ބީއެމްއެލް އިސްލާމިކްގެ އޭޓީއެމްއަކުން މީހަކު ހިދުމަތް ހޯދަނީ (ފޮޓޯ/ބީއެމްއެލް)
'ވާދަވެރިކޮށް ނުދެކެން؛ އެކަމަކު ބީއެމްއެލް އިސްލާމިކް ވަރަށް ކާމިޔާބު'
"އަޅުގަނޑުމެން ނުބަލަން މިއީ ކޮމްޕެޓިޝަނެއްގެ ގޮތުގައި،" ރޭ ހޮޓެލް ޖެންގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބީއެމްއެލް އިސްލާމިކްއާ ބެހޭ ގޮތުން ހިއްސާދާރަކު ފޮނުވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ބޭންކުގެ ސީއީއޯ ކާލް ސުމްކަ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދެނީ ބީއެމްއެލްގެ ހިދުމަތް ހޯދާނެ އިތުރު ގޮތެއް. އެއީ ޝަރުއީ ހަމަތަކަށް ފެތޭ ގޮތަކާއި ކޮންވެންޝަނަލް ގޮތަކަށް ބޭންކިން ހިދުމަތް ހިޔާރުކުރުން."
ހިއްސާދާރުގެ ސުވާލު އަމާޒުކުރީ ބީއެމްއެލް އިސްލާމިކްގެ މަސައްކަތާ ބެހޭގޮތުންނެވެ.
ޖަވާބުގައި ކާލް ވިދާޅުވީ ބީއެމްއެލް އިސްލާމިކްގެ މަސައްކަތް ވަރަށް ރަނގަޅު ކަމަށެވެ. އަދި އެކަން ސާބިތުކޮށްދެއްވަން ބައެއް ތަފާސްހިސާބުތައް ވެސް ހިއްސާކުރެއްވި އެވެ.
"އަޅުގަނޑުމެން ދޫކޮށްފައިވާ ލޯނުތަކުގެ އަގު 2 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު. ބީއެމްއެލް އިސްލާމިކްގައި 2 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ކަސްޓަމަރުން ރައްކާކޮށްފައި އެބަހުރި. ގާތްގަނޑަކަށް 70،000 ކަސްޓަމަރުން ބީއެމްއެލް އިސްލާމިކްގައި އެބަ ތިބި،" އޭނާ ވިދާޅުވި އެވެ.
ކާލް ވިދާޅުވީ ބީއެމްއެލް އިސްލާމިކުން އަންނަނީ ރާއްޖޭގެ މާކެޓަށް ޒަމާނީ އާ ހިދުމަތްތައް ތައާރަފްކޮށް، ޓްރެންޑުތައް ސެޓުކުރަމުން ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ދެއްކެވީ މިދިޔަ ހޯމަދުވަހު ބީއެމްއެލް އިސްލާމިކުން ތައާރަފްކުރި ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑެވެ.
ބީއެމްއެލް އިސްލާމިކްގެ ކްރެޑިޓް ކާޑު
- މި ކްރެޑިޓް ކާޑުން 'ބީއެމްއެލް އީޒީ ޕޭ' މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ނުވަތަ ބަހާލައިގެން ފައިސާ ދެއްކޭނެ
- މިއީ އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް ފަރުމާކޮށްފައިވާ، އުޖްރާ އުސޫލުން ތައްޔާރުކޮށްފައިވާ ކާޑެއް
"އެހެންވީމަ ބީއެމްއެލް އިސްލާމިކް ވެސް [ޕާފޯމަންސް] ވަރަށް ރަނގަޅު ކަމަށް އަޅުގަނޑަށް ފެންނަނީ،" ކާލް ވިދާޅުވި އެވެ.