ފާއިތުވެދިޔަ މަސްތަކުގައި އީރާނުގެ ގިނަ އަދަދެއްގެ އަންހެނުންނާއި އަންހެން ކުދިން ވަނީ ހިޖާބް އެޅުން ހުއްޓާލާފައި.

އީރާނުގައި އަންހެނުން ހެދުން އެޅުމާ ބެހޭ ގާނޫނު ހަރުކަށިކޮށްފި

ގާނޫނާ ހިލާފުވާ ފަރާތްތަކަށް 10 އަހަރު ދުވަހާ ހަމައަށް ޖަލު ހުކުމެއް އިއްވުމުގެ ބާރު މި ގާނޫނުގެ ދަށުން ސަރުކާރަށް ލިބޭނެ
21 ސެޕްޓެމްބަރު 2023

ހެދުން އަޅަން ޖެހޭ މިންގަނޑުތަކާ ހިލާފުވާ އަންހެނުންނަށް ކަނޑައެޅިފައިވާ އަދަބުތައް އިތުރަށް ހަރުކަށިކޮށް، އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސްކޮށްފި އެވެ.

ތިން އަހަރުގެ މުއްދަތަށް އަޖުމަ ބެލުމަށް އީރާނުގެ މަޖިލީހުން ފާސްކުރި މި ބިލުގެ ދަށުން، ހެދުން އަޅާ މިންގަނޑުތަކާ ހިލާފުވާ މީހުން 10 އަހަރާ ހަމައަށް ޖަލަށް ލެވޭނެ އެވެ.

މި ބިލު ތަންފީޒު ކުރަން ފެށުމަށް އަދި އީރާނުގެ ގާޑިއަން ކައުންސިލުގެ ހުއްދަ ބޭނުންވާނެ އެވެ.

އީރާނުގެ މަޖިލީހުން މި ބިލު ފާސްކޮށްފައި މި ވަނީ، ހެދުން އެޅުމުގެ މިންގަނޑުތަކާ ހިލާފުވި މަހްސާ އަމީނީ ކިޔާ އަންހެނަކު ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވިތާ އަހަރެއްހާ ދުވަސް ފަހުންނެވެ. އޭނާގެ މަރާ ގުޅިގެން އީރާނުގައި މަސްތަކެއް ވަންދެން ވަރުގަދަ މުޒާހަރާތަކެއް ކޮށްފައިވެ އެވެ. މި މުޒާހަރާތަކުގައި ބައިވެރިވި އަންހެނުން ވަނީ އެ މީހުން އަޅައިގެން ތިބި ބުރުގާތަކުގައި ހުޅުޖަހާފަ އެވެ.

މި މުޒާހަރާތަކުގައި ބައިވެރިވި އެތައް ސަތޭކަ ބަޔަކު މަރާލާފައިވާ ކަމުގެ ތުހުމަތު އީރާނުގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ވަނީ ކުރެވިފަ އެވެ.

މި މުޒާހަރާތައް މިހާރު ނިމުމަކަށް އައިސްފައި ވާއިރު، އީރާނު ސަރުކާރުން ވަނީ އާންމު ތަންތަނުގައި ސާވެއިލަންސް ކެމެރާތައް ހަރުކޮށް، ހެދުން އަޅާ މިންގަނޑުތައް ބަލައި ފާސްކުރާ ފުލުހުން ވެސް އަނބުރާ މަގުމައްޗަށް ނެރެފަ އެވެ.

ނަމަވެސް، ފާއިތުވެދިޔަ މަސްތަކުގައި އީރާނުގެ ގިނަ އަދަދެއްގެ އަންހެނުންނާއި އަންހެން ކުދިން އަންނަނީ އިސްތަށިގަނޑު ނިވާކުރުން ހުއްޓާލަމުންނެވެ.

އީރާނުގެ ގާނޫނުތައް ބުނާ ގޮތުން، އަންހެނުންނާއި ފުރާ އުމުރުގެ އަންހެން ކުދިން ހިޖާބް އެޅުމާއި ގަޔަށް ދޫކޮށް ހުންނަ ހެދުން ލުމަކީ ލާޒިމު ކަމެކެވެ. އަދި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ދަށުން މިގޮތަށް އަމަލު ނުކުރާ ފަރާތްތަކަށް 10 ދުވަހާއި ދެ މަސްދުވަހާ ދެމެދުގެ ޖަލު ހުކުމެއް އިއްވުން، ނުވަތަ 5،000 އާއި 500،000 ރިޔާލްގެ ޖޫރިމަނާއެއް ކުރުމުގެ ބާރު އިދާރާތަކަށް ލިބިގެންވެ އެވެ.

ހެދުން އެޅުމާ ބެހޭ ގާނޫނު އިސްލާހުކޮށް، އީރާނުގެ މަޖިލީހުން އެ ބިލު ފާސްކޮށްފައި ވަނީ 152 މެމްބަރުންގެ ރުހުމާ އެކު އެވެ. މި ބިލާ ދެކޮޅަށް ވޯޓުދީފައި ވަނީ 34 މެމްބަރެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް