ކަރާޗީގައި ހޫނު ގަދަވުމުގެ ތެރޭގައި ފިނިވުމަށް މީހެއްގެ މޫނުގައި ސްޕްރޭ ޖަހަނީ. (ފޮޓޯ/ގެޓީ އިމޭޖާސް)

ޕާކިސްތާން

ޕާކިސްތާނުގައި ހޫނު ގަދަވުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވެއްޖެ

27 ޖޫން 2024

ވޭތުވެދިޔަ ހަ ދުވަހުގެ ތެރޭގައި ޕާކިސްތާނުގައި ހޫނުގަދަވުމުން މަރުވި މީހުންގެ އަދަދު 568އަށް އަރާފައިވާ ކަމަށް ޕާކިސްތާނުގެ ރަސްމީ ފަރާތްތަކުން ބުނެފި އެވެ.

އޭގެ ތެރެއިން ހަމައެކަނި އަންގާރަ ދުވަހު އެކަނި ވެސް 141 މީހަކު ވަނީ މަރުވެފަ އެވެ.

އެމްބިއުލާންސްގެ ހިދުމަތުން ބުނާ ގޮތުގައި، އާންމު ގޮތެއްގައި ކަރާޗީ ސިޓީގެ މޯޗަރީއަށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 30-40 މީހުން ގެންދެ އެވެ.

މަރުވި މީހުންގެ އަދަދު އިތުރުވެފައި ވަނީ ކަރާޗީގެ ހޫނުމިން 40 ސެލްސިއަސްއަށް ވުރެ މައްޗަށް ދިއުމާ އެކު، އިހުސާސް ކުރެވޭ ހޫނުމިން 49 ސެލްސިއަސްއަށް ވުރެ ބޮޑަށް މައްޗަށް ގޮސްފައިވަނިކޮށެވެ.

އާންމުން ހޮސްޕިޓަލްތަކަށް ގޮސް އެހީތެރިކަން އަންނަނީ ހޯދަމުންނެވެ.

ސިވިލް ހޮސްޕިޓަލް ކަރާޗީގައި އާދީއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ހީޓްސްޓްރޯކް ޖެހިގެން 267 މީހަކު އެޑްމިޓްކޮށްފައިވާ ކަމަށް އެމަޖެންސީ ޑިޕާޓްމަންޓުގެ ހެޑް ޑރ. އިމްރާން ސަރްވާރު ޝެއިހް ވިދާޅުވި އެވެ. އޭގެ ތެރެއިން 12 މީހަކު ވަނީ މަރުވެފަ އެވެ.

"ހޮސްޕިޓަލަށް ގިނައިން އަންނަނީ އުމުރުން 60 ނުވަތަ 70 އަހަރުގެ މީހުން. ނަމަވެސް، 45 ވަރަކަށް އަހަރުގެ މީހުން ވެސް ތިބި އަދި އުމުރުން 20 އަހަރުގެ ދެމަފިރިއަކު ވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

ހޮސްޕިޓަލަށް ދާ މީހުންގެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހޮޑުލުމާއި ހުން އައުމާއި ބޭރަށް ހިނގުން ހިމެނެ އެވެ.

ހީޓްވޭވް ސެންޓަރުތަކާއި ކޭމްޕްތައް ގާއިމުކޮށް އާންމުންނަށް ލުއި ހޯދައިދިނުމަށް މަސައްކަތް ކުރެ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި، ކުޑަކުދިން ފިނިކުރަން ފެންއަރުވާ ވަޑާންތަކަށް އެރި ކުޅެ އެވެ.

ޕާކިސްތާނުގައި ހޫނުމިން ހައްދުން ނެއްޓިފައިވާ ހަމައެކަނި ތަނަކީ ކަރާޗީއެއް ނޫނެވެ. ރޮއިޓާސް އިން ބުނި ގޮތުގައި، މިދިޔަ މަހު ސިންދު ޕްރޮވިންސްގެ ހޫނުމިން ގާތްގަނޑަކަށް ރެކޯޑް މިންވަރެއް ކަމަށްވާ 52.2 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ.

އިންޑިއާގެ ބޯޑަރު ހުރަސްކޮށް، ވެރިރަށް ދިއްލީގެ ހޫނު ގަދަވަމުން އަންނަ އިރު، މެއި މަހުން ފެށިގެން ދުވާލެއްގެ މައްޗަށް ފިނިހޫނުމިން 40 ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސް، ގާތްގަނޑަކަށް 50 ސެލްސިއަސްއަށް ވެސް އަރަ އެވެ.

އެ ސިޓީގެ ޑޮކްޓަރުން ބުނަނީ މީގެ ކުރިން އެފަދަ ކަމެއް ފެނިފައި ނުވާ ކަމަށެވެ.

މޫސުމާ ބެހޭ މާހިރުން މިހާރު ސަމާލުކަން ދެނީ ވިއްސާރަ މޫސުމަށް ކަމަށާއި އެ މޫސުން އަވަހަށް އައިސް 60 އިންސައްތަ އިތުރަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޑޯންއާ ވާހަކަ ދެއްކި ތަޖުރިބާކާރުން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް