އޮސާކާ: ޖޫން 29، 2019- އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވަނީ: ޗައިނާ އިން އެމެރިކާއަށް އެތެރެ ކުރާ ތަކެތިން %60 ޑިއުޓީ ނަގާނެ ކަމަށް ޓަރަމްޕް ވިދާޅުވި. ރޮއިޓާސް
7 ކަމެއް ކުރައްވާނެ ކަމަށް ޓްރަމްޕް ވައުދުވެވަޑައިގެންފި
އިމިގްރޭޝަނާއި އިގްތިސާދާއި ޔޫކުރެއިން ހަނގުރާމަ ފަދަ ކަންކަމުގައި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
އެމެރިކާގެ މަތިގެ، ސެނެޓުގެ ކޮންޓްރޯލް ރެޕަބްލިކަން ޕާޓީން އަލުން ހޯދުމާ އެކު ކޮންގްރެސްގައި ޓްރަމްޕްގެ ސިޔާސީ އެޖެންޑާއަށް ވަރަށް ބޮޑު ތާއީދެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރުގައި ޓްރަމްޕް އިއްޔެ ވިދާޅުވީ "ވެރިކަން ކުރައްވާނީ ވަރަށް އާދައިގެ މޮޓޯއަކުން" ކަމަށެވެ. އެއީ ވައުދުތައްވެ، ވައުދުތައް ފުއްދައި، ވައުދުތައް ފުއްދައިދޭނެ ކަމުގެ ޔަގީން ކަމާ އެކު ކަމަށެވެ.
ނަމަވެސް ބައެއް ހާލަތްތަކުގައި އޭނާގެ މަގްސަދު ހާސިލު ކުރައްވާނެ ގޮތުގެ ތަފްސީލެއް ނުދެއްވަ އެވެ.
މިދިޔަ އަހަރު ފޮކްސް ނިއުސްއިން ޓްރަމްޕާ ކުރި ސުވާލަކީ އޭނާގެ ވެރިކަމުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވާނެތޯ ނުވަތަ ސިޔާސީ ވާދަވެރިންނަށް އަމާޒުކުރައްވާނެތޯ ކުރި ސުވާލެވެ. އެ ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ "ފުރަތަމަ ދުވަސް ފިޔަވައި" އެކަން ނުކުރައްވާނެ ކަމަށެވެ.
"ފުރަތަމަ ދުވަސް ފިޔަވައި ނޫން، ނޫން، ނޫން. ބޯޑަރު ބަންދުކޮށް، ތޮރުފުން، ތޮރުފުން، ތޮރުފުން މިކުރަނީ. އެއަށް ފަހު އަޅުގަނޑަކީ ޑިކްޓޭޓަރެއް ނޫން،" ޓަރަމްޕް ވިދާޅުވި އެވެ.
ލިޔެކިޔުން ނެތް ބިދޭސީން ޑީޕޯޓްކުރުން
ކެމްޕެއިންގައި ޓްރަމްޕް ވަނީ ލިޔެކިޔުމެއް ނެތް ހިޖުރަވެރިން އެމެރިކާގެ ތާރީހުގައި ވެސް ނުކުރާހާ ގިނަ އަދަދަކަށް ޑީޕޯޓް ކޮށްލާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އެމަނިކުފާނުގެ ފުރަތަމަ ވެރިކަމުގައި މެކްސިކޯގެ ބޯޑަރު ސަރަހައްދުގައި ފާރެއް އެޅުމަށް ފެއްޓެވި މަސައްކަތް ނިންމަވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ.
ބައިޑަން-ހެރިސްގެ ވެރިކަމުގައި މިދިޔަ އަހަރުގެ ފަހުކޮޅު އެމެރިކާގެ ދެކުނު ބޯޑަރު ހުރަސްކޮށް ރެކޯޑް މިންވަރަކަށް މީހުން އެތެރެވެފައިވެ އެވެ. ނަމަވެސް މި އަހަރު އެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.
ތަޖުރިބާކާރުން ބުނެފައި ވަނީ ޓްރަމްޕް ވައުދުވެވަޑައިގެންފައިވާ މިންވަރަށް މީހުން ޑީޕޯޓު ކުރުމުން ގާނޫނީ ގޮތުންނާއި ލޮޖިސްޓިކް ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށާއި އިގްތިސާދީ ދުވެލި މަޑުޖެހިދާނެ ކަމަށެވެ.
އިގުތިސާދާއި ޓެކުހާއި ޓެރިފަށް ފިޔަވަޅު އެޅުން
ހިޔާލު ހޯދުމުގެ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި ވޯޓުލާ މީހުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އިގުތިސާދެވެ. ޓްރަމްޕް ވަނީ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި މައްޗަށް އަރާފައިވާ އިންފްލޭޝަން ދަށަށް ގެންދަވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް އިންފްލޭޝަން ތިރި ކުރުމަށް ރައީސަށް އޮންނަނީ ވަރަށް ހަނި ދައުރެކެވެ.
އޭނާ ވަނީ ޓެކްސް ކުޑަ ކުރުމަށް ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން ޓިޕްސް އިން ނަގާ ޓެކްސް މައާފު ކުރުމާއި އިޖުތިމާއީ ރައްކާތެރިކަމަށްދޭ ފައިސާ އިން ނަގާ ޓެކްސް އުވާލުމާއި ކޯޕަރޭޝަން ޓެކްސް ކުޑަ ކުރަމުން ވެސް ވަނީ ވައުދުވެފަ އެވެ.
ވިޔަފާރީގެ ޑެފިސިޓް ކުޑަކުރުމުގެ ގޮތުން ބޭރުން އެތެރެ ކުރާ މުދަލުން މަދުވެގެން %10 އާ ހަމައަަށް ޑިއުޓީ ޓެކުހެއް ނަގަން އޭނާ ވަނީ ހުށަހަޅުއްވައިފަ އެވެ. އަދި ޗައިނާއިން އެތެރެކުރާ މުދަލުން އިތުރު %60ގެ ޑިއުޓީ އިތުރު ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ބައެއް އިގްތިސާދީ މާހިރުން އިންޒާރު ދޭ ގޮތުގައި މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އާދައިގެ މީހުންގެ ދިރިއުޅުމުގެ އަގުތައް އުފުލިގެންދާނެ އެވެ.
މޫސުމާ ބެހޭ ގަވާއިދުތައް އުވާލުން
ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި ތިމާވެށީގެ ގޮތުން އެއްބަސްވެފައިވާ އެތައް ސަތޭކަ އެއްބަސްވުމެއް ވަނީ އުވާލައްވައިފަ އެވެ. އަދި ޕެރިސް ކްލައިމެޓް އެގްރީމެންޓުން ވަކިވި ފުރަތަމަ ގައުމަކަށް އެމެރިކާ ވަނީ ވެފަ އެވެ.
މި ފަހަރު ވެސް އެފަދަ ގަވާއިދުތައް އުވާލައްވާނެ ކަމަށް އޭނާ ވަނީ ވައުދުވެފަ އެވެ. އެއީ ހާއްސަކޮށް އެމެރިކާގެ ކާރު އިންޑަސްޓްރީއަށް އެހީވުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ. އޭނާ ގެންދެވީ އިލެކްޓްރިކް ވެހިކަލްތަކަށް އަބަދު ވެސް ހަމަލާ ދެއްވަމުންނެވެ. އެއީ ސާފު ކާރުތަކަށް ބަދަލުވުމަށް ހިތްވަރުދީ، ބައިޑަންގެ ޓާގެޓާ ދެކޮޅު ހައްދަވަމުންނެވެ.
އެމެރިކާގެ ފޮސިލް ފިއުލް އުފައްދާ މިންވަރު އިތުރުކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެ ގޮތުން ވައިއިން ހަކަތަ އުފައްދާ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް ތާއީދުކޮށް ފުރަތަމަ ދުވަހު "ޑްރިލް، ޑްރިލް، ޑްރިލް" ކުރާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފަ އެވެ.
އޭނާ ބޭނުންފުޅުވަނީ އާކްޓިކް ޖަންގަލި ފަދަ ސަރަހައްދުތައް ތެޔޮ އުފައްދާ ތަންނަނަށް ބަދަލު ކުރުމަށެވެ. އެއާ އެކު އެކަމުގެ ސަބަބުން ހަކަތައިގެ ހަރަދު ކުޑަވެގެންދާނެކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުން
ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމާގައި އެހީތެރިވުމަށް އެމެރިކާއިން ވަނީ އެތައް ބިލިއަން ޑޮލަރެއް ހަރަދުކޮށްފަ އެވެ. އަދި އެކަމާ ދެކޮޅަށް ޓްރަމްޕް އަންނަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި މަޝްވަރާގެ އެއްބަސްވުމެއްގެ ދަށުން "24 ގަޑިއިރުގެ ތެރޭގައި" ހަމަނުޖެހުންތައް ނިމުމަކަށް ގެންނާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ދެ ފަރާތުން ވެސް ދޫ ދޭން ޖެހޭ ކަންކަމަކީ ކޮބައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ޑިމޮކްރެޓުން ބުނަނީ އެކަމުގެ ސަބަބުން ރައީސް ވްލަޑިމިއާ ޕޫޓިންއަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.
ޓްރަމްޕް ބޭނުންފުޅުވަނީ އާންމު ގޮތެއްގައި ބޭރުގެ ހަމަނުޖެހުންތަކުން އެމެރިކާ ވަކިވުމަށެވެ. ގާޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ޓްރަމްޕް ވަނީ އިޒުރޭލަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. ނަމަވެސް އެމެރިކާގެ ބައިވެރިޔާގެ ކިބައިން ވަނީ އެ ހަނގުރާމަ ހުއްޓާލުމަށް އެދިވަޑައިގެންފަ އެވެ.
ލުބްނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ނުދެއްވަ އެވެ.
އެބޯޝަން މަނާނުކުރުން
ކަމަލާ ހެރިސްއާ އެކު ބޭއްވި ރިޔާސީ ބަހުސްގައި ޓްރަމްޕް ވިދާޅުވީ އެބޯޝަން މަނާ ކުރުމުގެ ގާނޫނެއްގައި ސޮއި ނުކުރައްވާނެ ކަމަށެވެ. އަދި އެއީ އޭނާގެ ސަޕޯޓަރުންގެ އެދުމާ ވެސް ދެކޮޅަށެވެ.
ޓްރަމްޕްގެ ފުރަތަމަ ވެރިކަމަށް ފަހު ކޮންޒަވޭޓިވް ފަނޑިޔާރުންގެ އަގުލަބިއްޔަތު އޮތް ސުޕްރީމް ކޯޓުން 2022 ވަނަ އަހަރު ވަނީ އެބޯޝަން ހެދުމަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގު ބާތިލުކޮށްފަ އެވެ.
ދަރިމައިވުމުގެ ހައްގުތަކަކީ ހެރިސްގެ ކެމްޕެއިންގެ މައިގަނޑު މައުލޫއަކަށް ވެގެން ދިޔަ އެވެ. އަދި ވޯޓުލި ދުވަހު އެބޯޝަންގެ ހައްގުތައް ހިމާޔަތް ކުރުމަށް ނުވަތަ ފުޅާކުރުމަށް ގިނަ ސްޓޭޓްތަކަކުން ވަނީ ފާސްކޮށްފަ އެވެ.
ޖެނުއަރީ 6ގައި ހަމަނުޖެހުން ހިންގި ބައެއް މީހުންނަށް މައާފު ދިނުން
ވޮޝިންގްޓަން ޑީސީގައި 6 ޖެނުއަރީ 2021ގައި ހިންގި ހަމަނުޖެހުންތަކުގައި ކުށްސާބިތުވި ބައެއް މީހުން "މިނިވަން" ކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އެއީ 2020 ވަނަ އަހަރުގެ އިންތިހާބުގައި ޖޯ ބައިޑަން އަށް ލިބުނު ކާމިޔާބީ ނާކާމިޔާބު ކޮށްލުމުގެ ގޮތުން ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓޮލް އިމާރާތަށް ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން ކުށްސާބިތުވި މީހުންނެވެ.
އެ ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރުވި އެވެ. އަދި އެކަމަށް ޓްރަމްޕް ހިތްވަރު ދިން ކަމަށް ތުހުމަތުކުރެވެ އެވެ.
ހަމަނުޖެހުންތަކުގެ މުހިންމުކަން ކުޑަކޮށް، ސިޔާސީ ގައިދީންގެ ގޮތުގައި ހުކުމް ކޮށްފައިވާ އެތައް ސަތޭކަ ސަޕޯޓަރުން އަލުން ނެރުމަށް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
އޭގެ ތެރެއިން ގިނަ މީހުންނަކީ "ނުހައްގުން ޖަލަށްލާފައިވާ" މީހުން ކަމަށް އޭނާ ދެކިވަައިގަންނަނަވަ އެވެ. ނަމަވެސް، "އޭގެ ތެރެއިން މަދު ބަޔަކު ކޮންޓްރޯލުން ނެއްޓިގެން ދިޔައީ ކަމަށް ވެދާނެ" ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ސްޕެޝަލް ކައުންސެލް ޖެކް ސުމިތު މަގާމުން ވަކިކުރުން
ޓްރަމްޕް ވަނީ އޭނާގެ މައްޗަށް ޖިނާއީ ދެ ތަހުގީގެއް ހިންގުމުގައި އިސްކޮށް ހުންނެވި ތަޖުރިބާކާރު ޕްރޮސެކިއުޓަރު، އޭނާ މަގާމާ ހަވާލުވާތާ "ދެ ސިކުންތުގެ ތެރޭގައި" ވަކިކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ސްޕެޝަލް ކައުންސެލް ޖެކް ސުމިތު ވަނީ 2020 ވަނަ އަހަރުގެ އިންތިހާބު ބާތިލު ކުރަން ޓްރަމްޕް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތާއި ސިއްރު ލިޔުންތައް އޮޅުވާލާފައިވާ ކަމަށް ބުނެ ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.
ޓްރަމްޕް ވަނީ އެއްވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށް ވިދާޅުވެ، އިންތިހާބުގެ ކުރިން އެއްވެސް މައްސަލައެއްގެ ޝަރީއަތަށް ވަަޑައިގަތުމަށް އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ގޮތުގައި ސުމިތު ވަނީ އޭނާ "ސިޔާސީ ވިޗް ހަންޓެއް"ގެ ޝިކާރައަކަށް ހައްދަވައިފަ އެވެ.
ޓްރަމްޕް އެނބުރި ވައިޓް ހައުސްއަށް ވަޑައިގަންނަވާނީ ޖިނާއީ ކުށް ސާބިތުވި ފުރަތަމަ ރައީސެއްގެ ގޮތުގަ އެވެ. ވިޔަފާރީގެ ރެކޯޑްތައް އޮޅުވާލި ކަމުގެ ކުށް ނިއުޔޯކް ކޯޓަކުން ވަނީ އޭނާގެ މައްޗަށް ސާބިތުވެފަ އެވެ.
ކޮމެންޓް