ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް
'ފެބިއުލަސް ވައިވްސް' ގެނެސްދެނީ ސްކްރިޕްޓެއް ލިޔެގެނެއް ނޫން: ނީލަމް
ނެޓްފްލިކްސްގެ ސީރީޒް 'ދަ ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް' އަކީ ލިޔެފައިވާ ސްކްރިޕްޓަކަށް ބިނާ ކޮށްގެން ގެނެސްދޭ ސީރީޒެއް ނޫން ކަމަށް ސަމީރު ސޯނީގެ އަންހެނުން ނީލަމް ކޮތާރީ ބުނެފި އެވެ.
އެ ސީރީޒްގައި ނީލަމްއާ އެކު، ސަންޖޭ ކަޕޫރުގެ އަންހެނުން މަހީޕް ކަޕޫރާއި ސޮހައިލް ހާންގެ ކުރީގެ އަންހެނުން ސީމާ ހާން އާއި އާއި ޗަންކީ ޕާންޑޭގެ އަންހެނުން ބާވްނާ ޕާންޑޭ ފެނެ އެވެ. އެއީ އެމީހުންގެ މުއްސަނދި ދިރިއުޅުން ދައްކައިދޭ ރިއަލިޓީ ޝޯ އެކެވެ.
ނީލަމް ބުނީ ޝޯ އިން ފެންނަ ކަންތައްތަކަކީ ލިޔެގެން ގެނެސްދޭ މަންޒަރުތަކެއް ނޫން ކަމަށާއި ހަތަރު އެކުވެރިންގެ ދެމެދުގައި ދެކެވޭ ހުރިހާ ވާހަކަތަކަކީ ވެސް ހަގީގަތް ކަމަށެވެ.
އެ ސީރީޒްގެ ޝޫޓިން ކުރިއަށްދާނެ ތަން ޕްރޮޑަކްޝަން ޓީމުން ބުނާ ކަމަށާއި އެކަމަކު ދައްކާ ވާހަކަތަކަކީ އެ ހަތަރު މީހުންގެ ދެމެދު ހިނގާ، އެމީހުން އަމިއްލަ އަށް ދައްކާ ވާހަކަތައް ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެން އަމިއްލަ އަށް ނިންމަނީ ޒުވާބެއް ކުރާނެތޯ، ރޯނީތޯ. އަމިއްލަ ޒާތީ ވާހަކަތައް ދައްކަނީ ވެސް އެންމެން އެއްބަސްވެގެން،" ނީލަމް ބުންޏެވެ.
އޭނާ ބުނީ ބާވްނާ އާއި މަހީޕްގެ އިތުރުން ސީމާ އަކީ ފާއިތުވި 25 އަހަރު ވެސް އޭނާގެ އެކުވެރިން ކަމަށެވެ. އެއީ ތެދުވެރި ޝޯއެއް ކަމަށާއި އިންޑިއާގައި މީގެ ކުރިން ނުފެންނަ ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ ޝޯ އަކަށް ވާތީ ގިނަ ބަޔަކު 'ދަ ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް' ބަލައިގެންފައިވާ ކަމަށް ވެސް ނީލަމް ބުންޏެވެ.
މިހާތަނަށް ދެ ސީޒަނެއް ނެޓްފްލިކްސް އިން ސްޓްރީމު ކޮށްފައިވާ އެ ސީރީޒްގެ ތިންވަނަ ސީޒަނެއް ވެސް ގެނެސްދޭނެ ކަމަށްވެ އެވެ.