އެމްއެމްއޭ ގަވަރުނަރު އަލީ ހާޝިމް، އެމްއެމްއޭގެ މައި އިދާރާއަށް ވަންނަވަނީ: ސަޕްލިމަންޓްރީ ބަޖެޓް ހުށަހަހެޅުމަކީ އާންމުކަމަކަށް ނުހެދުމަށް ވަނީ އެދިފައި. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެމްއެމްއޭ

ސަޕްލިމަަންޓްރީ ބަޖެޓުން އެމްއެމްއޭ ކަންބޮޑުވެއްޖެ؛ '4.2 ބިލިއަން ނުހޯދި ރިޒާވަށް ނުރައްކާ ވެދާނެ'

ސަޕްލިމަންޓްރީ ބަޖެޓަށް ބޭރުން ހޯދަން ރާވާފައިވާ 271.9 މިލިއަން ޑޮލަރު ނުހޯދިއްޖެ ނަމަ، ރާއްޖޭގެ ރަސްމީ ރިޒާވް ކަންބޮޑުވާ ދަރަޖައަކަށް ވެއްޓިދާނޭ ކަމަށް އެމްއެމްއޭއިން ބުނޭ
16 ނޮވެމްބަރު 2023

ބަޖެޓަށް އިތުރުކުރަން ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓަށް ބޭރުން ހޯދަން ރާވާފައިވާ 4.2 ބިލިއަން ރުފިޔާ (271.9 މިލިއަން ޑޮލަރު) ނުލިބުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށް، އެ ބަޖެޓާ މެދު މަރުކަޒީ ބޭންކް، އެމްއެމްއޭއިން އިއްޔެ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - ގަވަރުނަރު އަލީ ހާޝިމް ސޮއިކުރައްވައި ސަޕްލިމަންޓްރީ ބަޖެޓާ ގުޅޭ ގޮތުން އިއްޔެ މަޖިލީހަށް ފޮނުވި އެމްއެމްއޭގެ ލަފާގައި ފާޅުކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ސަޕްލިމަންޓްރީ ބަޖެޓަށް އެންމެ ގިނަ ފައިސާ ހޯދަން ރާވާފައި ވަނީ ރާއްޖެއިން ބޭރުން ކަމަށްވީ ނަމަވެސް އެ ފައިސާ ނުހޯދި ރާއްޖޭގެ ރަސްމީ ރިޒާވް ނުރައްކާ ދަރަޖައަކަށް ވެއްޓިދާނެތީ އެވެ. 

ތަފްސީލް - އެމްއެމްއޭގެ ލަފާގައި ބުނި ގޮތުގައި:

  • މި އަހަރުގެ ވޭތުވެ ދިޔަ ތަނަށް ބަލާއިރު ބޭރުގެ ފައިނޭންސިން އާއި ހިލޭ އެހީ ލަފާކުރި މިންވަރަށް ނުލިބޭ؛ އެހެންކަމުން ބޭރުން 4.2 ބިލިއަން ރުފިޔާ ހޯދަން ހުރަސްތައް ވަރަށް ބޮޑު

  • ބޭރުން ހޯދަން ރާވާފައިވާ ފައިސާ ނުލިބިއްޖެ ނަމަ ރާއްޖޭގެ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ނުހިފެހެއްޓި ދަށަށް ހިނގައިދާނެ؛ އެހެންވެ ސަޕްލިމަންޓްރީ ބަޖެޓް ފާސްކުރާއިރުން ބޭރުން ފައިސާ ހޯދޭނޭކަން ކަށަވަރުކުރަން އެދިފައިވޭ

  • ބޭރުން ފައިސާ ނުލިބިއްޖެ ނަމަ، ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯކުރުން ނޫނީ ފައިސާ ޗާޕްކުރަން ޖެހިދާނެ؛ އެގޮތަށް މި އަހަރު ވެސް 4.35 ބިލިއަން ރުފިޔާ ޗާޕްކޮށް ދިގު މުއްދަތުން ފައިސާ ދައްކާ ގޮތަށް ބަދަލުކޮށްފައިވޭ

  • ރާއްޖޭގެ އެތެރޭގެ ބާޒާރުން 1.9 ބިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް، މިފަހަކަށް އައިސް ސަރުކާރުގެ ބޮންޑުތައް އަމިއްލަ ބޭންކުތަކުން ގަންނަ މިންވަރު އަންނަނީ ދަށްވަމުން؛ އެހެންކަމުން، އެގޮތަށް ވެސް ފައިސާ ހޯދަން އުނދަގޫވާނެ

"އަހަރު ތެރޭގައި ބޭރުގެ ފައިނޭންސް ނުލިބުމުގެ ސަބަބުން ސަރުކާރުން ފައިނޭންސް ހަމަޖެއްސުމަށް ބޮޑަށް ބަރޯސާވެފައި ވަނީ ޑޮމެސްޓިކް މާކެޓް އަދި ޕީބީއޭ އޯވަޑްރޯކޮށްގެންނެވެ... 2023ގެ މާޗު މަހުން ފެށިގެން ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ޕީބީއޭ އޯވަޑްރޯކުރުމުގެ އިތުރުން ކްރޮސް ސަބްސިޑީޒް ފަދަ ވަންއޮފް އާމްދަނީ ހޯދުމަށް ސަރުކާރަށް ވަނީ މަޖުބޫރުވެފަ އެވެ،" ކަންބޮޑުވުންތަކާ އެކު އެމްއެމްއޭގެ ލަފާގައިވެ އެވެ.

"މިކަންކަމުން ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ފައިނޭންސިން ހޯދުމުގައި ކުރިއަށް ވުރެ ބޮޑަށް ދަތިތައް ހުރިކަން ފާހަގަކުރެވެ އެވެ." 

'ސަޕްލިމަންޓްރީ ބަޖެޓް ހުށަހެޅުން އާންމު ކަމަކަށް ނުހަދާ'

އެމްއެމްއޭގެ ލަފާގައި ދެން ފާހަގަކުރި ކަމަކީ ކޮންމެ އަހަރަކަށް ވެސް ފާސްކުރާ ބަޖެޓަށް ވުރެ އިތުރަށް ހަރަދުތައް ކުރުން އާންމު ކަމަކަށްވެ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭ ޖެހުމެވެ. އެމްއެމްއޭއިން ދެކޭ ގޮތުގައި ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭނީ ހާއްސަ ހާލަތްތަކެއް އައިސްގެންނެވެ. 

އެމްއެމްއޭއިން އެކަން ފާހަގަކުރަމުން ބުނެފައި ވަނީ ދައުލަތަށް ލިބޭ އާމްދަނީއަކުން ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް އިސްކަން ދޭން ޖެހޭ ކަމަށެވެ. އަދި އެކަމަށް މަޖިލީހުން ވެސް ބާރުއަޅަން ޖެހޭ ކަމަށް އެމްއެމްއޭގައި ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"އިގްތިސާދީ ހާއްސަ ހާލަތެއް މެދުވެރިވެގެން މެނުވީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަނޭޅުމުން މި އޮތޯރިޓީއިން ލަފާއަރުވަމެވެ. އަދި ކުރިމަގުގައި ސަޕްލިމަންޓްރީ ބަޖެޓަކުން ހަރަދުތައް ހަމަޖައްސަން ނުޖެހޭނެހެން ބަޖެޓް އޯވަސައިޓް ރޯލް މިހާރަށް ވުރެ ބޮޑަށް ހަރުދަނާކުރުމަށް ވެސް މި އޮތޯރިޓީއިން ލަފާއަރުވަމެވެ،" އެމްއެމްއޭގެ ލަފާގައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެމްއެމްއޭގެ ލަފާގައި އިތުރަށް އެދިފައި ވަނީ މި އަހަރު ކުރިއަށް މި އޮތް މުއްދަތުގައި ދައުލަތުގެ ދަރަނި ކުޑަކުރުމަށް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ. އަދި މިވަގުތަށް ކޮންމެހެން ހިންގަން ޖެހޭ މަޝްރޫއުތަކަކީ ކޮބައިކަން ދެނެގަނެ ދުރާލާ ފައިސާ ހަމަޖެހިފައި ނެތް އެއްވެސް މަޝްރޫއެއް މިވަގުތު ނުފެށުމަށް ވެސް އެމްއެމްއޭއިން ވަނީ އިރުޝާދު ދީފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް