ދާދި ފަހުން ބަންގްލަދޭޝްގައި ފެންބޮޑުވުމުގެ ސަބަބުން އެތައް މިލިއަން ބަޔަކު ހާލުގައި ޖެހުނު
ބަންގްލަދޭޝްގައި ފެންބޮޑުވެ 71 މީހުން މަރުވެ، ފެނުގެ ޒަރިއްޔާއިން ބަލިތައް ފެތުރުމުގެ ބިރު ހީވެއްޖެ
ބަންގްލަދޭޝްގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 71 އަށް އަރައި، އެތައް މިލިއަން ބަޔަކު އަދި ވެސް ވިއްސިވިހާލިވެފައިވާ ސަރަހައްދުތަކުގައި ތާށިވެފައިވާ އިރު، ފެނުގެ ޒަރިއްޔާއިން ބަލިފެތުރޭނެ ކަމުގެ ބިރު ހީއްވެޖެ އެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ފާއިތުވި ދެ ހަފުތާގެ ތެރޭގައި ބޮޑެތި ގެއްލުންތަކެއް ލިބި، ގާތްގަނޑަކަށް ފަސް މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ.
ފެންބޮޑުވި 11 އަވަށެެއްގައި އަދި ވެސް 580،000 އަށް ވުރެ ގިނަ އާއިލާ ވަނީ ހާލުގައިޖެހިފަ އެވެ. އަދި އެ މީހުންނަށް ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހާއި ހިކި ފޭރާމަށް ވަނީ ޖެހިފަ އެވެ. ގާތްގަނޑަކަށް 500 އެއްހާ މެޑިކަލް ޓީމުން ފަރުވާ ދިނުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު، އަސްކަރިއްޔާ އާއި ވައިގެ ސިފައިންނާއި ނޭވީ އަދި ބޯޑާ ގާޑުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، އާންމުކޮށް މިފަދަ ހާލަތްތަކުގައި، ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފެތުރުން ހުއްޓުވުމަށެވެ. އަދި ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.
ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސާވިސަސް އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 5،000 އެއްހާ މީހުންނަށް ވަނީ ބޭރަން ހިންގުމުންނާއި ހަމަށް ޖެހޭ ބަލިތަކުންނާއި ހަރުފަ ދަތްއެޅުމުގެ ސަބަބުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ކަމަށެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މިއަދު ބޯކޮށް ވާރޭވެހި ގިނަ އަވަށްތަކުގައި، ކަކުލާއި އުނަގަނޑު އުސް މިނަށް ވަނީ ފެންގަނޑު ހެދިފަ އެވެ. އަދި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ވެހިކަލްތައް ދުއްވަން އުނދަގޫވެ، ބޮޑެތި މަގުތައް ވަނީ ތޮއްޖެހިފަ އެވެ.
އެގްރިކަލްޗާ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި 282 މިލިއަން ޑޮލަރުގެ ދަނޑުތައް ހަލާކުވެ، 1.4 މިލިއަނަށް ވުރެ ގިނަ ދަނޑުވެރިންނަށް ވަނީ އަސަރުކޮށްފަ އެވެ.
ވޯލްޑް ބޭންކް އިންސްޓިޓިއުޓުން 2015 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޯރުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ ބަންގުލާދޭޝްގެ 3.5 މިލިއަން މީހުންނަށް ކޮންމެ އަހަރަކު ކުރެ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފަހަކަށް އައިސް އެ އަދަދު ވަނީ އިތުރުވެފަ އެވެ.
ބަންގްލަދޭޝްގައި ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ފެންބޮޑުވުމުގެ ސަބަބުން ދެ މިލިއަން ކުދިންނަށް ނުރައްކާ ވެފައިވާ ކަމަށް އދ.ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް) އިން ބުނެ އެވެ. ޔުނިސެފުން ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށް 35 މިލިއަން ޑޮލަރުގެ އަވަސް އިލްތިމާސެއްކޮށްފަ އެވެ.
ކޮމެންޓް