާ މިއުޒިޝަނެއް ކަމަށްވާ ޕްރޮފެސާ ގެވޯގް ޑަބަގްޔަންގެ ކޮމްޕޮޒިޝަނެއް މައުރަޒުގައި ކުޅެމުން ދާނެ އެވެ.
މީގެ އިތުރުން، އަފްޒަލް ތައްޔާރުކޮށްފައިވާ ސްކަލްޕްޗާތައް ފޯނުން ސްކޭން ކޮށްލުމުން ތުރީޑީކޮށް އެނިމޭޓުވެ އެވެ. މި ޒަމާނާ ގުޅުވާލައި، ޓްރެޑިޝަނަލް އަދި ޑިޖިޓަލް އާޓް ގުޅުވާލަދޭ ތަޖުރިބާއެއްގެ ގޮތުގަ އެވެ. އަފްޒަލް ބުނިގޮތުގައި ތުރީޑީ އެނިމޭޝަނެއް ނެރެން އެހީތެރިވެދިނީ 'އެންގޮން'ގެ އަލީ ފާރިއު މުހައްމަދު އާއި އިސްމާއިލް އިބާން ޝަރީފް އެވެ.
'ނަފްސް' މައުރަޒުން ތަޖުރިބާ ކޮށްލެވެނީ ކުރެހުންތަކެއް އެކަންޏެއް ނޫނެވެ. އެކަމަކު އާޓްސްގެ ތެރޭގައި ހިމެނޭ މިއުޒިކް އަދި ޑިޖިޓަލް އާޓް ވެސް ހިމަނާފަވެ އެވެ. ނަފްސާނީ ދުޅަހެޔޮކަމަށް ކުރެވިދާނެ ވަރަށް އާދައިގެ އެކަމަކު ފަސޭހަތަކެއް ލިބިދޭނެ ކަންކަން ވެސް މައުރަޒުގެ މޭޒެއްގައި ބަހައްޓާފައިވެ އެވެ.
'ނަފްސް' މައުރަޒު ގައުމީ އާޓް ގެލެރީގައި އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.