ސެރީނާ ވިލިއަމްސް ކައުންސިލް އޮފް ފެޝަން ޑިޒައިނާޒް އޮފް އެމެރިކާ (ސީއެފްޑީއޭ)ގެ އަހަރީ އިނާމް ދިނުމުގެ ހަފްލާގައި ބައިވެރިވަނީ

ފެޝަން

ސެރީނާ ވިލިއަމްސް: ފެޝަން އައިކޮންގެ ޝަރަފު ލިބުނު ފުރަތަމަ އެތުލީޓު

ފެޝަންގެ އެންމެ ބޮޑު ހަފްލާގެ އެހެނިހެން ޝަރަފްވެރިންގެ ތެރޭގައި ގްވެނިތު ޕަލްޓްރޯގެ ގޫޕް، ޑިޒައިނަރު ވީރާ ވޭންގް އަދި ޖެފްރީ ބީން ހިމެނޭ
9 ނޮވެމްބަރު 2023

އެމެރިކާގެ ފެޝަން ޑިޒައިނަރުންގެ އެންމެ ބޮޑު ޖަމްއިއްޔާ ކަމަށްވާ ކައުންސިލް އޮފް ފެޝަން ޑިޒައިނާޒް އޮފް އެމެރިކާ (ސީއެފްޑީއޭ)ގެ އަހަރީ އިނާމް ދިނުމުގެ ހަފްލާ މިދިޔަ ހޯމަ ދުވަހުގެ ރޭ ނިއު ޔޯކް ސިޓީގެ އެމެރިކަން މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީގައި ވަނީ ބާއްވައިފަ އެވެ. ހޮލީވުޑްގެ 'އޭ-ލިސްޓު' ތަރިންނާއި މަގުބޫލު ލަވަކިއުންތެރިންގެ އިތުރުން ފެޝަން އިންފްލުއެންސަރުން ވެސް މި ބޮޑު ހަފްލާގައި ބައިވެރިވެ އެމީހުންގެ ހިތްގައިމު ހެދުންތައް ރަތް ދޫލަ މަތިން ދައްކާލި އެވެ.

ސީއެފްޑީއޭގެ 42 ވަނަ އަހަރީ ހަފްލާ ހޯސްޓު ކުރީ މަޝްހޫރު އެކްޓަރު އޭން ހެދަވޭ އެވެ. އޮސްކާ އެވޯޑުގެ ހަފްލާހާ ޝަރަފްވެރި މި ހަފްލާގައި އެމެރިކާގެ ފެޝަންގެ ކުރީގެ، މިހާރުގެ އަދި މުސްތަގުބަލުގެ އެންމެ މޮޅެތި ފަންނުވެރިން ފާހަގަ ކުރި އެވެ. ހަފްލާގެ ޝަރަފުވެރިންގެ ތެރޭގައި އެކްޓަރު ގްވިނެތު ޕަލްޓްރޯގެ ގޫޕް ބްރޭންޑާއި ފެޝަން އައިކޮން އޮފް ދަ އިޔާ ހާސިލުކުރި ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ހިމެނެ އެވެ.

ގްރޭންޑް ސްލޭމް ސިންގަލްސް ޗެމްޕިއަންކަން 23 ފަހަރު ހޯދާފައިވާ ސެރީނާއަކީ ސީއެފްޑީއޭގެ ފެޝަން އައިކޮންގެ ޝަރަފް ހޯދި ފުރަތަމަ އެތުލީޓެވެ. މީގެ ކުރިން އެ އެވޯޑު ލިބިފައިވަނީ ބިޔޯންސޭ، ޒެންޑާޔާ އަދި ރިއާނާ ފަދަ ތަރިންނަށެވެ.

ހަފްލާގައި ސެރީނާ ބުނިގޮތުގައި އޭނާއަށް ފެޝަނާއި ސްޓައިލްއަކީ އެހެން މީހުންނާ ތަފާތުވުމުގެ ވަސީލަތެކެވެ. އަދި އޭނާއަށް ޓެނިސް ކޯޓަކީ  ވަރަށް ގިނަ ގޮތްގޮތުން ރަންވޭއަކަށް ވެގެންދިޔަ ކަމަށް ވެސް ބުންޏެވެ.

ސެރީނާއާ ފެޝަން އައިކޮންގެ އެވޯޑު ހަވާލުކުރީ ފެޝަން ވިޔަފާރިވެރިޔާ އަދި ޓީވީ ތަރި ކިމް ކާޑޭޝިއަން އެވެ.

މީގެ އިތުރުން މަޝްހޫރު ފެޝަން ޑިޒައިނަރު ވީރާ ވޭންގް ބްރައިޑަލް ދާއިރާއަށް ކޮށްދިން އަގުހުރި ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ބޯޑް އޮފް ޑައިރެކްޓާސް ޓްރިބިއުޓް އިނާމް ދިނެވެ.

ޖެފްރީ ބީން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލު ކުރީ 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ ފެޝަން ޑިޒައިނަރު މާރިއާ ކޯނޭޖޯ އެވެ.

މިފަހުގެ މަގުބޫލު ފެޝަން ބްރޭންޑުތައް ކަމަށްވާ ޖޭޑަބްލިއު އެންޑަސަން އަދި ލޮވޭވޭގައި ކުރި މަސައްކަތަށްޓަކައި އިންޓަނޭޝަނަލް ޑިޒައިނާ އޮފް ދަ އިޔާގެ އެވޯޑް ފެޝަން ޑިޒައިނަރު ޖޮނަތަން އެންޑަސަންއަށް ލިބުނެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުގެ ހަފްލާ ވެސް ސްޕޮންސާ ކުރީ އެމެޒޮން ފެޝަން އެވެ. އެ ކުންފުނިން ތައާރަފު ކުރި އަމިއްލަ އެވޯޑް ކެޓަގަރީއެއް ކަމަށްވާ އިނޮވޭޝަން އެވޯޑް މި އަހަރު ކާމިއާބު ކުރީ ގްވެނިތު ޕަލްޓްރޯގެ ގޫޕް އެވެ. މި ކުލަ ގަދަ ހަފްލާގައި އެވޯޑް ހޯދި ހުރިހާ ޝަރަފުވެރިންގެ ލިސްޓެއް ތިރީގައި ހިމަނާލާނަމެވެ.

  •  އެމެރިކަން މެންސްވެއާ ޑިޒައިނާ އޮފް ދަ އިޔާ - ވިލީ ޝަވަރިއާ

  • އެމެރިކަން އެކްސެސަރީ ޑިޒައިނާ އޮފް ދަ އިޔާ - ފެޝަން ބްރޭންޑު ދަ ރޯގެ ޑިޒައިނަރުން ކަމަށްވާ އޭޝްލީ އޮލްސަން އާއި މޭރީ-ކޭޓް އޮލްސަން

  • އެމެރިކަން އިމާޖިން ޑިޒައިނާ އޮފް ދަ އިޔާ - ޑިއޯޓިމާގެ ރޭޗަލް ސްކޮޓް

  • އެމެރިކަން ވިމެންސްވެއާ ޑިޒައިނާ އޮފް ދަ އިޔާ - ކެތަރިން ހޯލްސްޓެއިން ފޯ ކައިޓޭ

  • ފެޝަން އައިކަން - ސެރީނާ ވިލިއަމްސް

  • އެމެޒޮން ފެޝަންގެ އިނޮވޭޝަން އެވޯޑް - ގޫޕް

  • ބޯޑް އޮފް ޑައިރެކްޓާސް ޓްރިބިއުޓް - ވީރާ ވޭންގް

  • ފައުންޑާސް އެވޯޑް - އެލެނޯ ލެމްބާޓްގެ ޝަރަފުގައި ޑޮމިނިކޯ ޑި ސޯލް

  • ޖެފްރީ ބީން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް - މާރިއާ ކޯނޭޖޯ

  • މީޑިއާ އެވޯޑް - ޔޫޖީނިއާ ޝެޕާޑްގެ ޝަރަފުގައި އަލީނާ ޗޯ

  • އެންވަޔަރަމަންޓަލް ސަސްޓެއިނަބިލިޓީ އެވޯޑް - މާރާ ހޮފްމަން

  • އިންޓަނޭޝަނަލް ޑިޒައިނާ އޮފް ދަ އިޔާ - ޖޮނަތަން އެންޑަސަން، ޖޭޑަބްލިއު އެންޑަސަން އަދި ލޮވޭވޭ

ސީއެފްޑީއޭގެ މި ހަފްލާ އަކީ އެހާމެ ކުލަ ގަދަ އަދި އެމެރިކާގެ ފެޝަން ދާއިރާގެ އެންމެ ފުންނާބުއުސް ތަރިންނާއި އެމީހުންގެ އުފެއްދުންތައް ދައްކާލާ އިވެންޓެކެވެ. ހަފްލާގެ ރަތް ދޫލަ މަތިން ކޮންމެ މީހެއް ވެސް އެމީހަކަށް ލެވުނު އެންމެ ހިތްގައިމު ހެދުމުގައި ހިނގަ އެވެ.

މި އަހަރު ބޭއްވި ރޭގަނޑުގެ ހަފްލާއަށް ދިޔަ ގިނަ ބަޔަކު ތިބީ ކަޅު ކުލައިގެ ހެދުމުގަ އެވެ. އޭގެ ތެރޭގައި މި އަހަރުގެ ފެޝަން އައިކޮން އެވޯޑް ލިބުނު ސެރީނާ ވިލިއަމްސް، ކިމް ކާޑޭޝިއަން، ގްވެނިތު ޕަލްޓްރޯ، ޓެޔާނާ ޓޭލާ، ޖެނާ ލިޔޯންސް، ޒިވޭ، ކާލީ ކްލޮސް އަދި އެމާ ޗޭމްބަލެއިން ހިމެނެ އެވެ. މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ތަރިން ވަނީ ކަޅު ކުލައިގެ ދިގު، ކްލެސިކް ސްޓައިލުތަކުގެ ގައުން އާއި ސޫޓު ލައިފަ އެވެ.

ސެރީނާ ވިލިއަމްސް ލައިގެން ހުރީ ޑިޒައިނާ ތޮމް ބްރައުންގެ އުފެއްދުމެއް
ސީއެފްޑީއޭ އިން ބޭއްވި ހަފްލާއަށް ކިމް ކާޑޭޝިއަން ލައިގެން ހުރީ ކަޅު ކުލައިގެ ކްރޯމް ހާޓްސް ހެދުމެއް
އެކްޓްރެސް ޓެޔާނާ ޓޭލާ ލައިގެން ހުރި ދިގު ކަޅު ހެދުން
ޖޭ.ކްރޫގެ ކުރީގެ ކްރިއޭޓިވް ޑިރެކްޓަރު ޖެނާ ލިޔޮންސް ލައިގެން ހުރީ ކަޅު ސޫޓެއް
ސޯޝަލް މީޑިއާ އިންފްލުއެންސާ އެމާ ޗޭމްބަލައިން ލީ ދިގު ކަޅު ހެދުމެއް 

ސީއެފްޑީއޭ ފަދަ ހާއްސަ، ރޭގަނޑުގެ ހަފްލާއަކަށް އެންމެ ކަމުދާ ނުވަތަ 'ފެއިލް-ޕްރޫފް' ހެދުމަކީ ކަޅު ކަމަށްވުން އެކަށީގެންވެ އެވެ. އެކަމަކު މިކަހަލަ ހަފްލާއަކަށް ތަފާތު އެކަމަކު ހިތްގައިމު އެހެން ކުލަތަކަކާއި ބައްޓަންތަކެއް ގެނައުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ހަފްލާގެ ހޯސްޓް އޭން ހެދަވޭ ދެ ހެދުމެއް ދައްކާލި އެވެ. އެމެރިކާގެ ފެޝަން ބްރޭންޑެއް ކަމަށްވާ ރޯޑާޓޭގެ ރަތް ކުލައިގެ ހެދުމަކާއި ރަލްފް ލޯރެންގެ ޑެނިމް ހެދުމެކެވެ.

އެކްޓްރެސް ކްލޯއީ ސެވިންޏޭ އާއި ޝޭ މިޗެލް އަދި މޮޑެލުން ކަމަށްވާ ކޮކޮ ރޯޝާ އާއި ހަރީ ނެފް ވަނީ ރީނދޫ، ފިޔާތޮށި އަދި ރަތް ފަދަ ތަފާތު ކުލަތައް ހިމެނޭ ހެދުންތަކެއް ދައްކާލައިފަ އެވެ.

ހަފްލާގެ ހޯސްޓު އޭން ހެދަވޭ
އޭން ހެދަވޭ މި އިވެންޓުގައި ދައްކާލި ޑެނިމް ހެދުން
މޮޑެލް ހަރީ ނެފް ނޫ ކުލައިގެ ޖޭޑަބްލިއު އެންޑަނައި ހެދުމެއްގައި
އެކްޓްރެސް ކްލޯއީ ސެވިންޏޭ ލައިގެން ހުރީ ގަދަ ރީނދޫ ހެދުމެއް
އެކްޓްރެސް ޝޭ މިޗެލްގެ ރަތް ހެދުން ވަރަށް ހިތްްގައިމު

މި ހަފްލާގައި ވިދާ ވެލިފޮތި ޖެހި ހެދުންތައް ވެސް ފެނުނެވެ. އެކަމަކު ޑިޒައިނަރުންނަށް ހާއްސަ ރެޔައަކަށް ވުމުން، ހަފްލާގައި ބައިވެރިވި ގިނަ އަދަދެއްގެ ޑިޒައިނަރުން ތިބީ ވަރަށް ޒަމާނީ ސިލޫވެޓްތަކެއްގެ ކަޅު ހެދުން ލައިގެނެވެ. މިއީ ވަރަށް ރަސްމީ އަދި ޑިޒައިނަރެއްގެ ސިފަ އެންމެ ރަނގަޅަށް ދައްކުވައިދޭ ކުލަ ކަމަށް ވުން ވެސް އެކަށީގެންވެ އެވެ.

ޑިޒައިނަރު ޓޮމް ފޯޑް އިވެންޓުގައި
މި އަހަރުގެ ހަފްލާގައި އެވޯޑް ހާސިލް ކުރި ޑިޒައިނަރު ވީރާ ވޭންގެ
ޑިޒައިނަރު ތޮމް ބްރައުން އޭނާގެ ޑިޒައިނެއް ލައިގެން
ފެޝަން ޑިޒައިނަރު ނާސިސޯ ރޮޑްރިގޭޒް

އިތުރު އާޓިކަލް

އިތުރު އާޓިކަލް