ޓޯކިޔޯގެ އަސަކުސާ ޑިސްޓްރިކްޓްގައި ހުންނަ ބުދިސްޓުންގެ ޓެމްޕަލެއްގެ ކައިރިން އުމުރުން ދުވަސްވީ އަންހެނަކު ބައިސްކަލެއްގައި. (ފޮޓޯ/ރޮއިޓާސް)
ޖަޕާނުގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ ރެކޯޑް އަދަދަކަށް މައްޗަށް ގޮސް، 36.25 މިލިއަނަށް އަރާފައިވާ އިރު، ޖަޕާނުގެ އާބާދީގެ ތިން ބައިކުޅަ އެއް ބަޔަކީ އުމުރުން 65 އަހަރުން މަތީގެ މީހުން ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޖަޕާނުގެ މިނިސްޓްރީ އޮފް އިންޓާނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް އިން އާދީއްތަ ދުވަހު ބުނީ އުމުރުން ދުވަސްވީ މީހުންނަކީ އާބާދީގެ ގާތްގަނޑަކަށް %29.3 މީހުން ކަމަށެވެ. އަދި އެއީ އެހެން އެއްވެސް ގައުމަކަށް ނުވަތަ ސަރަހައްދަކަށް ވުރެ މަތީ އަދަދެއް ކަމަށް ވެސް އެ ތަނުން ބުންޏެވެ.
އުމުރުން 65 އަހަރުން މަތީގެ މީހުންގެ ތެރެއިން ގާތްގަނޑަކަށް 20.53 މިލިއަން މީހުންނަކީ އަންހެނުން ކަމަށާއި 15.72 މިލިއަން މީހުންނަކީ ފިރިހެނުން ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިދިޔަ އަހަރު އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ރެކޯޑް އަދަދަކަށް، 9.14 މިލިއަން މީހުން ވަޒީފާ އަދާކޮށްފައި ވާއިރު، އެއީ ކޮންމެ ހަތް މުވައްޒަފަކުން އެކަކު ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޖަޕާނުގައި ވަޒީފާ އަދާކުރާ އުމުރުގެ މީހުންގެ އަދަދު މަދުވެ، އުމުރުން ދުވަސްވީ މީހުންނަށް ސިއްހީ ފަރުވާ އާއި ވެލްފެއާ ހަރަދުތައް އިތުރުވަމުންދާ އިރު، ޖަޕާނުގައި މިހާރު ވަނީ ޑިމޮގްރަފިކް ކަންކަން ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
ޖަޕާނުގެ އާބާދީ މިދިޔަ އަހަރުގެ 1 އޮކްޓޯބަރާ ހަމައަށް ވަނީ 595،000 ދަށަށް ގޮސްފަ އެވެ. މިއީ ޖެހިޖެހިގެން އާބާދީ ދަށަށް ދިޔަ 13 ވަނަ އަހަރު އަހަރެވެ.
ޓޯކިޔޯގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސެކިއުރިޓީ ރިސާޗުން ލަފާކުރާ ގޮތުގައި 2040 ވަނަ އަހަރާ ހަމައަށްދާ އިރު އެ ގައުމުގެ އާބާދީގެ %34.8 އަކީ އުމުރުން ދުވަސްވީ މީހުންނަށްވާނެ އެވެ.
ޓޯކިޔޯގެ ތިންކް ޓޭންކް، ރެކްރޫޓް ވޯކްސް އިންސްޓިޓިއުޓުން މިދިޔަ އަހަރު ޝާއިއުކުރި ދިރާސާއެއްގައި ބުނެފައި ވަނީ ޖަޕާނުގެ އާބާދީ ދަށަށް ދިއުމުގެ ސަބަބުން 2040 ވަނަ އަހަރާ ހަމައަށްދާ އިރު 11 މިލިއަނަށް ވުރެ ގިނަ މަސައްކަތްތެރިންގެ ދަތިކަން ކުރިމަތިވެދާނެ ކަމަށެވެ.