ޖަޕާނުގެ ބޮޑުވަޒީރު ޝިގޭރޫ އިޝިބާ، ޓޯކިޔޯގައި ހުންނަ ތިރިގޭގެ ހާއްސަ ސެޝަނަކުން އިއްޔެ އިންތިހާބުވެ ވަޑައިގަތުމުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ތައުރީފު ކުރައްވަނީ. (ފޮޓޯ/އޭޕީ)

ޖަޕާން

ޖަޕާނުގެ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަކުން ބޮޑުވަޒީރު ސަލާމަތް ވެއްޖެ

އިންތިހާބުގައި އިޝިބާގެ ޕާޓީ ބަލައިގަންނަ ރޭޓަކީ %30 މީހުން ކަމަށް ވިއަސް ރައްޔިތުން ބޭނުންވަނީ އޭނާ ވެރިކަމުގައި ހުންނެވުމަށް
12 ނޮވެމްބަރު 2024

ހިޔާނާތުގެ ޝިކާރައަކަށް ވެފައިވާ ކޯލިޝަނަށް މިދިޔަ މަހު ޖަޕާނުގައި ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ގެއްލުނު ނަމަވެސް، ޖަޕާނުގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާ މަގާމުގައި ދެމި ހުންނެވުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވޯޓު ދެއްވައިފި އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަށް ފަހު އިޝިބާ ހިންގަވަން ޖެހޭނީ ނާޒުކު މައިނޯރިޓީ ސަރުކާރެކެވެ. އިޝިބާ ޖަޕާނުގައި މައިނޯރިޓީ ސަރުކާރެއް ހިންގަވަން ފައްޓަވާ ދުވަސްވަރަކީ އެެމެރިކާގައި ކުރީގެ ރައީސް ޑޮނަލަޑް ޓްރަމްޕް އަލުން ބާރުވެރިވެރިވެ، ވެރިކަމާ ހަވާލުވުމާ އެއް ދުވަސް ވަރެކެވެ. އަދި ވާދަވެރި ޗައިނާ އާއި އުތުރު ކޮރެއާއާ އެކު ނުތަނަވަސްކަން އުފެދި، ދިރިއުޅުމުގެ ހަރަދުތައް ކޮންޓްރޯލް ކުރުމަށް އެތެރޭގެ ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އިޝިބާ، 67، މީގެ ހަ ހަފުތާ ކުރިން ވެރިކަމާ ހަވާލުވުމަށް ފަހު 27 އޮކްޓޯބަރުގައި އަވަސް އިންތިހާބެއް ބޭއްވީ ކޮންޒަވޭޓިވް ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ ލީޑަރުގެ ހައިސިއްޔަތުން އޭނާގެ ހައިސިއްޔަތު އިތުރަށް ވަރުގަދަ ކުރެވޭނެ ކަމުގެ އުއްމީދުގަ އެވެ.

އިންފްލޭޝަނާއި ކުރީގެ ރައީސް ފުމިއޯ ކިޝިދާ ގެނބިގެން ދިޔަ ފަންޑުގެ ހިޔާނާތާ މެދު ހިތްހަމަނުޖެހިގެން ވޯޓުލީ މީހުން ވަނީ އެލްޑީޕީ އާއި އެ ޕާޓީގެ ޖޫނިއާ ކޯލިޝަން ޕާޓްނަރަށް ވަރުގަދަ އިމްތިހާނެއް ދީފަ އެވެ.

ނަމަވެސް، ޖަޕާނުގެ އިދިކޮޅު ޕާޓީތައް މުހިންމު ކަންކަމުގައި ބައިބައިވެ، އިޝިބާއަށް ގޮންޖެހުންތަކެއް ކުރިމަތި ކުރުވުމަށް ވަނީ ނުކުޅެދިފަ އެވެ.

އަދި 1994 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ދެ ޕާޓީއެއްގެ ދެމެދުގައި ނެގި ވޯޓުގައި އިދިކޮޅު ކޮންސްޓިޓިއުޝަނަލް ޑިމޮކްރެޓިކް ޕާޓީ އޮފް ޖަޕާން (ސީޑީޕީ)ގެ ވެރިޔާ ޔޮޝިހިކޯ ނޯޑާ 160 ވޯޓް ހޯއްދެވި އިރު، އިޝިބާ މަގާމު ކަށަވަރު ކުރެއްވީ 221 ވޯޓާ އެކު އެވެ. ތަފާތު ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ވޯޓު ދިނުމުން 84 ވޯޓެއް ވަނީ ބާތިލުވެފަ އެވެ.

ވޯޓަށް ފަހު މަޖިލީހުގެ ރައީސް އިއުލާން ކުރެއްވީ އިޝިބާ އިންތިހާބު ވެއްޖެ ކަމަށެވެ.

މިދިޔަ މަހު ބޭއްވި އިންތިހާބުގެ އަގުލަބިއްޔަތު ގެއްލުނު ނަމަވެސް، 465 ގޮނޑި ހިމެނޭ ތިރިގޭގެ އެންމެ ގިނަ ގޮނޑި އަދި ވެސް ކޮންޓްރޯލް ކުރަނީ އެލްޑީޕީ ކޯލިޝަނުންނެވެ.

ކުރިއަށް އޮތް ތަނުގައި ގާނޫނުތައް ފާސްކުރުމަށް ކުޑަ ސެންޓްރިސްޓް ޕާޓީ، ޑިމޮކްރެޓިކް ޕާޓީ ފޯ ދަ ޕީޕަލް (ޑީޕީޕީ)ގެ އެހީއަށް އިޝިބާގެ އެލްޑީޕީން ވަނީ އެދިފަ އެވެ. ޑީޕީޕީން ވަނީ ކޯލިޝަނުން ބޭރުގައި ތިބެގެން ވަކިވަކި ވޯޓުގެ އުސޫލުން އެއްބާރުލުން ދިނުމަށް އެއްބަސްވެފަ އެވެ.

އެލްޑީޕީއާ އެކު ބޭއްވި މަޝްވަރާތަކުގައި ޑީޕީޕީން ވަނީ ޓެކްސް ކުޑަ ކުރުމަށާއި ހަކަތައިގެ ސަބްސިޑީ ދިނުމަށް ގޮވާލައިފަ އެވެ. އިގުތިސާދީ މާހިރުން ބުނަނީ އެއާ އެކު ސަރުކާރުގެ އާމްދަނީ ދަށަށްދާނެ ކަމަށެވެ.

"ވެރިކަމުގައި ދެމިހުންނެވުމަށް އިޝިބާއަށް މިފިނި މޫސުމުގައި ސަރުކާރުގެ ބަޖެޓް ފާސްކުރަން އެބަޖެހޭނެ،" ނިހޮން ޔުނިވަސިޓީގެ ޕްރެފެސަރަކު ވިދާޅުވި އެވެ.

"އޭގެ މާނައަކީ އެލްޑީޕީގެ ބައެއް ސިޔާސަތުތައް ބަދަލުކޮށް އެހެން މީހުންގެ އެއްބާރުލުން ހޯދަން ޖެހުން."

ޓްރަމްޕްގެ ޒައާމަތުގައި ޗައިނާ އާއި ޖަޕާނުގެ މުދަލުން އެމެރިކާއިން އަލަށް ނަގަން ވިސްނާ ޑިއުޓީގެ ސަބަބުން އިންފްލޭޝަން މަތިވެދާނެ ކަމުގެ ކަންބޮޑުވުން ތަޖުރިބާކާރުން ދަނީ ފާޅުކުރަމުންނެވެ. އަދި ޖަޕާނުގެ ދިފާއީ ހަރަދު މަތިކުރުމަށް ނުވަތަ ޖަޕާނުގެ ކުންފުނިތަކުން އެމެރިކާގައި ފެކްޓްރީތައް ފުޅާކުރުމަށް ބާރުއެޅުމަށް ވެސް ޓްރަމްޕްގެ ސަރުކާރުން ޑިމާންޑް ކޮށްފާނެ ކަމަށް ބެލެވެ އެވެ.

އެކަން ކަމަށް ހައްލު ހޯދުމަށް އިޝިބާ މި މަހު ޓްރަމްޕާ އެކު ބައްދަލުވެއް ބޭއްވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އިޝިބާގެ ސަރުކާރު ބަލައިގަންނަ ކަމަށް ބުނަނީ %30 މީހުންނެވެ. ނަމަވެސް އާންމުންގެ ބޮޑު ބައެއް ބުނަނީ އޭނާ ބޮޑުވަޒީރުކަމުގައި ހުންނަވަން ޖެހޭ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް