ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ [ފައިލް ފޮޓޯ]

ހަސީނާ އަނބުރާ ބަނގުލާދޭޝްއަށް ގެނައުމަށް ފިޔަވަޅުތަކެއް އަޅަން ފަށައިފި

10 ސެޕްޓެމްބަރު 2024

މަގާމުން ބޭރުކުރި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝޭހު ހަސީނާ އަނބުރާ ގައުމަށް ގެނައުމަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) އިން ބުނެފި އެވެ.

އައިސީޓީގެ ޗީފް ޕްރޮސެކިއުޓާ އާދީއްތަ ދުވަހު ވިދާޅުވީ މިދިޔަ އޮގަސްޓް މަހު ބޭއްވި ބިޔަ މުޒާހަރާތަކުގެ ތެރެއިން އެތައް ބަޔަކު މަރުވި ހަމަނުޖެހުންތަކުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ޓަކައި ހަސީނާ އަނބުރާ ބަންގްލަދޭޝްއަށް ގެނައުމުގެ ގާނޫނީ މަރުހަލާ ފަށާފައިވާ ކަމަށެވެ.

ހަފުތާތަކެއްވަންދެން ކުރި މުޒާހަރާތަކާއި ކަމާބެހޭ ފަރާތްތަކުން ހިންގި ނުރައްކާތެރި ހަރުކަށި ފިޔަވަޅުތަކަށް ފަހު ހަސީނާ ވަނީ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު އަސްކަރީ ހެލިކޮޕްޓަރެއްގައި ފިއްލަވައިގެން ނިއު ދިއްލީ ކައިރީގައި އޮންނަ ވައިގެ މަރުކަޒަކަށް ދަތުރުކުރައްވައި، އިންޑިއާ އިން ހިމާޔަތް ހޯއްދަވައިފަ އެވެ. ހަސީނާ އިންޑިއާގައި ހުންނެވުމުގެ ސަބަބުން ޑާކާ އާއި ނިއު ދިއްލީގެ ގުޅުމަށް ބުރޫ އަރާފައިވާ އިރު، ބަންގްލަދޭޝްއިން ހަސީނާ އަނބުރާ ޝަރީޢަތަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ދިއުމުގައި ދެ ގައުމުގެ ދެމެދު ހާރިޖީ ދެބަސްވުމެއް އުފެދުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އައިސީޓީގެ ޗީފް ޕްރޮސެކިއުޓާ މުހައްމަދު ތަޖުލް އިސްލާމް ވިދާޅުވީ ހަސީނާ 15 އަހަރު ވެރިކަން ކުރެއްވީ ގޮއްމުށުގެ ބާރުން މީހުންގެ ގައިގައި ހަންމުށި އަޅައިގެން ކަމަށާއި ހަސީނާ އަނބުރާ ގައުމަށް ގެންނަން ބޭނުންވަނީ އޭނާއާ ދެކޮޅަށް ކުރި މުޒާހަރާގައި "މީހުން މެރުމުގެ ކަންކަމުގައި" އޭނާ އަދާކުރި ދައުރަކީ ކޮބައިތޯ ބެލުމަށް ކަމަށެވެ.

"އެންމެ އިސް ކުށްވެރިޔާ ފިލައިގެން ގޮސްފައިވާތީ، އޭނާ އަނބުރާ ގެނައުމުގެ ގާނޫނީ އިޖުރާއަތްތައް ފަށާނަން،" އޭނާ ވިދާޅުވި އެވެ.

"ބަންގްލަދޭޝްއަކީ އިންޑިއާއާ އެކު ޖިނާއީ ކުށްވެރިން ބަދަލު ކުރުމުގެ މުއާހަދާއެއް އޮތް ގައުމެއް، އެ މުއާހަދާގައި ސޮއިކޮށްފައި ވަނީ 2013 ވަނަ އަހަރު ޝެއިހް ހަސީނާގެ ސަރުކާރު އޮތް އިރު،" އިސްލާމް ވިދާޅުވި އެވެ.

"ބަންގްލަދޭޝްގައި ހިންގި ޖަރީމާތަކުގެ އެންމެ ބޮޑު ތުހުމަތު ކުރެވޭ މީހަކީ ހަސީނާ.  ގާނޫނީ ގޮތުން އެކަމަނާ އަނބުރާ ބަންގްލަދޭޝްއަށް ގެނައުމަށް މަސައްކަތް ކުރާނީ ޝަރީއަތާ ކުރިމަތިލާން،"

އައިސީޓީ އަކީ 1971 ވަނަ އަހަރު ޕާކިސްތާނުގެ ކިބައިން މިނިވަންވި ހަނގުރާމާގައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް ހަސީނާ އުފެއްދެވި އިދާރާއެކެވެ.

ހާރިޖީ ނުތަނަވަސް ކަމެއް

އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ބޮޑެތި އަމަލުތައް ހަސީނާގެ ސަރުކާރުގައި ހިންގި ކަމަށް ތުހުމަތު ކުރެވޭތީ އޭނާގެ ސަރުކާރު ވައްޓާލީ، އެތައް ހަފުތާތަކެއް ވަންދެން ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މުޒާހަރާތައް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވުމާ ގުޅިގެންނެވެ.

ހަސީނާ މަގާމުން ދުރު ކުރުމަށް ހަފުތާއަކަށް ދިގުދެމިގެން ދިޔަ މުޒާހަރާތަކުގައި 600 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ.ގެ އިބްތިދާއީ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އެއީ ހަގީގަތުގައި މަރުވި މީހުންގެ އަދަދަށް ވުރެ މަދު އަދަދެއް ކަމަށް ބެލެވެ އެވެ.

ހަސީނާ ،76، ފިއްލެވި ފަހުން އާންމުންގެ ތެރެއިން ފެނިފައެއް ނުވެ އެވެ.  ބަންގްލަދޭޝް އިން ވަނީ އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ބާތިލުކޮށްފަ އެވެ.

ދެ ގައުމުގެ ދެމެދުގައި އޮންނަ ކުށްވެރިން ބަދަލު ކުރުމުގެ މާއްދާއެއްގައި ބުނެފައި ވަނީ އެ ކުށަކީ "ސިޔާސީ ސިފައެއް" އޮތް ކުށެއް ނަމަ އަނބުރާ ގައުމަށް ފޮނުވާލުމަށް ދެކޮޅު ހެދޭނެ ކަމަށެވެ.

ނަމަވެސް ބަންގްލަދޭޝްގެ އޮފިޝަލުން ވަނީ މަގާމުން ދުރުކުރި ލީޑަރު އަނބުރާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޑާކާއިން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.

ބަގާވާތަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ސުލްހައިގެ އިނާމު ހާސިލްކުރެއްވި އިންތިގާލީ ލީޑަރު މުހައްމަދު ޔޫނުސް މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ހަސީނާ ޝަރީއަތަށް، ގައުމަށް ގެންނަންދެން އޭނާ "އަނގަމަޑުންލައިގެން" އިންޑިއާގައި "ހިމޭނުން ހުންނަން ޖެހޭ" ކަމަށެވެ.

"ބަންގްލަދޭޝް އިން އޭނާ އެނބުރާ ގެންނަންދެން އެ މުއްދަތުގައި އޭނާ އިންޑިއާ ހުންނަން ބޭނުން ނަމަ ޝަރުތަކީ އޭނާ ހިމޭނުން ހުރުން،" ޔޫނުސް ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ އާބާދީގެ މެދުގައި އިންޑިއާއާ ދެކޮޅު ފިކުރު އިތުރުވަމުންދާ ދަނޑިވަޅެއްގައި ހަސީނާ އަނބުރާ ގައުމަށް ގެނައުމަށް އާންމުންގެ ބޮޑު ޕްރެޝަރެއް ސަރުކާރަށް ވަނީ ކުރިމަތިވެފަ އެވެ.

މައި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ޖެނެރަލް ސެކްރެޓަރީ މިރްޒާ ފަހުރުލް އިސްލާމް އަލަމްގިރު އިންޑިއާގެ މީޑިއާތަކަށް ވިދާޅުވީ ހަސީނާގެ މައްޗަށް ބަންގްލަދޭޝްގައި ޝަރީއަތް ހިންގަން ޖެހޭ ކަމަށެވެ.

އެ ޕްރެޝަރުގެ ސަބަބުން އިންޑިއާ ވަނީ އުނދަގޫ ހާލަތަކަށް ގޮސް، ނިއު ދިއްލީ އާއި ޑާކާއާ ދެމެދު އޮތް ގުޅުން ހީނަރުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް