ކޯލްޑްޕްލޭގެ ލީޑް ވޯކަލިސްޓް ކްރިޝް މާޓިން ޝޯއެއްގައި ލަވައެއް ހުށަހަޅައިދެނީ: އެ ބޭންޑުން އިންޑިއާގައި އަންނަ ޖެނުއަރީ މަހު ޝޯތަކެއް ބާއްވާނެ
ކޯލްޑްޕްލޭ އިންޑިއާ ޝޯގެ ޓިކެޓުގެ އަގު 10،000 ޑޮލަރަށް އެރުމުން ނުރުހުން
އަންނަ ޖެނުއަރީ މަހު އިންޑިއާގައި ބާއްވާ މަޝްހޫރު ކޯލްޑްޕްލޭ ބޭންޑުގެ ޝޯގެ ޓިކެޓްތައް ވިއްކަން ފެށިތާ އިރުކޮޅެއްގެ ތެރޭ ހުސްވެ، އެ ޝޯގެ ޓިކެޓެއްގެ އަގު ކަޅު ބާޒާރުގައި 900،000 ރުޕީސް (10،800 ޑޮލަރަށް) އަރައިފި އެވެ. އެކަމާ ގުޅިގެން އިންޑިއާގެ ޒުވާނުންގެ މެދުގައި ވަނީ ނުރުހުމާއި ރުޅިވެރިކަން ބޮޑުވެފަ އެވެ.
އިނގިރޭސި ރޮކް ބޭންޑް ކޯލްޑްޕްލޭއިން މުމްބާއީގައި ބާއްވާ ތިން ޝޯގެ ޓިކެޓް ވިއްކަން ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ޝޯގެ ޓިކެޓިން ޕާޓްނާ، ބުކްމައިޝޯ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ޓިކެޓް ގަންނަން ހުޅުވާލުމާ އެކު 10 މިލިއަނެއްހާ މީހުން ޓިކެޓް ގަންނަން ވެބްސައިޓަށް ވަތް ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެޝޯއަށް ވިއްކީ ޖުމްލަ 180،000 ޓިކެޓެވެ. އެ ޓިކެޓްތައް ވިއްކަން ހުޅުވާލީ 2،500 ރުޕީސް (29.83 ޑޮލަރު) އާއި 12،000 (143.21 ޑޮލަރު)އާ ދެމެދުގެ އަގުތަކެއްގަ އެވެ.
ބުކްމައިޝޯގައި ޓިކެޓްތައް ވިއްކަން ހުޅުވާލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ޓިކެޓްތައް ވަނީ ވިކި ހުސްވެފަ އެވެ. އަދި ގިނަ ބަޔަކު އެއްފަހަރާ ޓިކެޓް ގަންނަން ވެބްސައިޓަށް ވަނުމުން ސައިޓް ޑައުންވެ ޓިކެޓް ނުގަނެވޭ ގޮތް އެތައް ބަޔަކަށް ކުރިމަތިވި އެވެ. އަދި ޓިކެޓް ގަނެވުނު ބައެއް ފަރާތްތަކުން މިހާރު ވަނީ އެ މީހުންގެ ޓިކެޓް ބޮޑު އަގުގައި ވިއްކާލަން އެކި ނުރަސްމީ ޕްލެޓްފޯމްތަ1ކުގައި ޖަހައިފަ އެވެ.
ޖެނުއަރީ 19-21 އަށް މުމްބާއީގެ އޮންނަ ކޯލްޑްޕްލޭ ޝޯގެ ޓިކެޓުތައް އެކި ފަރާތްތަކުން ވިއްކަމުން ދަނީ އަސްލު އަގަށް ވުރެ ފަސް ގުނަ ބޮޑުކޮށެވެ.
އެ ޝޯގެ ޓިކެޓުގެ އަގު ކަޅު ބާޒާރުގައި މިހާ މައްޗަށް ދިޔުމުން އިންޑިއާގެ ޒުވާނުން ވަނީ ޓިކެޓް ވިއްކުމުގައި ބުކްމައިޝޯއިން މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެ މީހުން ބުނަނީ ޓިކެޓް ގަންނަން ހުޅުވާލުމުގެ ކުރިން ވެސް އެ ޝޯގެ ޓިކެޓްތައް ބައެއް ފަރާތްތަކަށް ވިއްކާފައިވާ ކަމަށެވެ. އަދި ބޮޓް އެކައުންޓްތައް ބޭނުންކޮށްގެން ވެސް ބައެއް ފަރާތްތަކުން ގިނަ ޓިކެޓް ގަނެ ބޮޑު އަގުގައި ވިއްކަން އެ ވެބްސައިޓުން މަގުފަހިކޮށްދިން ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
ކޮމެންޓް