ސޯޝަލް މީޑިއާ އިންފްލުއެންސަރު ކައިޒީން ރޭ އުސްފަސްގަނޑުގައި އުފަންދުވަހުގެ ކޭކާ އެކު

ކައިޒީން

ކައިޒީންގެ އުފަންދުވަހު އުސްފަސްގަނޑުގައި ބޮޑު ކޭކެއް ފަޅައި ހަވާ އަރުވައިފި

ސޯޝަލް މީޑިއާގައި ނުފޫޒުގަދަ ކައިޒީން ކޮންމެ އަހަރަކު ވެސް ވަރަށް ކުލަގަދަކޮށް އުފަންދުވަސް ފާހަގަކުރޭ

ދިވެހި ސޯޝަލް މީޑިއާގައި އެންމެ ކުރީގައި އުޅޭ އެންމެ ވަރުގަދަ އެއް އިންފުލެއެންސަރު، މޮޑެލް ފާތިމަތު ޒަޔާން، ނުވަތަ އާއްމުކޮށް ކިޔާ ނަމުން ނަމަ ކައިޒީންގެ އުފަންދުވަސް މި އަހަރު ވެސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ކައިޒީންގެ އުފަންދުވަސް ފާހަގަކުރުމަށް މާލޭގެ އުސްފަސްގަނޑުގައި ރޭ އުފަންދުވަހުގެ ޕާޓީއެއް ބާއްވައި ހަވާ ވަނީ އަރުވާފަ އެވެ. އެމްއެންޑީއެފުން ކައިޒީންއަށް ހަވާއަރުވައިދިން އިރު، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބުނެވެ.

ކައިޒީންގެ އުފަންދުވަސް ފާހަގަކުރުމަށް ރޭ މާލޭގައި ހަވާ އަރުވަނީ.
ކައިޒީންގެ އުފަންދުވަސް ފާހަގަކުރުމަށް ރޭ މާލޭގައި ހަވާ އަރުވަނީ.

މޮޑެލްކޮށް، އެކި ބްރޭންޑްތަކުގެ އެމްބެސެޑަރުކަން ކުރާ ކައިޒީން އުފަންދުވަހުގެ މުނާސަބަތުގައި ލައިގެން ހުރީ ރަނާއި ރިހި ކުލައިން ޖަރީ ކޮށްފައިވާ ބޮޑީކޮން ހެދުމެކެވެ. 

އެ ހެދުމެކޭ އެއްގޮތަށް ފަސް ބުރީގެ އުފަންދުވަހުގެ ކޭކު ވެސް ޖަރީ ކޮށްފައި ވަނީ ރަން ކުލައިންނެވެ. އިސްކޮޅުގައި 3 ފޫޓު ހުންނާނެ ކަމަށް ބެލެވޭ ކޭކު ކައިޒީން ފެޅީ ހަވާ އެރުވުމަށް ފަހު އެވެ.

ކައިޒީން ރޭ ކޭކާ އެކު އުސްފަސްގަނޑުގައި

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ ދެ އަހަރު ވެސް ކައިޒީން އުފަންދުވަސް ފާހަގަކޮށްފައިވަނީ ވަރަށް ބޮޑުކޮށެވެ. އެއީ ރާއްޖެއިން ބޭރުގަ އެވެ.

މިދިޔަ އަހަރުގެ އުފަންދުވަހަށް ކައިޒީން ދިޔައީ އިންޑިއާގެ ތާޖް މަހަލްގައި ފޮޓޯ ނަގައި އެ ތަން ހުންނަ ހިސާބުގައި ކޭކު ފަޅާށެވެ. އެފަހަރު ކަނޑިއަކާ އެކު ކައިޒީން ދައްކާލި ހަ ބުރީގެ ކޭކުގައި ހުރީ ކަޅުކުލަ އާއި ފިޔާތޮށި ކުލަ އެވެ.

ކައިޒީން މިދިޔަ އަހަރު ތާޖް މަހަލްގައި އުފަންދުވަހުގެ ކޭކު ފެޅި ކަމަށް ބުނެ އާއްމުކުރި ފޮޓޯ. (ފޮޓޯ/އިންސްޓަގްރާމް/ކައިޒީން)

އޭގެ ކުރިން 2021  ވަނަ އަހަރު ކައިޒީން އުފަންދުވަސް ފާހަގަކުރީ ދުބާއީގެ ބުރުޖް ހަލީފާގަ އެވެ. އެފަހަރު ބޮޑު ކޭކެއް ފެޅީ އަރަބި ސްޓައިލްތަކާ ގުޅޭ ހެދުމެއް ލައިގެން ހުރެ އެވެ.

ދިވެހިންގެ ގިނަ ބަޔަކު ދަންނަ ކައިޒީންގެ އިންސްޓަގްރާމް އެކައުންޓުގައި މިހާރު 140،000 ފޮލޯވަރުން އެބަތިއްބެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް