
ލަންކާގެ އަންހެނަކު ޕެޓްރޯލް ސްޓޭޝަނެއްގައި ގޭސްފުޅިއެއް ކިޔޫއަށްލަނީ -- ފޮޓޯ/ ރޮއިޓާސް
މުޒާހަރާ މައިތިރިކުރަން ލަންކާގައި ސިފައިން ބަޑިޖަހައި ބަޔަކު ޒަހަމުކޮށްލައިފި
ސްރީ ލަންކާގެ ޕެޓްރޯލް ސްޓޭޝަންތައް ކައިރީ ކިޔޫތައް ދިގުވެ، ހަމަނުޖެހުން ހިނގައި މައްސަލަ ގޯސްވުމުން މީހުން މައިތިރި ކުރުމަށް ސިފައިން ހޮނިހިރު ދުވަހުގެ ރޭ ބަޑިޖަހައި ބަޔަކު ޒަހަމުކޮށްލައިފި އެވެ.
ކޮޅުނބުގެ ހުޅަނގު ސަރަހައްދެއްގެ ޕެޓްރޯލް ސްޓޭޝަނެއްކައިރީ ހަމަނުޖެހުން ހިނގުމުން ސިފައިން ފަސް ފަހަރަށް ބަޑިޖެހި އެވެ. އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ސިފައިން ބަޑިޖެހީ ސްޓޭޝަނުން ޕެޓްރޯލް ހުސްވެ، ރުޅިއައިސްފައި ތިބި އާންމުންނާއި ފުލުހުންގެ ކުރިމަތިލުންތައް ކޮންޓްރޯލުން ނެއްޓުމުންނެވެ.

ވިއްސަކަށް ތިރީހަކަށް މީހުންގެ ގްރޫޕަކުން ގާއުކައި ސިފައިންގެ ޓްރަކެއް ހަލާކުކޮށްލީ
"ވިއްސަކަށް ތިރީހަކަށް މީހުންގެ ގްރޫޕަކުން ގާއުކައި ސިފައިންގެ ޓްރަކެއް ހަލާކުކޮށްލީ،" ސިފައިންގެ ތަރުޖަމާނު ނިލާންތާ ޕްރިމެރަޓެން އޭއެފްޕީއަށް ވިދާޅުވި އެވެ.
ފުލުހުން ބުނީ ސިފައިން ބަޑިޖެހުމުގެ ސަބަބުން އާންމުންގެ ހަތަރު މީހަކާއި ސިފައިންގެ ތިން މީހަކު ޒަހަމުވި ކަމަށެވެ. މިއީ ލަންކާގައި އިގްތިސާދީ ކާރިސާއާ ގުޅިގެން ހިނގާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ސިފައިން ބަޑިޖެހި ފުރަތަމަ ފަހަރެވެ.
ސްރީ ލަންކާ ތަހައްމަލު ކުރަމުން އަންނީ އެ ގައުމު މިނިވަން ވީއްސުރެ ނުދެކޭ ފަދަ ތަޑުމަޑުކަމެކެވެ. އަދި ބޭރު ފައިސާގެ ތާށިކަން ކުރިމަތިވެ، ކާބޯ ތަކެއްޗިއްސާއި ބޭހާއި ތެލަށް ވަނީ ޖެހިފަ އެވެ.
ލަންކާގެ އާބާދީގެ 22 މިލިއަން މީހުން ޕެޓްރޯލް ސްޓޭޝަންތައް ކައިރީ އެތައް ގަޑިއިރެއް ވަންދެން ކިޔޫގައި ތިބެން ޖެހެ އެވެ. އަދި ދުވާލެއްގެ އެތައް ގަޑި އިރަކަށް ކަރަންޓް ކަނޑާތާ ވެސް މަސްތަކެއް ވެއްޖެ އެވެ. އަދި މީހުންތައް މަގުތަކަށް ނުކުމެ މުޒާހަރާކޮށް، ރައީސް ގޮތަބަޔާ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމަށް ގޮވާތާ ވެސް އެހާ ދުވަސްވެއްޖެ އެވެ.
ލަންކާގެ ޕެޓްރޯލް ސްޓޭޝަންތައް ކައިރީ ފޯރިމަރައި ސަލާމަތީކަންކަން ބަލަހައްޓަނީ ސިފައިންނާއި ފުލުހުންނެވެ. އެޕްރީލް މަހު ފުލުހުންނާއި އާންމުންގެ ކުރިމަތިލުމެއްގައި ފުލުހުން ބަޑިޖެހުމުގެ ސަބަބުން އާންމުންގެ މީހަކު ވަނީ މަރުވެފަ އެވެ.
ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ހަމަނުޖެހުން ހިނގީ ތިން ސަރަހައްދެއްގައި ކަމަށެވެ. އަދި ފުލުހުންގެ ހަ މީހަކު ޒަހަމުވި ކަމަށާއި އެ މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިދިޔަ ހަފުތާގެ ކުރީ ކޮޅުން ފެށިގެން ލަންކާގައި ވަނީ ސަރުކާރު މުވައްޒަފުން ހަފުތާ އަކު ހަތަރު ދުވަހު މަސައްކަތް ކުރާ ގޮތަށް ނިންމައިފަ އެވެ. ބޭނުމަކީ ތެލުގެ ހަރަދު ކުޑަކުރުމަށާއި ގޭގައި ތިބެގެން ކާބޯތަކެތި ހެއްދުމަށް ފުރުސަތު ތަނަވަސްކޮށްދިނުމެވެ.
އދ. އިން ވަނީ ލަންކާގައި ހާލުގައި ޖެހިފައިވާ 1.7 މިލިއަން މީހުންނަށް އެހީވުމަށް 47 މިލިއަން ޑޮލަރު ހޯދުމުގެ ޕްރޮގްރާމެއް ފައްޓައިފަ އެވެެ. ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގްހާ ވިދާޅުވި ގޮތުގައި ކުރިއަށް ހުރި މަސްތަކުގައި ކާބޯތަކެތީގެ ތާށިކަން އަދި އިތުރަށް ބޮޑުވާނެ އެވެ.
ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕްރޮގްރާމުގެ ދަށުން ލަންކާގެ މާބަޑު 2،000 މީހަކަށް ކާބޯތަކެތީގެ ކޫޕަން ވަނީ ދޫކުރަން ފައްޓައިފަ އެވެ.