ކޮންގްރެސް ޕާޓީގެ ޕްރިޔަންކާ ގާންދީ ވަދްރާ ޕާލަމެންޓް މެމްބަރުކަމުގެ ހުވާ ކުރައްވަނީ. (ޕީޓީއައި)
ޕްރިޔަންކާ ގާންދީ އިންޑިއާގެ މަޖިލީހުގެ ހުވާ ކުރައްވައިފި
އިންޑިއާގެ ކެރެލާގެ ވަޔަނާޑް ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކޮންގްރެސް ޕާޓީގެ ލީޑަރު ޕްރިޔަންކާ ގާންދީ ވަދްރާ މިއަދު ހެނދުނު ކުރައްވައިފި އެވެ.
ދާދި ފަހުން ބޭއްވި ބައި އިލެކްޝަންގައި ޕްރިޔަންކާ ގާންދީ ވަނީ 410،931 ވޯޓުގެ ތަފާތަކުން ވަޔަނާޑް ލޮކް ސަބާ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ.
އޭނާގެ ބޭބެ ރާހުލް ގާންދީގެ ފިޔަވަޅުތަކުގެ ފަހަތުން ކޮންގްރެސް ޕާޓީގެ ލީޑަރު ޕްރިޔަންކާ ގާންދީ ވަދްރާ ވަނީ އިންޑިއާގެ ގާނޫނުއަސާސީގެ ކޮޕީއެއް ހިއްޕަވައިގެން ހުންނަވައި ލޮކް ސަބާގައި މަޖިލިސްގެ މެމްބަރުކަމުގެ ހުވާ މިއަދު ކުރައްވައިފަ އެވެ.
ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ބާއްވާ އެއްވުންތަކުގައި އޭނާ ގެންގުޅުއްވަނީ އިންޑިއާގެ ގާނޫނުއަސާސީގެ ރަތް ކުލައިގެ ކޮޕީއެކެވެ. އެއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މައި ސަރުކާރުގެ ކިބައިން ގާނޫނުއަސާސީ ހިމާޔަތް ކުރުމުގެ ހަރަކާތެއް ކަމަށް އޭނާ ސިފަކުރައްވަ އެވެ.
އިންޑިއާގެ ކެރެލާގައި ދާދި ފަހުން ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވުމަށް ފަހު، ކޮންގްރެސް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ މެމްބަރުކަމުގެ ހުވާ ކުރައްވައި މިއަދު ވަނީ އިންތިހާބީ މައިދާނަށް ނުކުމެވަޑައިގެންފަ އެވެ.
މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ނެހްރޫ-ގާންދީ އާއިލާގެ ތިން ބޭފުޅަކު މަޖިލިސްގައި ތިއްބަވާ ފުރަތަމަ ފަހަރެވެ. އެއީ ސޯނިއާ ގާންދީ، ރާހުލް ގާންދީ އަދި ޕްރިޔަންކާ ގާންދީ އެވެ.
ޕްރިޔަންކާ ގާންދީ އަކީ ގިނަ ފަހަރަށް އޭނާގެ މާމަ އަދި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީއާ އެއްގޮތް ސިފަތަކެއް ގެންގުޅުއްވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ހެދުންއެޅުމުގެ އެއްގޮތްވުން ވެސް ހިމެނެ އެވެ. އަދި ވާހަކަ ދެއްކުން ވެސް އެއްގޮތެވެ.
ޕްރިޔަންކާ ގާންދީ އަކީ ހަރަކާތްތެރި ސިޔާސީ މައިދާނަށް ނުކުންނެވި ދުވަހުން ފެށިގެން އަދި އޭގެ ކުރިން ވެސް އޭނާގެ މަންމަ ސޯނިއާ އާއި ބޭބެ ރާހުލްއަށް ކެމްޕެއިން ކޮށްދެއްވުމުގައި ކޮންގްރެސްގެ ކެމްޕެއިންގައި ހަރަކާތްތެރިވި ބޭފުޅެކެވެ.
ދާދި ފަހުން ނިމުނު ބައި-އިލެކްޝަން ބުރުގައި ޕްރިޔަންކާ ގާންދީ ވަނީ 410،931 ވޯޓުގެ ތަފާތަކުން ވަޔަނާޑް ލޮކް ސަބާ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. އެއީ މި އަހަރު އެކުއެކީގައި ބޭއްވި މަހާރާޝްތުރާ އާއި ޖަރްކާންދް މަޖިލީސް އެކު އެވެ.
ކެރެލާ ގޮނޑިއަށް ހިފީ ޕްރިޔަންކާ ގާންދީއާ އެކު، ބީޖޭޕީގެ ނަވްޔާ ހަރިދާސް އާއި ކޮމިއުނިސްޓް ޕާޓީ އޮފް އިންޑިއާ (ސީޕީއައި)ގެ ލީޑަރު ސަތިޔާން މޮކެރީ އެވެ.
ވަޔަނާޑް ލޯކް ސަބާގެ ގޮނޑި ހުސްވީ ޕްރިޔަންކާ ގާންދީގެ ބޭބެ ރާހުލް ގާންދީ އެ ގޮނޑިއާ އެކު އިތުރު ގޮނޑިއެއް ކާމިޔާބު ކުރެއްވުމުންނެވެ.
މި އަހަރުގެ އޭޕްރީލް މަހު ބޭއްވި ލޯކް ސަބާ އިންތިހާބުގައި އެ ދެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު ރާހުލް ގާންދީ ވަޔަނާޑް ދާއިރާގެ ގޮނޑިން އިސްތިއުފާ ދެއްވައި ރާއީ ބަރޭލީ ދާއިރާގެ ގޮނޑީގައި އިންނަވަން ނިންމެވުމުން ވަޔަނާޑްގައި ބައި-އިލެކްޝަން ބާއްވަން ޖެހުނެވެ.
ކޮމެންޓް