ހާލިދު ޝައިހް މުހައްމަދު 2003 ވަނަ އަހަރު އަތުލައިގަތްއިރު

އެމެރިކާ

9/11 ހަމަލާ ރޭވި މީހުންނަށް ލުއިދޭ އެއްބަސްވުން ބާތިލުކޮށްފި

4 އޯގަސްޓު 2024

އެމެރިކާގެ ނިއު ޔޯކްގައި ހުންނަ ޓުވިން ޓަވަރަށް 11 ސެޕްޓެމްބަރު 2001ގައި ދިން ހަމަލާގެ މޭސްތިރިޔާ ކަމަށް ތުހުމަތު ކުރެވޭ ޝައިހު ހާލިދު މުހައްމަދާ އެކު ކިއުބާގެ ގުއަންޓަނާމޯ ބޭގައި ތިބި އިތުރު ދެ މީހުން ޝަރީއަތުގެ ކުރިން ކުށަށް އެއްބަސްވެ ހެދި އެއްބަސްވުމަށް އަމަލު ނުކުރަން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އިއްޔެ ނިންމަވައިފި އެވެ.

ޕެންޓަގަން އިން ބުދަ ދުވަހު ބުނީ އެ ތިން މީހުންނާ އެކު ޝަރީއަތުގެ ކުރިން އެއްބަސްވުމެއް ހެދި ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.  އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މަރުތަކަށް އިއުތިރާފުވެ، އެ މީހުންގެ މައްޗަށް ޝަރީއަތް ކުރާ މަރުގެ އަދަބު ނޫން އަދަބަކަށް ލުއިކޮށްދިނުމަށް އެއްބަސްވުމެއް ހެދިކަން ޔަގީންވެ އެވެ.

"އަޅުގަނޑަށް މަގާމުން ލިބިދޭ ބާރުގެ ބޭނުންކޮށް، ޝަރީއަތުގެ ކުރިން ހަދާފައިވާ ތިން އެއްބަސްވުން ވަގުތުން ވަގުތަށް އުވާލައިފިން،" އޮސްޓިން އޭނާގެ މެމޯއެއްގައި ވިދާޅުވި އެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް މައިކް ޖޯންސަން އާއި ސެނެޓްގެ މައިނޯރިޓީ ލީޑަރު މިޗް މެކްކޮނެލް ފަދަ ރިޕަބްލިކަން ޕާޓީގެ ގިނަ މެމްބަރުން ވަނީ އެ ލުއިތަކާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މުހައްމަދަކީ 11 ސެޕްޓެމްބަރުގައި ޓުވިން ޓަވަރަށް ދިން ހަމަލާއަށް ފަހު، 2002 ވަނަ އަހަރު އެމެރިކާއިން ގާއިމުކުރި ޑިޓެންޝަން މަރުކަޒު ގުންޓަނާމޯ ބޭގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެންމެ މަޝްހޫރު ގައިދީ އެވެ.

އޭރު ހައިޖެކްކުރި މަތިންދާބޯޓުތައް ނިއު ޔޯކް ސިޓީގެ ވޯލްޑް ޓްރޭޑް ސެންޓަރާއި ޕެންޓަގަންއަށް ހަމަލާދިނުމަށް ރޭވި ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތު މުހައްމަދުގެ މައްޗަށް ކުރެ އެވެ.

އެ ހަމަލާތަކުގައި ގާތްގަނޑަކަށް 3،000 މީހުން މަރުވެ، އެމެރިކާ އަފްގާނިސްތާނުގައި 20 އަހަރު ވަންދެން ދެމިތިބެ، ބޮޑު ހަނގުރާމައަކަށް ވެއްޓުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް