އިންޑިއާގެ ވަރްނާސީގެ ހޮސްޕިޓަލެއްގައި، ހީޓް ސްޓްރޯކެއް ޖެހިފައިވާ އަންހެނަކަށް ފަރުވާ ދެނީ.
ހޫނު ގަދަވެ އިންޑިއާއިން މަދުވެގެން 15 މީހަކު މަރުވެއްޖެ
އިންޑިއާގެ މެދުތެރެ އާއި އުތުރުގެ ސަރަހައްދުތަކުގައި ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ ގިނަ ބަޔަކު މަރުވެއްޖެ އެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ރޮއިޓާސްއަށް ބުނިގޮތުގައި، ހޫނު ގަދަވުމުގެ ސަބަބުން 10 މީހަކު މަރުވެފައިވާ ކަމަށް އޮދީޝާގެ ރޫކެލާ ސަރަހައްދުގައި ހުންނަ ސަރުކާރު ހޮސްޕިޓަލުގެ ރެކޯޑުތަކުން ދައްކަ އެވެ.
މީގެ އިތުރުން ވެރިރަށް ނިއު ދިއްލީ، ޖަރްކަންދު، ރާޖަސްތާން އަދި ބިހާރް ސްޓޭޓުން ވެސް، ހޫނު ގަދަވެ މީހުން މަރުވެފައިވާ ކަމުގެ ރިޕޯޓުތައް ވަނީ ލިބިފަ އެވެ.
އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ހޫނުމިން މައްޗަށް ގޮސްފައި މިވަނީ އެ ގައުމުގެ އާންމު އިންތިހާބުގެ އެންމެ ފަހު ދުވަސްކޮޅާ ދިމާކޮށެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހާ ވާހަކަދެއްކެވި ބިހާރު ސްޓޭޓުގެ ބޮޖްޕޫރް ޑިސްޓްރިކްޓުގެ ޑިސްޓްރިކް މެޖިސްޓްރޭޓް މަހެންދުރަ ކުމާރް ވިދާޅުވި ގޮތުގައި، ހޫނު ގަދަވުމުގެ ސަބަބުން އެ ސިޓީއިން އިންތިހާބީ ތިން އޮފިޝަލަކާއި ފުލުހަކު ވަނީ ބުރާސްފަތި ދުވަހު މަރުވެފަ އެވެ.
"ވަރަށް ހޫނު ގަދަ ދުވަހެއް އަދި ސިއްހީ ހުރިހާ ފަރުވާއެއް ލިބެން ހުރި ނަމަވެސް އެ މީހުން ވަނީ ވެއްޓިފައި. އެއް ގާޑު ހޭނެތިގެން ވެއްޓުނީ ހުރި ތަނަށް،" އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވިކަން ފާހަގަކުރައްވައި ކުމާރް ވިދާޅުވި އެވެ.
އަދި ބުރާސްފަތި ދުވަހު އެކަނި ވެސް 30-40 އެއްހާ މީހުން ހޫނު ގަދަވެގެން އެ ހޮސްޕިޓަލުން ފަރުވާ ހޯދި ކަމަށް އޭނާ ވިދާޅުވި އެވެ.
ހީޓް ސްޓްރޯކެއް ޖެހިގެން އިއްޔެ މަސައްކަތު މީހެއް ވެސް ދިއްލީގެ ހޮސްޕިޓަލެއްގައި މަރުވެފައިވެ އެވެ.
އިންޑިއާގެ ގައުމީ ސެންޓާ ފޮ ޑިޒީސް ކޮންޓްރޯލް އިން ހީޓް ސްޓްރޯކް ގިންތިކޮށްފައި ވަނީ "ފުރާނައަށް ނުރައްކާވާ" އަދި %40 އާއި %64 މީހުން މަރުވާ ކަމެއްގެ ގޮތުގަ އެވެ.
ފާއިތުވެދިޔަ ދެ ހަފްތާގައި އިންޑިއާގެ މެދުތެރެ އާއި އުތުރުގެ ސަރަހައްދުތަކުގައި ހޫނުމިން ހުރީ 45 އާއި 46 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ. އަދި މިދިޔަ ހަފްތާގައި ވެރިރަށް ދިއްލީ އާއި ވަށައިގެންވާ ސަރަހައްދުތަކުގެ ހޫނިމިން ވަނީ ރެކޯޑު 50 ޑިގްރީ ސެލްސިއަސް އަށް އަރާފަ އެވެ.
ހޫނު މޫސުމުގައި އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ކޮންމެ އަހަރަކު ވެސް ގަދަ ހޫނެއް ކުރަމުން ދިޔަ ނަމަވެސް މާހިރުން ވިދާޅުވާ ގޮތުގައި މިފަދަ ހޫނު ރާޅުތަކުގެ މުއްދަތު އިތުރުވެ އަސަރު ދަނީ ގޯސްވަމުންނެވެ.