ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް ފަރަންސޭސިވިލާތުން ފޮނުވާ މަނަވަރެއް
ގާޒާ ހަމަލާތަކުގައި އާންމުން މަރުވަމުންދާ އަދަދު މާ ގިނަކަމަށް މެކޯން ވިދާޅުވެއްޖެ
އިޒްރޭލުން ގާޒާގައި ކުރިއަށް ގެންދާ ހަނގުރާމައިގައި "އާންމުން މަރުވަމުންދާ އަދަދު މާ ގިނަ" ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަރިހު ފްރާންސްގެ ރައީސް އެމެނުއެލް މެކޯން ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު 7 ވަނަ ދުވަހު އިޒްރޭލަށް ކުއްލި ހަމަލާތަކެއްދީ 1،200 މީހުން މަރާލައި 200 އަށް ވުރެ ގިނަ މީހުން ރަހީނުކުރި ހަމާސް ގްރޫޕް ނައްތާލަން ބޭނުންވާކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.
އދ. އިން މައުލޫމާތުދޭ ގޮތުގައި އިޒްރޭލުން ގާޒާއަށް އެއްގަމާއި ވައިގެ މަގުން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 13،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މީގެ ތެރެއިން %70 އަކީ އަންހެނުންނާއި ކުޑަކުދިން ނެވެ.
ފްރާންސްގެ ރައީސް އޮފީހުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ "އާންމުންނާއި ޓެރަރިސްޓުން ވަކި ކުރުން ކޮންމެހެން މަޖުބޫރު" ކަމަށާއި "އިންސާނީ އެހީ [ގާޒާ]އަށް ވެއްދުމަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުން މުހިންމު ކަމަށް" މެކޯން ނަތަންޔާހޫ އަރިހު ވިދާޅުވި ކަމަށެވެ.
މީގެ އިތުރުން ވެސް ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ އާންމުންނަށް ދެމުން އަންނަ ހަމަލާތައް ކުށްވެރި ކުރައްވާ، ސުލްހަމަސަލަސް ކަމަށް މެކޯން ގޮވާލެއްވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މެކޯން ވަނީ ހުޅަނގު އައްސޭރި ކޮންޓްރޯލު ކުރަމުންދާ ފަލަސްތީނު ސަރުކާރުގެ ރައީސް މަހްމޫދް އައްބާސްއާ ވެސް ވާހަކަ ދައްކަވައިފަ އެވެ. އެ ވާހަކަފުޅުގައި ހަމާސް އިން 7 އޮކްޓޯބަރު ވަނަ ދުވަހު ހިންގި ހަމަލާތައް ފަލަސްތީނުގެ ސަރުކާރާއި ސަރަަހައްދީ ގައުމުތަކުން ކުށްވެރި ކުރުމުގެ މުހިންމުކަމުގެ މައްޗަށް މެކޯން އަލިއަޅުއްވާލާފައިވެ އެވެ.
ގާޒާގައި ތިބި އާންމުން ބަނޑުހައިހޫނު ކަމުގެ ބިރާ ކުރިމަތިލަމުން އަންނަ އިރު، މެކޯން ވަނީ ގާޒާއަށް އިތުރު އިންސާނީ އެހީ ފޯރުކޮށްދޭނެ ކަމަށް އިއްޔެ އިއުލާނު ކޮށްފަ އެވެ. ގަޒާއަށް ބޭނުންވާ 10 ޓަނުގެ މެޑިކަލް ސާމާނު މި ހަފްތާގައި ފޯރުކޮށްދޭނެ ކަމަށާއި ޔޫރަޕިއަން ޔޫނިއަން އިން މިމަހުގެ 23 އާއި 30ގައި ގާޒާއަށް ފޮނުވުމަށް ހަމަޖައްސާފައިވާ ސިއްހީ އެހީގެ ފްލައިޓުތަކަށް ފްރާންސް އިން އެހީވާނެ ކަމަށް މެކޯން ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ވެސް ފްރާންސް އިން އަންނަނީ ގާޒާ ސަރަހައްދަށް ދެވަނަ ހޮސްޕިޓަލު މަނަވަރެއް ފޮނުވުމަށް ތައްޔާރު ވަމުން ނެވެ. ފްރާންސްގެ ހެލިކޮޕްޓަރު އުފުލާ މަނަވަރެއް މިވަގުތު ގާޒާ ސަރަހައްދުގައި އޮޕަރޭޓު ކުރަމުން އަންނަ އިރު، މި މަނަވަރުގައި 60 އެނދާއި އޮޕަރޭޝަން ތިއޭޓަރު ހުރެ އެވެ.
ގާޒާގައި އަނިޔާ ލިބިފައިވާ އަދި ބަލިތަކާ ހަނގުރާމަ ކުރަމުންދާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ފްރާންސްގެ ރައީސް އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
ފްރާންސްގެ ހޮސްޕިޓަލުތަކުގައި ފަރުވާން ދޭން ޖެހިއްޖެ ނަމަ 50 ކުޑަކުއްޖަކު ފްރާންސް އަށް ގެނެސް ފަރުވާ ދޭނެ ކަމަށް ވެސް ރައީސް މެކޯން ވަނީ ސޯޝަލް މީޑިއާ އެކްސްގައި ވިދާޅުވެފަ އެވެ.
ފްރާންސް އިން ވަނީ މިހާތަނަށް 54 ޓަނުގެ އެހީގެ ސާމާނު ގާޒާއަށް ފޮނުވާފަ އެވެ.