އިޝްތިހާރު

ގާޒާގެ 2.3 މިލިއަިން މީހުންގެ އާބާދީގެ %70 އަށް ސާފު ބޯފެން ނުލިބޭކަމަށް އދ. އިން ވަނީ އަންދާޒާކޮށްފައި. މީގެ ތެރޭގައި ދެބައި ކުޅަ އެއްބަޔަކީ ކުޑަކުދިން.

ގާޒާ ނަޖިސްވެ ބަލިތަކުން ފުރިފައި، ކޮލެރާގެ ބިރު ބޮޑު

އިޒުރޭލާއި މިސްރުން ހިސޯރުކޮށްފައި އޮންނަ ގާޒާއަށް އެއްޗެހި އެތެރެކުރުން އިޒްރޭލުން ހުއްޓުވުމާ އެކު ފެނަށް ޖެހި ގާޒާގެ ބައެއް ރައްޔިތުން އަންނަނީ މޫދު ލޮނު ވެސް ބޮމުން
19 ނޮވެމްބަރު 2023

ނަރުދަމާގެ ހުރިހާ ހިދުމަތެއް ހުއްޓި ގާޒާގެ މަގުތައް މައްޗަށް ނަޖިސް ބޭރުވަމުން ދާއިރު، ގޮހޮރަށް ޖެހޭ ބަލިތަކާއި، އިންފެކްޝަންގެ އިތުރުން ކޮލެރާ ފެތުރިދާނެކަމުގެ ބިރު ވެސް ބޮޑުވެއްޖެ އެވެ.

ގާޒާގެ އާބާދީގެ 2.3 މިލިއަން މީހުންނަށް ސާފު ބޯ ފެން ހޯދޭނެ ގޮތެއް ނެތެވެ. 

އދ. އިން ފަލަސްތީނުގެ ރެފިއުޖީންނަށް ކަނޑައަޅާފައި ހުންނަ އެޖެންސީ، އުންރުވާ އިން ހާން ޔޫނިސްގައި ހިންގަމުން އަންނަ ސްކޫލެއްގައި ކަރުހިއްކައި ގަނެފައިވާ ކުދިންނަށް ބޯފެން ދޭން 33 އަހަރުގެ އޮސާމާ ސަގްރް ގެންދިޔައީ ފުޅިއަކަށް ފެން އަޅަމުންނެވެ. އެ ފެނުގެ ރަހަ ބަލައިލުމުން ލޮނު ގަދަކަމުން އޭނާ  މޫނުމަތިން ކަންބޮޑުވުން ފާޅުވި އެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލަ އެވެ. 

ގާޒާގެ ރައްޔިތުންނަށް އޮތީ ހިތާމަ: އާއިލާތައް ބިކަވެއްޖެ [މަހްމޫދު ހަމްސް/އޭއެފްޕީ]

"މިހިރީ ތަގައްޔަރުވެފައި، ކަމަކު ނުދާނެ. އެކަމަކު އަހަރެންގެ ކުދިން އަބަދުވެސް ބޯނެ، އެ ނޫން ގޮތެއް ނެތް،" އަލް ޖަޒީރާއާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ. 

ސަގްރްގެ އެއް އަހަރުގެ ފިރިހެން ދަރިފުޅު މިހާރު ބޭރަށް ހިންގަ އެވެ. ނަމަވެސް އެ ކުއްޖާއަށް ފަރުވާދޭން ބޭނުންވާ އެއްވެސް ބޭހެއް ހޮސްޕިޓަލުންނާއި ފާމަސީއަކުން ވެސް ނުލިބުނެވެ. 

"އެ [ބޭސް] ލިބުނަސް މައްސަލަ އަދިވެސް އޮތީ. ފެން މިހިރީ ތަގައްޔަރުވެފައި، ލޮނުކަން ގަދަ. ބޯން ކަމަކުނުދޭ،" އޭނާ ބުންޏެވެ.

"އަހަރެން ބިރުގަނޭ މިކަމުގެ ސަބަބުން ވަކި ހިސާބަކުން އަހަރެންގެ ކުއްޖަކު މަރުވެދާނެތީ."

ގާޒާގައި ބޭރަށް ހިންގާ 44،000 މީހުންނާއި ނޭވާލާ ނިޒާމުގެ އިންފެކްޝަން ޖެހިފައިވާ 70،000 މީހުން ރެކޯޑު ކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފަ އެވެ. އަސްލު އަދަދުތައް މާ މަތިވާނެ ކަމުގެ ބިރު ވެސް އެބަ އޮތެވެ.

އުންރުވާއިން ބުނީ ކުރިއަށް އޮތް ފިނި މޫސުމުގައި ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެގެން ދާނެ ކަމަށެވެ.

"އަހަރެމެންނަށް އަޑު އިވެމުން މިދަނީ އުންރުވާ ސެންޓަރުތަކުގައި ކޮންމެ ފާހާނާއަކަށް އެތައް ސަތޭކަ ބަޔަކު ތިބިކަން. އަދި އެ ފާހާނާތައް ފުރިގެން ބޭރުވަނީ. އެހެންވެ މީހުން ބޮޑުކަމުދަމުން އަންނަނީ ހާމަކަން ބޮޑު ގޮތަކަށް،" ޑަބްލިއުއެޗްއޯގެ އީސްޓަން މެޑިޓެރެނިއަން ސަރަހައްދުގެ އިމަޖެންސީ ޑިރެކްޓަރު ރިޗަޑް ބްރެނަން ވިދާޅުވި އެވެ. 

ގާޒާގެ އުތުރުން ދެކުނަށް ގިނަ ބަޔަކު ބަދަލުވަނީ.

"އެމީހުން އެ ތިބޭ ސަރަހައްދުގެ ފަސްގަނޑުން ޖާގައެއް މި ހޯދަނީ ފާހާނާއަށް ދާން. މިއީ އާންމު ސިއްހަތަށް ވަރަށް ބޮޑު ނުރައްކަލެއް، އެހާމެ ލަދުވެތި ކަމެއް."

އެއް ސަރަހައްދެއްގައި ގިނަ ބަޔަކު ތޮއްޖެހެން މަޖުބޫރުވުމާއި، ނަރުދަމާ ނެތި ސާފުތާހިރުކަން ގެއްލި، ފާޅުގައި ފާހާނާކުރަން ޖެހުމުގެ ސަބަބުން ބޭރަށް ހިންގުމާއި، ނޭވާލާ ނިޒާމުގެ އިންފެކްޝަންތަކާއި، ހަންގަނޑުގެ އިންފެކްޝަންތައް އިތުރުވަމުން ދާ ކަމަށް ވެސް ބްރެނަން ވިދާޅުވި އެވެ.

ގާޒާއަށް ކޮންމެހެން ބޭނުން ޖެހިފައިވާ އިންސާނީ އެހީ ނުވައްދައިފި ނަމަ ކޮލެރާ  ފެތުރިގެންދާނެ ކަމުގެ އިންޒާރު އދ.ގެ އެޖެންސީތަކުން ވަނީ ދީފަ އެވެ. އެއްވެސް ކަމެއް ބަދަލު ނުވެއްޖެ ނަމަ، "ބަލިވާ މީހުންގެ އަދަދު އިތުރުވެ، ބަލިމަޑުކަމެއްގެ ހުޅު ފަޅައިގެން ދިޔުމުގެ ފުރުސަތު އޮތް" ކަމަށް ބްރެނަން ވިދާޅުވި އެވެ.

ތެޔޮ ހުސްވުން، ގިނަ މައްސަލަތަކުގެ އަސްލު

ގާޒާއަށް ކޮންމެ ބޭނުންވާ ފެނާއި ނަރުދަމާގެ ނިޒާމުތައް ހުއްޓުނީ ތެޔޮ ހުސްވެގެންނާއި އިޒްރޭލުގެ ހަމަލާތަކުގައި ހަލާކުވެގެންނެވެ. އުންރުވާއިން ބުނި ގޮތުގައި  ދެކުނުގެ ސަރަހައްދުތަކުގައިވާ ދެއިރް އެލް-ބަލާ، ހާން ޔޫނިސް އަދި ރަފާގައި ހުރި 76 ފެން ވަޅަކާއި، ބޯފެން ހަދާ ދެ ކާރުހާނާއަކާއި 15 ނަރުދަމާ ނިޒާމު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ގާޒާގެ ކޮންމެ މީހަކު ބުއިމަށާއި ނަރުދަމާގެ ކަންކަމަށް 3 ލީޓަރުގެ ފެން ދުވާލަކަށް ބޭނުން ކުރަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯއިން އަންދާޒާކުރެ އެވެ. މިއީ އިމަޖެންސީ ހާލަތްތަކުގައި އެންމެ މަދުވެގެން ކޮންމެ މީހަކަށް ދުވާލަކަށް ބޭނުންވާނެ ކަމަށް އދ.ގެ އެޖެންސީއިން އިރުޝާދު ދޭ 7.5ގެ ލީޓަރާ އަޅާބަލާއިރު ދެގުނަ ދަށް އަދަދެކެވެ.

ފެނާއި ނަރުދަމާއާ ބެހޭ ހިދުމަތްތައް ހުއްޓުމަކަށް އައުމުގެ ސަބަބުން އުންރުވާގެ ސްކޫލުތަކުގައި ބޯހިޔާވަހިކަން ހޯދައިގެން ތިބި އާންމުންގެ ތެރޭގައި ބޭރަށް ހިންގުން %40 އިތުރުވެފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

ގާޒާއިން ކާއެއްޗެހި ހުސްވުމުގެ ބިރު ވެސް އެހާމެ ބޮޑު

ގާޒާގެ 2.3 މިލިއަން މީހުންގެ އާބާދީގެ %70 އާންމުންނަށް ސާފު ބޯފެން ލިބުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ބެލެވެ އެވެ. ގާޒާގެ އާބާދީގެ ދެބައި ކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.

ތެޔޮ ހުސްވެ ފެން ޕްލާންޓުތައް ހުއްޓި، ސާފު ބޯފެން ނުލިބުމާ އެކު ކިޑްނީ ފެއިލުވެފައި ތިބި 1،100 ބަލިމީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ގާޒާގެ މިނިސްޓްރީ އޮފް ހެލްތު އިން ބުންޏެވެ. މީގެ ތެރޭގައި 38 ކުޑަކުދިން ވެސް ހިމެނެ އެވެ.

މި މީހުންގެ ތެރޭގައި ސާމިރް އަބްދީންގެ 22 އަހަރުގެ ބޭބެ މުހައްމަދު ވެސް ހިމެނެ އެވެ. ތަގައްޔަރުވެފައި ހުރި ފެން ބޯން މަޖުބޫރުވުމުގެ ސަބަބުން މުހައްމަދަށް ވަނީ އެކިއުޓް ރީނަލް ކޮލިކް ކުރިމަތިވެފަ އެވެ. 

"އޭނާއަށް ވަރަށް ބޮޑަށް ތަދުވާން ފެށުމުން ހަޅޭއްލަވާނެ،" ބަންދުކޮށްފައި ހުރި ފެންފުޅިއެއް ލިބޭތޯ ހާން ޔޫނިސްގެ މަގުތައް ބަލަމުން ދިޔަ 40 އަހަރުގެ އަބްދީން ބުންޏެވެ. 

ބަންދުކޮށްފައި ހުރި ފެން ފުޅިއެއް ހޯދުމަކީ އުނދަގޫ އަދި އަގު ބޮޑު ކަމެއް ނަމަވެސް، އަބްދީން ހިތްވަރު އެލުވައެއް ނުލަ އެވެ.

ކަރުހިއްކައި ގަނެގެން މަރުވަނީ

ދެއިރް އަލް-ބަލާ ކޭމްްޕުގައި ހުރި 60 އަހަރުގެ ސާމިރް އަސާދުގެ ލޭ މައްޗަށް ދިއުމުގެ މައްސަލަ ބޮޑުވީ ލޮނު ފެން ބޯން ޖެހެމުންނެވެ. 

"ލޮނުކަން އިހްސާސް ނުވާނެ ގޮތް ހެދުމަށް އަހަރެން ފެން ކައްކަނީ،" އޭނާ ބުންޏެވެ.

"ކަރު ހިއްކުވައިގެން އެމީހުން އަހަރެމެން މަރާލަނީ. ނުވަތަ ކޮންމެ ފަދަ ފެނެއް ބޯން މަޖުބޫރު ކުރުވައިގެން ވެސް މަރާލަނީ. އަހަރެމެން މަރުވާނެކަން އެނގޭތީ،" އިޒްރޭލުން ގާޒާއަށް ކުރިމަތި ކުރުވާފައިވާ ހާލަތާ މެދު އޭނާ ބުންޏެވެ.

އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން އަންނަނީ ގާޒާއަށް އިތުރު އެހީ ވައްދަން ހުއްދަ ދޭން ގޮވާލަމުންނެވެ. ގާޒާއަށް ފެނާއި ކާބޯތަކެތީގެ އެހީ ވެއްދޭނީ އިޒުރޭލުން ހުއްދަ ދޭ މިންވަރަކަށެވެ. 

އިޒުރޭލުގެ ހަމަލާތަކުގައި ގާޒާގެ ބޮޑު ބައެއް ވަނީ ފުނޑުފުނޑުކޮށްލާފައި

ފެން ލިބޭނެ ގޮތެއް ނެތުމުން ގާޒާގެ ބައެއް އާންމުންނަށް ވަނީ މޫދުން ލޮނުފެން ބޯން ވެސް މަޖުބޫރުވެފަ އެވެ. ނަމަވެސް ނަރުދަމާގެ ނިޒާމުތައް ހުއްޓިފައި ހުރުމުގެ ސަބަބުން ކޮންމެ ދުވަހަކު މެޑިޓެރެނިއަން ކަނޑަށް 130،000 ކިއުބިކް މީޓަރުގެ ނަޖިސް ފެން ބޭރުކުރެ އެވެ. އެހެންކަމުން ލޮނުފެނަކީ ވެސް މިހާރު ނަޖިހެވެ.

ސަލްވާ އިސްލިމް، 45، ބުނީ އޭނާ އާއި އޭނާގެ އާއިލާއިން ބައެއް ފަހަރު މޫދަށް ގޮސް އެ ފެން ބޮއެ އޭގެން ފެންވަރާ ކަމަށެވެ. 

"މޫދު ފެން ބޯން އަހަންނަށް މަޖުބޫރު،" އޭނާ ބުންޏެވެ.

"ކޮބާ ބޯފެނަށް އަހަރެމެންނަށް އޮތް ހައްގު؟ ކެއިން ބުއިމާއި ދިރިހުރުމަށް ބޭނުންވާ އަސާސީ ކަންކަމުން މަހްރޫމުކުރުވާ ކޮން ކަހަލަ ހަނގުރާމައެއް މިއީ؟" އޭނާ ސުވާލުކުރި އެވެ.

"މިއީ ހަނގުރާމަ ނިމެނީ ކޮން އިރަކުންތޯ ސުވާލުކުރާ ކުޑަކުދިންނަށް ދޭ އަދަބެއްތަ؟ އެމީހުން މަގުތައް މަތީގައި ތިބެ ކޮންމެ ދުވަހަކު ބަންދުކޮށްފައި ހުރި ފުޅިއެއްގެ ފެން ލިބޭތޯ މަސައްކަތް ކުރަނީ. އެކަމަކު ގާޒާއަކު ބޯނެ ފެނެއް ނެތް."

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް