ހަސީނާ ބަންގްލަދޭޝް 20 އަހަރަށް ވުރެ ގިނަ ދުވަހު ހިންގެވި. އިންސާނީ ހައްގުތަކަށް އަރައިގަތް ކަމުގެ ތުހުމަތައް ގިނަ
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ ހައްޔަރު ކުރުމުގެ ކޯޓު އަމުރެއް ނެރެފި
އިސްތިއުފާ ދެއްވުމަށް ފަހު މިދިޔަ އޯގަސްޓް މަހު އިންޑިއާއަށް ފިއްލެވި، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ހައްޔަރު ކުރުމުގެ އަމުރެއް ބަންގްލަދޭޝްގެ ކޯޓަކުން ބުރާސްފަތި ދުވަހު ނެރެފި އެވެ.
ބަންގުލާދޭޝްގައި ދަރިވަރުން އިސްނަގައިގެން ކުރި މުޒާހަރާތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފަ އެވެ. އަދި އެއީ "އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް" ކަމަށް ތުހުމަތުކޮށް އެ ޖަރީމާގައި ހަސީނާ ބައިވެރިވި ކަމުގެ ތުހުމަގުގައި އެ ގައުމުގެ އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލް (އައިސީޓީ) އިން އޭނާ އަންނަނީ ހޯދަމުންނެވެ.
ހަސީނާ ވަނީ 20 އަހަރަށް ވުރެ ގިނަ ދުވަހު ބަންގްލަދޭޝްގެ އެންމެ މަތީ މަގާމު ފުރުއްވައިފަ އެވެ. އޭނާގެ އެ 20 އަހަރު ސިފަކޮށްފައިވަނީ، ހިޔާލުތަފާތުވުންތައް ހަރުކަށިކޮށް ކޮންޓްރޯލްކޮށް، ހުދުމުހުތާރު ލީޑަރެއްގެ ގޮތުގަ އެވެ.
ހަސީނާގެ އިތުރުން އޭނާގެ ސަރުކާރުގައި މަސައްކަތް ކުރެއްވި އިތުރު 45 މީހަކު ހައްޔަރުކުރުމުގެ އަމުރެއް ވެސް ވަނީ ނެރެފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ ގައުމު ދޫކޮށް ފިއްލަވައިފަ އެވެ.
"ކޯޓުން... ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ހައްޔަރުކޮށް ނޮވެމްބަރު 18 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމަށް ވަނީ އަމުރުކޮށްފައި،" އައިސީޓީގެ ޗީފް ޕްރޮސެކިއުޓާ މުހައްމަދު ތާޖުލް އިސްލާމް ބުރާސްފަތި ދުވަހު ނޫސްވެރިންނަށް ވިދާޅުވި އެވެ.
"ޖުލައި މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުމާއި މީހުން މެރުމާއި ޖަރީމާތައް ހިންގި މީހުންގެ އެންމެ އިސް ސަފުގައި ހުންނެވީ ޝައިހް ހަސީނާ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ވަޒީފާގެ ކޯޓާއާ ދެކޮޅަށް ދަރިވަރުން އިސްނަގައިގެން ކުރި މުޒާހަރާތައް ބޮޑު ހަމަނުޖެހުންތަކަކަށް ބަދަލުވެ، 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބަންގްލަދޭޝްގެ އިންތިގާލީ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ. އަދި މިއީ 1971 ވަނަ އަހަރު ބަންގްލަދޭޝްގެ މިނިވަން ވުމަށް ފަހު އެ ގައުމުގެ ތާރީހުގައި ވެސް ހިނގި އެންމެ ބޮޑު ލޭ އޮހޮރުވުން ކަމަށް ވެސް ބުންޏެވެ.
ހަސީނާ،77، ބަންގްލަދޭޝް އިން ފިއްލެވި ފަހުން އާންމުންގެ ތެރެއިން ފެނިފައެއް ނުވެ އެވެ. އެކަމަނާ އެންމެ ފަހުން ފެނުނީ އިންޑިއާގެ ވެރިރަށް ދިއްލީ ކައިރީގައި އޮންނަ އަސްކަރީ ވައިގެ ބަނދަރަކަށް ހެލިކޮޕްޓަރުން ފޭބިތަނެވެ.
އެކަމަނާ އިންޑިއާގައި ކުޑަ ދުވަސްކޮޅަކު މަޑުކުރައްވާނެ ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް އެހެން ތަނަކުން ހިމާޔަތް ހޯއްދެވުމަށް ކުރެއްވި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެކަމަނާ އިންޑިއާގައި ދާއިމަށް ހުންނެވުމަކީ ބަންގުލާދޭޝްގެ އާ އިންތިގާލީ ސަރުކާރާ އެކު މަސައްކަތް ކުރުމުގައި ދިއްލީއަށް އޮތް ގޮންޖެހުމެކެވެ. ބަންގްލަދޭޝްގެ ގިނަ ބަޔަކު ރުޅި އަންނަނީ އިންޑިއާ އިން އޭނާއަށް ހިމާޔަތްދޭތީ އެވެ.
ބަންގްލަދޭޝްގެ އާ އިންތިގާލީ ސަރުކާރުން ވަނީ އެކަމަނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ބާތިލްކޮށްފަ އެވެ. ދެ ގައުމުގެ ދެމެދުގައި ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާއެއް އޮންނަ އިރު، އެ މުއާހަދާގެ ދަށުން އެކަމަނާ އެނބުރި ބަންގުލާދޭޝްއަށް ފޮނުވައި ޖިނާއީ ޝަރީއަތަކާ ކުރިމަތިލެވޭނެ އެވެ.
ނަމަވެސް އެ މުއާހަދާގެ މާއްދާއެއްގައި ބުނެފައި ވަނީ އެ ކުށަކީ "ސިޔާސީ ޒާތުގެ" ކުށެއް ނަމަ އެ މީހަކު އަނބުރާ ގައުމަށް ފޮނުވާލުމަށް ދެކޮޅު ހެދިދާނެ ކަމަށެވެ.
ހަސީނާގެ ސަރުކާރުން 2010 ވަނަ އަހަރު އައިސީޓީ އުފެއްދީ 1971 ވަނަ އަހަރު ބަންގްލަދޭޝް އަށް މިނިވަންކަން ދިން ޕާކިސްތާނާ އެކު ކުރި ހަނގުރާމައިގައި ހިންގި ޖަރީމާތައް ތަހުގީގު ކުރުމަށެވެ.
އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އެ އިޖުރާއީ އުނިކަންތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ އެވެ. އަދި އެއީ ހަސީނާގެ ސިޔާސީ ވާދަވެރިން ނައްތާލުމުގެ ވަސީލަތެއްގެ ގޮތުގައި ގިނަ ބަޔަކު ދުށްޓެވެ.
އިންތިގާލީ ސަރުކާރުން އަލުން އެކުލަވާލި ޓްރައިބިއުނަލްގެ އަޑުއެހުންތައް ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ތަޖުރިބާ ލިބިފައިވާ ފަނޑިޔާރުން އެ ޕެނެލްގައި ނެތް ކަމަށެވެ.
ގަނޑުކޮށް މީހުން މެރުމަށް ރޭވި ކަމަށް ހަސީނާގެ މައްޗަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް ކޯޓުން ދަނީ ބަލަމުންނެވެ.
ހަސީނާގެ ދަރިކަލުން ސަޖީބު ވަޒީދު ވިދާޅުވީ އޭނާގެ މަންމަ ހުންނެވީ ޝަރީއަތާ ކުރިމަތިލައްވަން ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑުގެ މަންމަ ގޯހުން ކުރި އެއްވެސް ކަމެއް ނޯންނާނެ،" އޭނާ ރޮއިޓާސް އަށް މިދިޔަ މަހު ވިދާޅުވި އެވެ.