ހަރްދީޕް ސިންގް ނިއްޖާރު ބަޑިޖަހައި މަރާލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް ހަރުކޮށްފައިވާ ޕޯސްޓަރެއް. ފޮޓޯ/ރޮއިޓާސް)

ސިކުންގެ ލީޑަރުގެ މަރާ ގުޅިގެން 3 ގައުމަކުން ކަންބޮޑުވުން ފާޅުކޮށްފި

އިންޑިއާއިން އޭނާއަކީ "ޓެރަރިސްޓެއް"ގެ ގޮތުގައި ކަނޑައެޅީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި
20 ސެޕްޓެމްބަރު 2023

މިދިޔަ ޖޫން މަހު ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ ޕްރޮވިންސްގައި ސިކުންގެ ލީޑަރަކު މަރާލުމުގައި އިންޑިއާ ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް ކެނެޑާގެ ސަރުކާރުން ކުރާ ސީރިއަސް ތުހުމަތުތަކާ ގުޅިގެން، އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ތިން ގައުމަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އޮސްޓްރޭލިއާގެ ހާރިޖީ ވަޒީރު ޕެނީ ވޮންގްގެ ތަރުޖަމާނަކު އިއްޔެ ވިދާޅުވީ އެ ތުހުމަތުތަކާ މެދު ކަންބޮޑުވާ ކަމަށެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިއްޔެ ވިދާޅުވީ ސިކުން ލީޑަރު ހަރްދީޕް ސިންގް ނިއްޖާރު މަރާލުމުގައި އިންޑިއާ ސަރުކާރުގެ އެޖެންޓުން ބައިވެރިވި ކަމުގެ އިތުބާރު ހުރި ތުހުމަތުތައް އެބަހުރި ކަމަށެވެ.

ނިއްޖާރު، 45، މަރާލާފައިވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ސިކުންގެ އާބާދީ ބޮޑު ވެންކޫވާގެ އަވަށެއް ކަމަށްވާ ސަރީގައި ހުންނަ ސިކުންގެ ފައްޅިއެއްގެ ބޭރުގައި ހުއްޓަ އެވެ. ހާލިސްތާންގެ ނަމުގައި ސިކުންގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް އޭނާ ވަނީ ވަކާލާތުކޮށްފަ އެވެ. އެއާ އެކު، އިންޑިއާ އިން އޭނާއަކީ "ޓެރަރިސްޓެއް"ގެ ގޮތުގައި ކަނޑައެޅީ ޖުލައި 2020ގަ އެވެ.

އިނގިރޭސި ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ މި ސީރިއަސް ތުހުމަތުތަކާ ގުޅިގެން ކެނެޑާގެ ބައިވެރިންނާ ވަރަށް ގާތުން ގުޅަމުން އަންނަ ކަމަށެވެ. ނަމަވެސް، ކެނެޑާގެ ކަމާ ބެހޭ ފަރާތްތަކުން ކުރަމުންދާ ތަހުގީގަށް އިތުރު އެއްޗެއް ބުނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އޭޕްރީލް މަހު އިންޑިއާ އިން ވަނީ އިނގިރޭސިވިލާތުގައި އޮންނަ ސިކުންގެ އާބާދީން ހިންގާ ވަކިވެގަތުމުގެ ހަރަކާތަކަށް ތާއީދުކުރާ ފަރާތްތައް މޮނިޓާކުރުން އިތުރުކުރުމަށް އެދިފަ އެވެ.

ނިއު ދިއްލީ ނުތަނަވަސްވީ ލަންޑަނުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންގެ ބޭރުގައި "ހާލިސްތާން" ޖަހާފައިވާ ފޮތިތަކެއް ހިފައިގެން ބަޔަކު އަޑުއުފުލުމުންނެވެ.

އޮސްޓްރޭލިއާގެ ހާރިޖީ ވަޒީރު ވޮންގްގެ ތަރުޖަމާނު ވިދާޅުވީ އޮސްޓްރޭލިއާ އިން މި ތުހުމަތުތަކާ މެދު ވަރަށް ކަންބޮޑުވާ ކަމަށާއި މި މައްސަލައިގެ ތަހުގީގުތައް ކުރިއަށްދާކަން ފާހަގަކުރާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ގާތުން ޕާޓްނަރުންނާ އެކު މަސައްކަތް ކުރަމުން މި ދަނީ. ހުރި ކަންބޮޑުވުންތައް އިންޑިއާއަށް އަންގާފައިވާނެ،" އޮސްޓްރޭލިއާގެ އޮފިޝަލް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް