ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ: ޓެކްސް ބޮޑުކުރަން ނިންމި ނިންމުމާ ހެދި އޭނާގެ މަގުބޫލުކަން ވަނީ ދަށަށް ގޮސްފައި (ފޮޓޯ/އޭޕީ)
ކެންޔާގެ ވަޒީރުންނާއި މަޖިލިސް މެންބަރުންގެ މުސާރަތައް ބޮޑުނުކުރަން ނިންމައިިފި
ކެންޔާގެ ޓެކްސްތައް ބޮޑުކުރާތީ އާންމުން ނިކުމެ ކުރި މުޒާހަރާއާ ގުޅިގެން ވަޒީރުންނާއި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރުން މަޑުޖައްސާލައި އެ ނިންމުން މުރާޖައާކުރަން ރައީސް ވިލިއަމް ރޫޓޯ ނިންމަވައިފިއެވެ.
ކެންޔާގެ ދައުލަތުގެ މުސާރަތައް ކަނޑައަޅާ ކޮމިޝަންގެ ޗެއާޕާސަން ލިން މެންގިޗް ބުދަ ދުވަހު ވިދާޅުވެފައި ވަނީ އިގްތިސާދުގެ މިހާރުގެ ހާލަތަށް ބަަލައި ދައުލަތުގެ އެއްވެސް މުވައްޒަފެއްގެ މުސާރަ މިވަގުތު ބޮޑު ނުކުރަން ރައީސްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ކަމަށެވެ.
އެ ކޮމިޝަނުން އެންމެ ފުރަތަމަ ނިންމީ ފަނޑިޔާރުން ހިމެނޭ ގޮތަށް ދައުލަތުގެ ހުރިހާ އޮފިޝަލުންގެ މުސާރަ %2 އަދި %5 ބޮޑުކުރުމަށެވެ. އަދި މި މަހުން ފެށިގެން ބޮޑުކުރި މުސާރަ ދޭން އޮތީ ނިންމައިފަ އެވެ.
"މިހާރު މި އޮތް ހާލަތަކީ އަދި ކުރިއަށް ވުރެވެސް ބޮޑަށް ދައުލަތުގެ ހުރިހާ އިދާރާތަކުން ވެސް އަދި މުވައްޒަފުން ވެސް އެ މީހުންނަށް ލިބޭ މިންވަރަކުން ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަން ދަސްކުރަންވީ ދަނޑިވަޅެއް،" ރައީސް ރޫޓޯގެ ތަރުޖަމާން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
މުސާރަތައް ބޮޑުކުރަން ނިންމި ދަނޑިވަޅުގައި ގިނަ ޓެކްސްތައް ބޮޑުކުރުން ހިމެނޭ ގޮތުން އެގައުމުގެ ސަރުކާރުން ވަނީ މާލިއްޔަތާ ގުޅޭ ބިލެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައި ފާސްކުރަން މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް އާންމުން ނިކުމެ ކުރި މުޒާހަރާތަކާ ގުޅިގެން ރައީސް ރޫޓޯ ވަނީ ޓެކްސްތައް ބޮޑުނުކުރަން ނިންމަވައި އެ ބިލް އަނބުރާ ގެންނަވައިފަ އެވެ.
އެ ގައުމުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ސިޔާސީ ވެރިންގެ މުސާރަތައް ކުޑަނުކޮށް އަދި ސަރުކާރުގެ އެހެނިހެން ހަރަދުތައް ވެސް ކުޑަނުކޮށް ޓެކްސްތައް ބޮޑުކުރާތީ އެވެ. ސަރުކާރުގެ ހަރަދު ކުޑަކުރުމަކީ ރައީސް ރޫޓޯގެ ވައުދެކެވެ.
މުސާރަތަކާ ބެހޭ ކޮމިޝަންގެ ވެރިޔާ މެންގިޗް ވިދާޅުވީ މުސާރަތައް ބޮޑުނުކުރަން ރައީސް އިރުޝާދު ދެެއްވީ މާލީ ވުޒާރާޔާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
ސަރުކާރު ހިންގާ ޕާޓީ އާއި އިދިކޮޅު ހިމެނޭ ގޮތުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ މިވަގުތު މުސާރަތައް ބޮޑުނުކުރަން ރައީސް ނިންމެވި ނިންމެވުމަށް ތާއީދު ކުރާކަން ހާމަކޮށްފަ އެވެ. އަދި މުސާރަ މިވަގުތު ބޮޑުކުރުމާ ދެކޮޅު ކަމަށް އެބޭފުޅުން ވަނީ ހާމަކުރައްވައިފަ އެވެ.
ޓެކްސް ބޮޑުކުރުމާއި ސަރުކާރުގެ މާލީ ސިޔާސަތުތަކާ ދެކޮޅު ހަދަން ޒުވާނުން އިސްކޮށް ތިބެގެން މިދިޔަ ހަފްތާގައި ބޭއްވި މުޒާހަރާތަކަކީ 2022 ވަނަ އަހަރު ރޫޓޯ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކެންޔާގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ. އެ މުޒާހަރާތައް ކޮންޓްރޯލް ކުރަން ސަލާމަތީ ބާރުތަކުން ބަޑި ޖެހުމުގެ ސަބަބުން 39 މީހުން ވަނީ މަރުވެފަ އެވެ.
އެ މުޒާހަރާތަކުގައި މަރުވި މީހުންނަށް އިންސާފު ހޯދައިދިނުމަށް މުޒާހަރާތައް އިންތިޒާމްކުރި ފަރާތްތަކުން ސަރުކާރަށް އަންނަނީ ޕްރެޝަރު ކުރަމުންނެވެ.
މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގައި ދައުލަތުގެ އިމާރާތްތަކާއި ތަކެއްޗަށް ގެއްލުން ދިން 38 މީހަކު ހައްޔަރުކުރުމަށް އެ ގައުމުގެ ފުލުހުން މިހާރު އަންނަނީ ހޯދަމުންނެވެ.