އަލީބާބާގެ ސްޓޯލެއް. (ފޮޓޯ/އޭޕީ)

ޗައިނާ

ޗައިނާގެ އަސްކަރިއްޔާއާ ގުޅުން އޮންނަ ކަމަށް ބުނެ އަލީބާބާ، ބީވައިޑީ އަދި ބައިޑޫ އެމެރިކާއިން ބްލެކްލިސްޓްކޮށްފި

މި ބަދަލާ އެކު، މިދިޔަ އަހަރު 134ގައި އޮތް ކުންފުނިތަކުގެ އަދަދު މިހާރު ވަނީ 188އަށް އަރާފައި
1 ގަޑިއިރު ކުރިން

ޗައިނާގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ބެލެވޭ ކުންފުނިތަކުގެ ލިސްޓަށް، ޗައިނާގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އަލީބާބާ، ބީވައިޑީ އަދި ބައިޑޫ އެމެރިކާއިން އިއްޔެ އިތުރުކޮށްފި އެވެ.

މި ނިންމުން އިއުލާންކުރީ އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓް (ޕެންޓަގަން) އިންނެވެ. މިއީ އެ ގައުމުން ކޮންމެ އަހަރަކު ނެރޭ ޗައިނާގެ އަސްކަރީ ކުންފުނިތަކުގެ ބްލެކްލިސްޓްގެ އަޕްޑޭޓެކެވެ.

މި ބަދަލާ އެކު، މިދިޔަ އަހަރު 134ގައި އޮތް ކުންފުނިތަކުގެ އަދަދު މިހާރު ވަނީ 188އަށް އަރާފަ އެވެ.

މި ލިސްޓުގައި ހިމެނޭ ކުންފުނިތަކަށް މި މަހުގެ ފަހުކޮޅުން ފެށިގެން އެމެރިކާގެ ދިފާއީ އެއްބަސްވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ބަންދުވާނެ އެވެ.

ޕެންޓަގަނުން ބުނި ގޮތުގައި، މި ލިސްޓުގައި ހިމަނަނީ ޗައިނާގެ އަސްކަރިއްޔާގެ މިލްކުވެރިކަން އޮންނަ، އޭގެ ކޮންޓްރޯލް އޮންނަ ނުވަތަ ބެއިޖިންގެ 'މިލިޓަރީ-ސިވިލް ފިއުޝަން' ސިޔާސަތުގެ ދަށުން އަސްކަރިއްޔާއަށް އެހީތެރިވާ ކުންފުނިތަކެވެ. އެއީ އާންމު ވިޔަފާރިތަކުގެ އީޖާދުތަކާއި ދިފާއީ ދާއިރާގެ އީޖާދުތައް އެއްކޮށްލައިގެން ކުރިއަށްގެންދާ ސިޔާސަތެކެވެ.

ޗައިނާއިން ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ވޮޝިންޓަނުގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނު މި ފިޔަވަޅު ސިފަކުރެއްވީ ތަފާތުކުރުން ބޮޑު ފިޔަވަޅެއްގެ ގޮތުގަ އެވެ. އަދި ގައުމީ ސަލާމަތުގެ ބިރުވެރިކަން ދައްކައިގެން އެމެރިކާއިން ހައްދުފަހަނައަޅާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އެމެރިކާއިން މި ނުބައި އަމަލުތައް ހުއްޓާލައި ޗައިނާގެ ކުންފުނިތަކަށް ހަމަހަމަ، އިންސާފުވެރި އަދި ތަފާތުކުރުމެއް ނެތް މާހައުލެއް ގާއިމުކޮށްދޭންޖެހޭނެ،" ތަރުޖަމާނު ވިދާޅުވި އެވެ.

މި ބްލެކްލިސްޓް ފުޅާކޮށްފައި މިވަނީ، ވިޔަފާރި އާއި ޓެކްނޮލޮޖީގެ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބޭއްވެވި ސަމިޓަށް މަހެއް ވެސް ނުވަނީހެވެ.

ގައުމީ ސަލާމަތާ ބެހޭ ދިރާސާވެރިއެއް ކަމަށްވާ ޑެނިސް ވައިލްޑާ މި ފިޔަވަޅުގެ ފައިދާއާ މެދު ސުވާލު އުފެއްދެވި އެވެ. އޭނާ ވަކާލާތު ކުރެއްވި ގޮތުގައި، އެމެރިކާގެ ގިނަ ކުންފުނިތަކަކުން އަދިވެސް ދަނީ މި ލިސްޓުގައިވާ ކުންފުނިތަކާ އެކު ފުޅާ ދާއިރާއެއްގައި ވިޔަފާރީގެ ގުޅުންތައް ބާއްވަމުންނެވެ.

"މިހާ ފުޅާ ދާއިރާއެއްގައި އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާއެއް ނުފެންނާނެ،" އޭނާ ވިދާޅުވި އެވެ.

ދެ ގައުމުގެ އިގްތިސާދީ ގުޅުންތައް މުޅިން ވަކިނުކުރާހާ ހިނދަކު، މި ފިޔަވަޅުތަކަކީ ހަމައެކަނި ދެއްކުންތެރިކަމުގެ ކަމަކަށް ވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލަށް ނެރުނު މި ބްލެކްލިސްޓުގައި ރޮބޮޓިކްސް އަދި ޓެކްނޮލޮޖީގެ އެހެން ބައެއް ކުންފުނިތައް ކަމަށްވާ 'ރޮބޯސެންސް ޓެކްނޮލޮޖީ' އާއި 'ޔުނިޓްރީ ރޮބޮޓިކްސް' ވެސް ހިމެނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް