ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ވެރިކަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރި އެސްއޯ ހަނގުރާމައާ ގުޅޭ ގޮތުން ސެނެޓްގައި ކުރިއަށް ގެންދިޔަ އިންކުއަރީގައި އޭނާ ވާހަކަ ދައްކަވަނީ
މީހުން މެރުމަށް ބަޔަކު ގެންގުޅުއްވި ކަމަށް ފިލިޕީންސްގެ ކުރީގެ ރައީސް ޑުޓާޓޭ އިއުތިރާފުވެއްޖެ
ފިލިޕީންސްގެ ދެކުނުގެ ސިޓީއެއްގެ މޭޔަރު ކަމުގައި ހުންނެވި އިރު ކުށްވެރިން މެރުމަށް ގޭންގްސްޓާރުންގެ ބަޔަކު ގެންގުޅުއްވި ކަމަށް ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ސެނެޓްގައި އިއުތިރާފުވެއްޖެ އެވެ.
ރައީސް ކަމާއި ދާވާއޯގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު، ކުށްވެރިން ކަމަށް ތުހުމަތު ކުރެވޭ މީހުންނާ ދެކޮޅަށް ހަތިޔާރު ނެގުމަށް ފުލުހުންގެ އޮފިސަރުންނަށް އަންގަވާފައިވާ ކަމަށް ހުވާގެ ދަށުން ޑުޓާޓޭ ވަނީ އިއުތިރާފުވެފަ އެވެ.
ފުލުހުންގެ ރަސްމީ ރެކޯޑުތަކުން ދައްކާ ގޮތުގައި ފިލިޕީންސްގެ ރައީސް ކަމުގައި އޭނާ ހުންނެވި ދުވަސްވަރު، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ކެމްޕޭނުގައި 6،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އަންދާޒާކުރާ ގޮތުގައި، ފުލުހުންނާއި ގާނޫނު އަތަށް ނަގައިގެން މަސައްކަތް ކުރި މީހުން ވަނީ، 30،000 އަށް ވުރެ ގިނަ މީހުން މަރައިފަ އެވެ. އޭގެ ތެރެއިން ގިނައީ މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް ނެތް މީހުންނެވެ.
އެ މީހުން މެރުމަކީ ދައުލަތުން ހުއްދަ ދީފައިވާ "އިންސާނިއްޔަތާ ހިލާފު ޖަރީމާއެއް" ކަމަށް ބުނެ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ތަހުގީގެއް މިހާރު ދަނީ ކުރިއަށެވެ.
ޑުޓާޓޭ ތަފްސީލު ކުރުމެއް ނެތި އިއުތިރާފުވި ގޮތުގައި އޭނާ ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން، ޑަވާއޯ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި އިރު، ކުށްވެރިންނާ މެދު އަމަލު ކުރުމަށް ޓަކައި އެއް ފަހަރަކު ހަތް "ގޭންގްސްޓާރުން"ގެ މަރުގެ ސްކޮޑެއް ދެމެހެއްޓެވި އެވެ.
"ތިޔަ ބޭފުޅުން ބޭނުން ނަމަ މިހާރު އަޅުގަނޑަަަަަަަށް އިއުތިރާފު ވެވިދާނެ،" ޑުޓާޓޭ ވިދާޅުވި އެވެ. "އަޅުގަނޑުގެ އަތުގައި ހަތް މީހުންގެ މަރު ސްކޮޑެއް އޮތް ނަމަވެސް އެއީ ފުލުހުންނެއް ނޫން، އެއީ ގޭންގްސްޓާރުން ވެސް،"
"އަޅުގަނޑު ގޭންގް ސްޓާރެއްގެ ކައިރީގައި މީހަކު މަރާލުމަށް ބުނެފާނެ،" ޑުޓާޓޭ ވިދާޅުވި އެވެ. "ކަލޭ [އެ މީހާ] މަރާނުލައިފި ނަމަ އަހަރެން ކަލޭ މަރާލާނަން." ޑުޓާޓޭ ވިދާޅުވި އެވެ.
މައާފަށް އެދުމެއް ނެތް
އޭގެ ފަހުން ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ ތުހުމަތު ކުރެވޭ މީހުންނާ މެދު އަމަލު ކުރާނެ ގޮތުގެ އިރުޝާދު ފުލުހުންނަށް ދިން ކަމަށް ވެސް އިއުތިރާފުވެފަ އެވެ.
"ހިނގާ އިހުލާސްތެރިވަމާ. އޮފިސަރުންނަށް އަޅުގަނޑު ދިން އިރުޝާދަކީ ކުށްވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ހިތްވަރުދިނުން. ހަތިޔާރު ނަގަން ހިތްވަރު ދިނުން. އެއީ އަޅުގަނޑު ދިން އިރުޝާދަކީ. ހަމަލާދިނުމަށް ހިތްވަރު ދިނުން، އަދި އެ މީހުންނަށް ހަމަލާދީ މެރުން، އޭރުން އަޅުގަނޑުމެންގެ ސިޓީގައި ހުރި މައްސަލަތައް ނެތޭނެ،" ޑުޓާޓޭ ވިދާޅުވި އެވެ.
"އަޅުގަނޑު އެމީހުންނަށް އެންގިން [މަސްތުވާތަކެތީގެ] ބާރު އަޅާ މީހުންނާ މެދު ވެސް އެގޮތަށް ކަންތައް ކުރުމަށް، އޭރުން ކުށްވެރިޔަކު މަދުވާނެއޭ،" އޭނާ ވިދާޅުވި އެވެ.
ޑުޓާޓޭ،79، ވިދާޅުވީ އޭނާ 2016 ވަނަ އަހަރު ރައީސް ކަމަށް ވަޑައިގަތުމަށް ފަހު ވެސް ފުލުހުންނަށް އެފަދަ އިރުޝާދުތަކެއް ދެއްވި ކަމަށެވެ. އޭނާ ރައީސް ކަމުގައި 2022 އާ ހަމައަށް ހުންނެވި އެވެ.
ޑުޓާޓޭގެ ހަރުކަށި ފިޔަވަޅުތައް ގިނަ ބަޔަކު ކުށްވެރިކުރި އެވެ. އަދި މަސްތުވާތަކެތީގެ ކުށްތަކުގައި ކުޑަކުދިން ހިމެނޭ ގޮތަށް މީހުން ފްރޭމްކުރުމުގެ ކުށް ސާބިތުވެފައި ވަނީ އެންމެ ނުވަ ފުލުހަކަށެވެ.
ޑުޓާޓޭގެ އެންމެ އިސް އެޑްވައިޒަރުގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ޗައިނާގެ ރައްޔިތެއް ކަމަށްވާ މައިކަލް ޔަންގް ވެސް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގީ އިދާރާތަކުން ދަނީ ބަލަމުންނެވެ.
މީގެ އިތުރުން 2017 ވަނަ އަހަރު ޑުޓާޓޭގެ ދަރިކަލުން ޕައޮލޯ އާއި ދަނބިދަރިކަލުން މަނަސޭސް ކާޕިއޯގެ މައްޗަށް ވެސް ޗައިނާއިން އެތެރެ ކުރި 125 މިލިއަން ޑޮލަރުގެ މަސްތުވާތަކެތީގެ ޝިޕްމަންޓް ފޮރުވި ކަމުގެ ތުހުމަތު ކޮށްފައިވެ އެވެ. ނަމަވެސް އެ ދެ ބޭފުޅުން ވަނީ އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް