ވާހަކަ: އަބްލާޖް

ވާހަކަ

ވާހަކަ: އަބްލާޖް

ރައިޝާގެ ދިރިއުޅުމުގެ ކުރިމަގާމެދު ރައިޝާ ހުރީ ގޮތް ނިންމައިގެންނެވެ. އެއީ ރައިޝާ އަމިއްލަ ވިސްނުމަށް ނިންމާފައިވާ ނިންމުމެކެވެ. ވަމުން ދާ ކަންކަމަށް ބަލައި އެ ނިންމުން ބަދަލެއް ނުވާނެއެވެ.
28 މާރިޗު 2022
1

އެޕިސޯޑް 25

ޒުބޭދާމެން ކޮޓަރިއަށް ވަތް އިރު ރައިޝާ އިނީ އެނދު ކައިރީ ރޯށެވެ. ދުއާއަށް އަތް ވެސް ނަގައިގެންނެވެ. އަބްލާޖަށް ނަސޭހަތްތެރި ވުމަށް ރަފީގް ދެއްކި ވާހަކައިން ރައިޝާއަށް ވަރަށް ފުން އަސަރެއް ކުރިއެވެ. ރޮމުން އެ ކަލާނގެ ހަޒުރަތަށް ދުއާ ކުރިއެވެ. ފާފަ ފުއްސެވުމަށާއި ރަހުމަތަށް އެދިއެވެ. ސަލާމަތާއި ރައްކާތެރިކަމަށް އެދިއެވެ. ރައިޝާގެ ހަލާކަށް އެދި މީހަކު ކަމެއް ކުރި ނަމަވެސް އެމީހަކަށް މައާފު ކުރި ކަމަށް ވެސް ބުންޏެވެ.

އަބްލާޖްގެ ވިސްނުން ބަދަލުވަމުން ދިޔައެވެ. އަމިއްލަ ދަރިފަސްކޮޅު ހަލާކު ކޮށްލާކަށް ބޭނުމެއް ނުވެއެވެ. ބައްޕަ އާއި އާއިލާގެ އެހެން މީހުންނާ ޒުވާބުކޮށް ހަނގުރާމައަށް ދާކަށް ވެސް ބޭނުމެއް ނުވިއެވެ. ބައްޕައާ ބައްދަލުކޮށް ވިސްނާ ދިނުމަށް ހިތް ބުނަމުން ދިޔައެވެ.

"އަބްލާޖް. ތި ކުރެވެނީ މޮޔަ ޚިޔާލެއް. ހަނދާން ނައްތާލާ،" އަބްލާޖް އިސް އުފުލާލި އިރު ކުރިމަތީ ހުރީ ޖުންދެވެ. "އަހަރެމެން ބަލި ގަބޫލު ކުރުން އެއީ ވާނެ ކަމެއް ނޫން. ކަލޭ ވެސް ޖެހޭނީ މި ކަމުގައި ބައިވެރި ވާން،" އަބްލާޖްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ޖުންދު އުދުއްސައިގަތެވެ. އަބްލާޖްގެ ކަރު އެލުނެވެ. ދެކޮޅަށް ބޯ ހޫރާލުމަށް ފަހު އަތުން ބޮލުގައި ހިފާ ބާރު ކޮށްލިއެވެ.

ދެ ދުވަސް ފަހުން ރަފީގް އައެވެ. ޒުބޭދާމެން ކަންތައް ކުރަމުން އައީ ރަފީގް ބުނި ގޮތަށެވެ.

"އަދި އެބަ އިން ގަޑިއެއްހާއިރު. އެއަށް ފަހު ސިހުރު ބާތިލުވާނެ އިންޝާ ﷲ،" ރަފީގް އުންމީދުގައި ބުންޏެވެ. "އަހަރެން ބުނި ފަތްކޮޅުގެ ދިޔަ ފެލިންތަ؟"

"އާނ. މިހުރީ،" މަތި ޖަހާފައި ހުރި ތައްޓެއް ނަގަމުން ޒުބޭދާ ބުންޏެވެ.

"ރައިޝާ. ބިސްމި ކިޔާފައި މީތި ބޯލާ. ނުލާނެ ނުބައި ރަހައެއް،" ރަފީގް ރައިޝާއަށް ދިއްކޮށްލިއެވެ. ރައިޝާ ބިސްމި ކިޔާފައި ބޯލިއެވެ. އަދި ފޮތިގަނޑު އަޅާލަމުން އޮށޯވެލިއެވެ. "ދެން ނުވާނެ މި ކަމުގައި މާ ގިނަ ދުވަހެއް. މިކަން މި ނިމެނީ އިރާދަ ކުރެއްވިޔާ،" ޒިޔާދާއި ނިޔާފު އަދި ޒުބޭދާއަށް ބަލާލަމުން ރަފީގް ބުންޏެވެ.

ރަފީގް ކިޔަވަން ފެށުމާއެކު ރައިޝާ އަޑެއް ލައްވާލިއެވެ.

"އައްސަލާމް އަލައިކުމް،" ރަފީގް ޔަގީންކަމާއެކު ސަލާމް ގޮވާލިއެވެ.

"އަހަރެން މިރޭ ހުރިހާ އެއްޗެއް ކިޔައިދޭން މި އައީ. އަހަރެންނަށް އެނގޭ ކަލޭ އަހަރެންގެ މުޅި ދަރިފަސްކޮޅު ނެތި ކޮށްލާނެކަން. އެކަން އެ ގޮތަށް ވާކަށް އަހަރެން ބޭނުމެއް ނުވޭ. އަދި އަހަރެން ބޭނުމެއް ނޫން އަހަރެންގެ ހަޔާތުގައި އެންމެ ލޯބިވި މީހާ ހަލާކުވެ ދާކަށް ވެސް. އިސްލާމް ވާން ވެސް އަހަރެން ބޭނުން،" އަބްލާޖް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ބޭނުންވި ހުރިހާ ކަމެއް ބުންޏެވެ.

މާމުއި ކޮޅަކާއި ފެން ތައްޓެއް ގެނައުމަށް ޒުބޭދާ ގާތުގައި ރަފީގް ބުންޏެވެ. ޒުބޭދާ އެ އެއްޗެހި ގެނައެވެ. ފެން ތައްޓަށް މާމުއި ސަމުސާ ލާފައި ގިރާލިއެވެ. އަދި އަނެއްކާވެސް ކިޔަވަން ފެށިއެވެ.

"އަހަރެން މި ބުނީ ކިޔައިދޭން ބޭނުމޭ،" އަބްލާޖް ވާހަކަ ދައްކަން ފެށުމުން ރަފީގް ކިޔެވުން ހުއްޓާލިއެވެ.

"ބުނެބަލަ،" ރަފީގް ވަރަށް ކުރުކޮށް ބުންޏެވެ. އަބްލާޖްގެ ކޮޅު މައިތިރިވާ ކަމުގެ ފެހި ސިގްނަލް ލިބުނެވެ. އެކަމަކު ޔަގީންކުރަން އަދި މާ އަވަސް ކަމަށް ރަފީގް ވިސްނާލިއެވެ. އެހެނީ ޖިންނިންނަކީ އިންސާނުންގެ އިތުބާރު ފަސޭހަކަމާ އެކު ހޯދާ ބައެކެވެ. ބައެއް ޖިންނިންނަކީ ގިނަ ދުވަހު މަސައްކަތް ކޮށްގެން އިސްލާމް ކުރުވޭ ބައެކެވެ. އެތައް ނަސޭހަތެއް ދުނިޔަވީ ގޮތުންނާއި އުޚުރަވީ ގޮތުން ކިޔައި ދޭން ޖެހެއެވެ. އަނެއް ބަޔަކީ ކިތަންމެ ވަރުގަދަ ވެގެން އުޅުނަސް ހިނދުކޮޅެއްގެ ތެރޭގައި އިސްލާމްދީން ގަބޫލު ކުރާ ބައެކެވެ. އެވެރިންނަކީ ވެސް އިންސާނުން ފަދައިން ރަނގަޅު މަހުލޫގުންނާއި ނުބައި ނުލަފާ ޝައިތާނުން ހިމެނޭ ބައެކެވެ.

"ރައިޝާއަށް ސިހުރު ހެދީ ހަމަ އޭނަގެ އެއްބަނޑު އެއްބަފާ ދެ މީހުން. އެކަން ކުރީ އެމީހުންގެ މައިންބަފައިންގެ ގޭގެ ބޭނުމުގައި. ރައިޝާ މަންމަ ވަނީ ބުނެފައި ރައިޝާއަށް ގޭގެ ބޮޑު ބައެއް ދޭނެ ކަމުގައި. އެއީ މައިންބަފައިންނަށް އަޅާލާއި ބަލަހައްޓަމުން ދަނީ ރައިޝާ ކަމަށްވާތީއޭ ވެސް ބުނި. ސީދާ ރައިޝާ މަރާލަން އެ މީހުން ސިހުރު ހެދީ. މި ގޭގައި ކުލަ ލީ އިރު ކުލަލާ މީހަކަށް ހެދިގެން ސިހުރު ހަދާ މީހާ މި ގެއަށް ވެސް އައި. އޭރުގައި އެތާ އަކަ ކުރަހާފައި އެ ހުރީ،" އަބްލާޖްގެ ވާހަކަ ހުއްޓުނެވެ.

ރައިޝާ އޮތީ ތުރުތުރު އަޅާ ހާލުގައެވެ. ރޯން ބޭނުންވެ ނުރޮވިފައެވެ. ޒިޔާދު އިނީ ހައިރާންވެ އަންތަރީސް ވެފައެވެ. ޒުބޭދާ އާއި ނިޔާފު އެކަކު އަނެކަކަށް ބަލައިލީ ދެރަވެގެންނެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ކޮން ކަމަކުން އުނިވީތޯ ހިތާހިތުން ސުވާލު ކުރަމުންނެވެ. ދަރިން ތަފާތު ކުރުމެއްނެތި މިއަދާ ހިސާބަށް އާދެވުނީ ވަރަށް މަސައްކަތުންނެވެ. ގެއިން ބޮޑު ބައެއް ދޭނަމޭ ބުނުން އެއީ އެ ކުދިން ތަފާތު ކުރުން ކަމުގައި އެ ދެމަފިރިންނަށް ބަލައިގަންނަން އުނދަގޫވިއެވެ. އެހެނީ ނިޔާފާއި ޒުބޭދާގެ ހުރިހާ ކަމެއް ރައިޝާ ބަލަހައްޓަމުން އައީ ފުރިހަމަ އަށެވެ. ބައްޔެއް ވިޔަސް ޑޮކްޓަރަށް ދިޔުމާއި ގޭތެރޭގައި ޖެހޭ ކަންކަމެވެ. ވީ ވަރަކުން ހުރިހާ ކަމެއްގައި އެހީތެރިވަމުން އައީ ވަރުބަލިކަމެއް ފޫހިވުމެއް ނެތިއެވެ. އެކަން އެ ކުދިން ބަލައި ނުގަންނަ ތަނުގައި ރައިޝާގެ ވަސް ވެސް ފުހެލަން ނިންމުމަކީ ކިހާ އަނިޔާވެރި ނިންމުމެއް ހެއްޔެވެ؟ އެންމެ ފަހަރަކު ވެސް މިއީ ތިމާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމެއް ހަނދާން ނުވަނީ ހެއްޔެވެ؟ ރަހިމުގެ ގުޅުމަކީ ކިހާ މާތް ގުޅުމެއް ކަމެއް އެ މީހުންނަށް ނޭނގެނީ ހެއްޔެވެ؟

"ސިހުރު ހަދައިދިން މީހާ ވެސް އަހަރެންނަށް އެނގޭ. އެއީ މަޝްހޫރު ދޮން ހުއްތު އެދުރު. އޭނަ ހަދާ އެއްޗެހި އެއީ ނައްޓާ ނުލާނެ އެއްޗެހި. އެކަން އެނގޭނު ކަލެއަށް. ރައިޝާއަށް ހުރީ އެކާވީސް ފަހަރު އެއްޗެހި ކާންދީފައި. ގިނައިން ފޮނި އެއްޗެހި. މޭވާ ވެސް ކާންދިން. ރައިޝާގެ ކޮޓަރިއަށް ވަދެ އިސްތަށި ވެސް ގެންދިޔަ. ސިހުރު ވަރުގަދަ ކުރުމަށް ނަވާވީސް ރޭ މަސައްކަތް ކުރި ފަހުން އަހަރެމެން އެއާ ހަވާލުވީ. އަސްލު އެއާ ހަވާލުވީ އަހަރެންގެ ބައްޕަ. އަހަރެންގެ ބައްޕަ އައީ ހުޅުމާލޭ ގޮނޑުދޮށުން ރައިޝާއަށް ފާރަލަމުން. އެއަށް ފަހު އަހަރެން ފުރިހަމަ ކުރަން ޖެހޭ ބައި އަހަރެންނާ ހަވާލު ކުރީ. އެކަމަކު ކަލޭ ތި އަންނަނީ ވަރަށް ރަނގަޅަށް ރުގްޔާ ކުރަމުން. އަހަރެން ބަލި ގަބޫލު ކުރަން ކިތަންމެ ބޭނުން ނުވިޔަސް މިރޭ ވަރަށް އުނދަގޫވޭ. އަހަރެންގެ ބައްޕައަށް ވެސް،" ލޯ މަރައިގެން އޮތް ރައިޝާ ލޯ ހުޅުވާލާފައި ގަޑިއަށް ބަލާލިއެވެ. ރަފީގް ބުނި އެއް ގަޑިއިރު ހަމަ ވީއެވެ.

ހަމަ އެ ވަގުތު ރައިޝާ ހޮޑު ލިއެވެ. ހޮޑުގައި ހުރީ ކަޅު ކުލައެވެ. ފެހި ކުލަ ވެސް ކޮންމެވެސް ވަރަކަށް ހުއްޓެވެ. ބަނޑު އެއްކޮށް ހުސްވަންދެން ހޮޑު ލެވުނެވެ. ރައިޝާ ވަރުބަލި ކަމާއެކު އޮށޯވެލިއެވެ. އަދި ރަފީގް ދިއްކޮށްލި ފެންތަށި ބޯލިއެވެ.

ފާރު ތަޅާލުމަށް ފަހު އެ ފާރު އަލުން ރޭނުމަށް ރަފީގް ނަސޭހަތްދިނެވެ. އަދި ދެން ދުވަހަކު ވެސް މީހުން ބޭރުން ގެންނަހާ އެއްޗެއްސާއި ގޮތް ނޭނގޭ އެއްޗެހި ނުކެއުމަށް ވެސް ބުންޏެވެ. އަދި ދެ ރޭ އަންނާނަން ކަމުގައި ބުނެފައި ރަފީގް ދިޔައެވެ.

ރައިޝާ ވުލޫ ކޮށްގެން ނުކުމެ ދަމު ނަމާދު ކުރިއެވެ. އަދި ފެންކަޅިވެ އިނދެ މޮޅިވެރި ކަމާއެކު ދުއާ ކުރިއެވެ. އެއަށް ފަހު ޒިކުރުތަކާއި ސޫރަތްތައް ކިޔުމަށް ފަހު ނިދަން އޮށޯތެވެ. އެތައް ރެ އަކަށް ފަހު ރައިޝާއަށް އަރާމު ނިންޖަކުން ނިދާލެވުނެވެ.

ރައިޝާގެ ހަޔާތަށް މުޅިން އާ ދުވަހެކެވެ. އެތައް ދުވަހަކަށް ފަހު ހެނދުނުގެ ނާސްތާއަށް އެންމެން އެކުގައި ސައިބޯން ތިއްބެވެ.

"ހާދަ މީރު މަސްހުންޏެކޭ. ރައިޝާތަ ހެދީ؟" ޒިޔާދު ސުވާލު ކުރީ ރައިޝާ ލައްވާ ގިނަ ވާހަކަ ދައްކާށެވެ. ނަމަވެސް ރައިޝާ ސަމާސާ ކުރަމުން ދިޔައީ އިނާ އާއެވެ. އެތައް ދުވަހަކަށް ފަހު އިނާ އިނީ މައިވަންތަކަމުގެ ލޯތްބަށް ފެންބޮވައިގެންފައެވެ. ޒިޔާދު ދެރަވީ ރައިޝާ އެއްޗެއް ނުބުނުމުންނެވެ. ނަމަވެސް އެތަކެއް ދުވަހަށް ފަހު ކުރީގެ މަޖާ މިޒާޖުގެ ރައިޝާ ފެނުމުން އުފާވިއެވެ. އެންމެ އުފާވީ ޒުބޭދާއެވެ.

"ރައިޝާ. އަހަރެންނަށް..." ޒިޔާދު ވާހަކަ ދައްކަން އުޅުނެވެ.

"ދަރިފުޅު ދޭބަލަ މަންމި ގެނެސްދިން ސްޓޯރީ ބުކް ކިޔާލަން. މަންމި ދާނަން ސައިބޮއެގެން،" ރައިޝާ އިނާ ގާތުގައި ބުންޏެވެ.

"ޒިޔާދު. އަހަރެންގެ އުޅުމާއި ކަންކަން ބަދަލުވެއްޖެ. ކުރީގެ އަހަރެން އުޅުމަށް ވުރެ ވެސް އަހަރެންގެ އުޅުން އިސްލާހު ކޮށްފިން. އިރާދަ ކުރެއްވިއްޔާ ދެން އަހަރެން ހުންނާނީ މިގޮތުގައި،" ރައިޝާ ފެން ފޮދެއް ބޯލިއެވެ. "އެކަމަކު އަދިވެސް އަހަރެން ބޭނުންވަނީ ޒިޔާދުއާ ވަކިވާން."

- ނުނިމޭ -

އެހެން ބައެއް ވާހަކަ

ކޮމެންޓް (1)

ޖުންދު

28 މާރިޗު 2022
ވަރަށްރީތި ޢިބްރަތްތެރި ވާހަކަ އެއް .. އަސްލުވެސް މިކަހަލަ ކަންކަން ގިނަފަހަރު ކުރަނީ ފެމެލިމީހުން...
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް