ވާހަކަ: ދައުވަތު
ވާހަކަ: ދައުވަތު - ސަތާރަވަނަ ބައި
އެޕިސޯޑް 17
"އަހަރެން..." ޝިމާނާއަށް ބުނެވުނެވެ. "މި ކުރެވެނީ ކީއް؟"
"ކީކޭ؟" ޝިމާނާ ބުނި އެއްޗެއް ސާފު ނުވެގެން ހަމީޝް އަހައިލި އެވެ.
"އެއްޗެއް ނޫން. ތައްޔާރު ވެގެން ހިނގާ ތިރިއަށް،" ޝިމާނާ އަވަސް އަވަހަށް ބުންޏެވެ. އަދި ކޮޓަރިން ނުކުމެގެން ދިޔަ އެވެ.
ކައިވެނީގެ ހަފުލާގައި އެއްވެސް މީހެއްގެ މޫނުމަތިން ހިނިތުންވުމެއް ނުފެނެ އެވެ. އެންމެ މީހެއް ފިޔަވަ އެވެ. އެއީ ފަރުހާ އެވެ. އެތައް ދުވަހެއްގެ އިންތިޒާރުގެ ނިމުން ފޮނިވާނެއޭ އޭރު ވެސް އޭނަގެ ހިތް ބުނަމުން ދިޔައެވެ. ހަމީޝް ހުރީ ޝިމާނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ޝިމާނާގެ މޫނުމަތިން އެހެންޏާ ފެންނަ އުފާވެރިކަމެއް އޭނައަކަށް ނުފެނެ އެވެ. ހަމީޝްގެ ހިތް ބުނަމުން ދިޔަ އެވެ. ކުރެވުނު ކަންތަކާ ދެރަވެ ރޯނެ ދުވަހެއް އަދި އަންނާނެ އެވެ. އެ ދުވަހަކުން ކަންތައް ކުރާނީ ކިހިނެއް ކަމެއް ނޭނގެ އެވެ. ފަރުހާގެ މައިންބަފައިންނާއި އާއިލާގެ އެހެން މީހުން ވެސް ތިބީ މަޑުމަޑުންނެވެ. މާ ގިނަ ވާހަކައެއް ނުދައްކަ އެވެ. ހަފުލާ ބޭއްވީ ފަނޑުކޮށެވެ. އެއީ ފަރުހާ ބޭނުންވި ގޮތެވެ.
ހަފުލާ ނިމުމުން އެންމެން ވެސް ގެއަށް ދިޔަ އެވެ. ގޭތެރެ ފަޅުވި އެވެ. ސިޓިންރޫމުގައި ތިބީ ޝިމާނާ އާއި ހަމީޝް އެކަންޏެވެ. އެކަކު އަނެކަކު ތިބީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ފަށާނީ ކޮން ހިސާބަކުން ކަމެއް ބުނެދޭން ދަތި ވެފަ އެވެ. ކޮޓަރީގައި އިންތިޒާރު ކުރަމުން ދިޔަ ފަރުހާ އަކަށް ނުހުރެވުނެވެ. މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލި އެވެ. އެ މަންޒަރު ފެނުމުން ވީ ފޫހިން ދޮރު ލެއްޕި އެވެ.
"ދެން ކޮން ކަމަކާތަ މިހާރު ވާހަކަ ދައްކަން އޮންނާނީ؟ ބޭނުންވި ކަންތައް މި އޮތީ ވެފައި. މިކަން ނުވާ ކަމަކަށް ނުވާނެ،" ފަރުހާ ހިތާހިތުން ބުންޏެވެ.
"އަހަރެން މި ދަނީ ނިދަން. ހަމީޝް ވެސް ދޭ ދެން ނިދަން،" ޝިމާނާ ސޯފާއިން ތެދުވަމުން ބުންޏެވެ.
"ދާށޭ؟ ކޮންތާކަށް؟" ހަމީޝްއަށް ބުނެވުނެވެ.
"ފަރޫގެ ރޫމަށް،" ހަމީޝްއަށް ފުރަގަސް ދީފައި ދެލޯ މަރާލަމުން ޝިމާނާ ބުންޏެވެ.
"ނޫން. އަހަރެން ނުދާނަން އެތާކަށް."
"އެއީ ފާފައެއް ނޫނޭ. ފަރޫއަކީ ހަމީޝްގެ ހަލާލު އަތްނބެއް. އެހެންވީމާ ހަމަހަމަ ވާން ޖެހޭނެ،" ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން ޝިމާނާ ބުންޏެވެ.
"މާނާ..." ހަމީޝް އެހެން ބުނި ހިސާބުން ޝިމާނާ ކޮޓަރިއަށް ވަދެފައި ދޮރު ލެއްޕި އެވެ. ހަމީޝް ކަރުއެލުނެވެ. ސޯފާގައި އޮށޯވެލި އެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެދޭނެ ދެ އަތެއް ނެތެވެ. އެހެން ނޫން ނަމަ އެކަހަލަ ދަނޑިވަޅުތަކުގައި އެންމެ ގާތުގައި އިންނަނީ ޝިމާނާ އެވެ. މިއަދު އޭނަ ނެތް ކަމުގެ ފަޅުކަން އިހުސާސް ކުރެވެމުން ދިޔަ އެވެ.
ފަރުހާއަށް ކެތެއް ނުކުރެވުނެވެ. ކޮޓަރިން ނުކުތެވެ. ސޯފާގައި ނިދާފައި އޮތް ހަމީޝް ފެނުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. ކައިރިއަށް ގޮސް މޫނާއި މޫނު ޖެހޭ ހިސާބަށް ގުދު ވެލި އެވެ. އަދި ނިތްކުރީގައި ފިރުމާލި އެވެ. ކައިރީގައި އިށީނދެލި އެވެ. ފަރުހާ ބޭނުންވީ އެ ރެއަކީ ހަނދާނީ ރެއަކަށް ވާށެވެ. ނަމަވެސް އުންމީދު ކުރި ގޮތަކަށް އެކަމެއް ނުވި އެވެ. ފަރުހާ ހިތަށް އެރިއެވެ. މިހާ ހިސާބަށް އާދެވުނީ ވެސް ވަރަށް ހިތްވަރުކޮށްގެންނެވެ. ކުރިއަށް އޮތްތަނުގައި ވެސް ކެތް ކުރާނީ އެވެ. ކާމިޔާބުވާނެ އެވެ.
ހެނދުނު ކޮޓަރިން ނުކުމެގެން ޝިމާނާ ދިޔައީ ހަމީޝް ކޮބާތޯ ބަލާށެވެ. ކޮންމެވެސް އެއްޗެކޭ ކިޔާފައި ކޮޓަރީގައި ޓަކި ޖަހަން ހިތަށް އެރި އެވެ. ނަމަވެސް ނުކެރުނެވެ. ސިޓިން ރޫމަށް ދިޔަ އިރު ސޯފާގައި ނިދާފައި ހަމީޝް އޮތެވެ. ކައިރީގައި ފަރުހާއަށް ނިދިފައި އިނެވެ. އެ މަންޒަރު ފެނުމުން ޝިމާނާ ދެރަވި އެވެ. އޭނާ ބޭނުންވީ ފަރުހާއަށް އުފާވެރި ދިރިއުޅުމެއް ހޯދާދޭށެވެ. ހަމީޝްގެ ސަބަބުން ކަންކަން ބޮއްސުން ލައިގެން ދާކަށް ބޭނުމެއް ނޫނެވެ. މައުސޫމް ކުއްޖެއްގެ ދިރިއުޅުން ހަލާކު ކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ. އެކަން އެހެން ވިޔަ ނުދޭނަމޭ ޝިމާނާގެ ހިތް ބުނަމުން ދިޔަ އެވެ. ހަމީޝްއާ ވާހަކަ ދައްކައިގެން ނޫނީ އެކަމަކަށް ހައްލެއް ނާންނާނެ އެވެ.
"ހަމީޝް. ތި ކަންތައް ކުރަނީ އަހަރެން އުންމީދު ކުރި ގޮތަކަށް ނޫން،" ހަމީޝް ފެންވަރައިގެން ނުކުތުމުން ޝިމާނާ ބުންޏެވެ.
"މާނާ ކަންތައް ކުރީ އަހަރެން އުންމީދު ކުރި ގޮތަށްތަ؟" ހަމީޝް ބުންޏެވެ.
"އެކަމަކު މިކަމަށް އެއްބަސް ވިއްޔާ މިކަން އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރަން ވެސް ޖެހޭނެ. ހަމީޝްގެ ވާޖިބުތަކެއް ވާކަން އަހަރެން ހަނދާންކޮށްދޭކަށް ނުޖެހޭނެ. އަދި ޒިންމާތަކެއް ހުރިކަން ވެސް ހަމީޝް އަމިއްލައަށް ހަނދާން ކުރަން ޖެހޭނެ،" ޝިމާނާ ބުންޏެވެ.
"މާނާ ޕްލީޒް. އަހަރެންނަށް ވަގުތުކޮޅެއް ދީބަލަ. މިއީ އަހަރެން ބޭނުންވެގެން ކުރި ކަމެއް ނޫނޭ. މާނާ ކިޔާ ވަރުން، މާނާ ދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުން އަހަރެން ކުރި ކަމެއް. ދެން އެހެން ކަންކަމަށް އަހަރެންނަށް މަޖުބޫރު ނުކޮށްބަލަ،" އާދޭހާއެކު ހަމީޝް ބުންޏެވެ.
"އަހަރެން މަޖުބޫރު ނުކުރިޔަސް ކުރަން ޖެހޭ ކަންކަމާއި ކުރަން ނުޖެހޭ ކަންކަން ޚުދު ހަމީޝްއަށް ވެސް އެނގޭނެ. ދެން ކަންކަން ނޭނގޭ ކަމަށް ހަދައިގެން ނޫޅެބަލަ. އަހަރެން ބޭނުންވަނީ ވަރަށް ހަމަޖެހިގެން އުޅެން،" ޝިމާނާ ބުންޏެވެ. ހަމީޝް ވިސްނާލި އެވެ.
ފަރުހާ އުޅުނީ ޗުއްޓީ ނަގައިގެންނެވެ. އެހެންކަމުން ސުކޫލަކަށް އޭނައެއް ނުދެ އެވެ. ސުކޫލަށް ދިޔައީ ޝިމާނާ އެވެ. ޝިމާނާ ދިޔުމުން ހުރިހާ އެންމެން ވެސް ބަލަމުން ދިޔަ އެވެ. މަދީހާ ދެ ފަރާތަށް ބޯ ހޫރުވާލި އެވެ.
"އަހަރެން ހިއެއް ނުކުރަން ތި ކަހަލަ ޅަ އެއްޗެއް މާނާ އަޅާފާނެ ކަމަކަށް. އަދި އެ ވެސް އެ ފަރުހާއާ،" ސައި ގަޑި ޖެހުމުން ޝިމާނާއާ ދިމާލަށް މަދީހާ ބުންޏެވެ.
"އާއެކޭ. މާނާ ކީކޭ ހިތަށް އަރައިގެން ކުރި ކަމެއް އެއީ؟ ތި ކުރެވުނީ ވަރަށް ގޯސް ކަމެއް އިނގޭ. ތީގެ ނަތީޖާ ވަރަށް ހިތިވާނެ،" ޒައިނާ ބުންޏެވެ.
"ތި މީހުންނަށް ފެންނަ އެއްޗެއް ކިޔާ. އަހަރެން ހިތަކަށް ނާރާ އެއްވެސް އެއްޗެއް. އަހަރެންނަށް އެނގޭ އަހަރެންނަށް މި ކުރެވުނު ކަންތައް،" ސައިތަށިން ފޮދުވަރެއް ބޯލަމުން ޝިމާނާ ބުންޏެވެ.
"އެންމެ ކުޑަމިނުން އަހަރުމެންގެ ހިޔާލެއް ހޯދާލި ނަމަ. އަހަރުމެން ގާތުގައި ވެސް ބުނެލިނަމަ،" މަދީހާއަށް ބުނެވުނެވެ.
"ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެ. ދެން ކަންތައް ކުރަންވީ ގޮތް ބުނަންތަ؟" ޒައިނާ ބުންޏެވެ.
"ނޫން. ބުނާނެ ކަމެއް ނެތް. ދެން ކަންތައް ކުރަންވީ ގޮތް ވެސް އެނގޭނީ މަށަށް،" ޝިމާނާ ބުންޏެވެ.
"އަޅެ މާނާއަށް ކިހިނެއް ވެފައިތަ އެ ހުންނަނީ؟" ޝިމާނާ ދިޔުމުން ޒައިނާ ބުންޏެވެ. "އެ ފަރުހާއަކާ ޖެހުނު ފަހުން ވާހަކަ ދެއްކުން ވެސް ވަރަށް ބަދަލުވެފައި ދޯ؟"
"އާނ. ކުރިން އޮންނަ ގާތް ކަމެއް ވެސް މިހާރު ނޯވޭ. އަހަރެން ހިއެއް ނުކުރަން އެ ކަހަލަ ކަމެއް އޭނަ ކޮށްފާނެ ކަމަކަށް. އަދި އެހާ ރަނގަޅު ފިރިއެއް. މީހުން އުޅޭ ގޮތެއް ނޫނެއްނު އެއީ،" މަދީހާ ބުންޏެވެ.
"މަށަށް ހީވަނީ ފަރުހާ ކޮންމެވެސް ކަމެއް ކުރީ ކަންނޭނގެ،" ޒައިނާ ބުންޏެވެ.
"ވެދާނެ. އެހެން ނޫން ނަމަ އެކަހަލަ ކަމެއް ނުކުރާނެ. މަށަށް ކުރިން އެނގުނު ނަމަ ނަސޭހަތް ދޭނަން،" ވިސްނާލަމުން މަދީހާ ބުންޏެވެ.
"އޭނަގެ މައިންބައިންނާއި އާއިލާ މީހުން ނުދޭ ކޮން ނަސޭހަތެއް އަހަރުމެންނަށް ދެވޭނީ. އަދި ވިސްނާލަބަލަ. ހަމީޝް ވެސް ކިހާ ވާހަކައެއް ދައްކާނެ،" ޒައިނާ ބުންޏެވެ. "މުޅި ސުކޫލުގައި ވެސް އެ ވާހަކަ."
ހަމީޝް އިނީ ގެއަށް ކާން ދާން ބޭނުން ނުވެފަ އެވެ. މަސައްކަތެއް ވެސް ކުރާ ހިތް ނުވެފަ އެވެ. އޮފީހުގައި އެންމެން އަވަދިނެތި އުޅެމުން ދިޔަ ގަޑިއެކެވެ. ހަމީޝްގެ ކެބިން އިންނަނީ ވަކިންނެވެ. ވިސްނެމުން ދިޔައީ ރޭގައި ކުރެވުނު ކައިވެންޏާ މެދުގަ އެވެ. ކުރެވުނީ ބޮޑު ކަމެކެވެ. ޒިންމާތައް ދެ ގުނަވީ އެވެ. އެއީ އޭނައަށް އަދާ ކުރެވޭނެ ކަމެއް ކަމާމެދު ޝައްކެވެ.
"ކޮބާ، އެންމެ ފަހުން މަގޭ ގްރޫޕަށް ވަނީ ދޯ؟" ފިޔާޒު އައިސް ގޮނޑީގައި އިށީންނަމުން ބުންޏެވެ. "މަ އެ ވަރަށް ކިޔާ އިރު ވެސް ކަލޭއަކަށް އެއްޗެއް ނުވިސްނުނުތަ؟"
"ކޯއްޗެއް؟" ނޭނގޭ ކަމަށް ހަދާފައި ހަމީޝް ބުންޏެވެ.
"ބަލަ އެއް ކައިވެނި މަތީ ދެމިހުންނާށޭ. ދެތިން މީހުންނާ ކައިވެނި ކުރުން އެއީ ހެޔޮވާ ވަރު ކަމެއް ނޫނޭ،" ފިޔާޒް ހަނދާން ކޮށްދިނެވެ.
"އެއީ އެހެން ކުރި ކަމެއް ނޫން،" ފައިލެއް ނަގަމުން ހަމީޝް ބުންޏެވެ.
"ދެން؟"
"ދެން އެ ވާހަކަ ބާއްވާ،" ހަމީޝް އެދުނެވެ.
ފަރުހާ އިންތިޒާރު ކުރަމުން ދިޔައީ ހަމީޝް ގެއަށް އަންނާނެ ވަގުތަކަށެވެ. މެންދުރު ހެދީ ހަމީޝްއަށް އެންމެ މީރު ކަނޑު ކުކުޅު ރިހަ އާއި ދިރި ބަތެވެ. ނަމަވެސް އޭނާ ކާން ނައުމުން ފަރުހާ ހިތުގައި ޖެހުނެވެ. ހަމީޝްއަށް ގެއަށް އާދެވުނު އިރު، އިރު އޮއްސެނީ އެވެ. އޭރު ވެސް ޝިމާނާ ނާދެ އެވެ. ސޯފާގައި އިން ފަރުހާ ވަގުތުން ތެދުވި އެވެ. އަދި އޯގާތެރިކަމާ އެކު ހަމީޝްގެ އަތުގައި ހިފާލި އެވެ. ހަމަ ހިފާލުމާއެކު ހަމީޝް އަތް ފޮޅުވައިލި އެވެ. އެ ވަގުތަކީ ދޮރު ހުޅުވާލާފައި ޝިމާނާއަށް ވަދެވުނު ވަގުތެވެ.
- ނުނިމޭ -