ވޮލޮޑްމިއާ ޒެލެންސްކީ އދ. ގެ އާންމު މެމްބަރުންގެ ޖަލްސާގައި ވާހަކަދައްކަވަނީ.

ރަޝިޔާގެ 'ނުލަފާ ކަމަށް އިތުބާރެއް ނުކުރެވޭނެ': ޒެލެންސްކީ

ގޮތް ނޭނގޭ ޑީލުތައް ހަދައިގެން ހަމަހަމަ ނޫން ގޮތަކަށް ހަނގުރާމަ ނިންމާނުލުމަށް ޒެލެންސްކީ ގޮވާލެއްވި
20 ސެޕްޓެމްބަރު 2023

"ނުލަފާ ކަމަށް އިތުބާރު ކުރެވެން ނެތް ކަމަށް" ރަޝިޔާއިން ޔޫކްރެއިނަށް ދައްކަމުން އަންނަ ހަރުކަށިކަން ހުއްޓުމަށް ދުނިޔެއިން އެއްބައިވުމަށް ގޮވާލައްވާ ޔޫކްރެއިނުގެ ރައީސް އދ.ގެ އާންމު މެމްބަރުންގެ ބައްދަލުވުމުގައި ތަގްރީރު ކުރައްވަމުން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއު ޔޯކުގައި އޮތް ޖަލްސާގައި ޒެލެންސްކީ އިތުރަށް ވިދާޅުވީ "ދުނިޔެ ތިން ވަނަ ބޮޑު ހަނގުރާމައަކަށް ގެންދިޔުމަށް" ނިއުކްލިއާ ގާބިލުކަން ލިބިފައިވާ މޮސްކޯއިން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުވަން ޖެހޭ ކަމަށެވެ.

އަދި ކާބޯތަކެތިން ފެށިގެން ހަކަތައާ ހަމައަށް ދަންދެން މޮސްކޯއިން ކޮންމެ އެއްޗެއް ވެސް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަކަމަށް ވެސް ޒެލެންސްކީ ފާހަގަކުރެއްވި އެވެ.

ޒެލެންސްކީގެ ތަގްރީރު މުޅިން ހެން އަލިއަޅުވާލާފައި އޮތީ ރަޝިޔާގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައި އޮތް ބިރުތަކަ ށެވެ. މޫސުމީ ބަަދަލުތައް ފަދަ އާންމުކޮށް ދުނިޔެއަށް ކުރިމަތިވެފައިވާ ހުރިހާ ގޮންޖެހުމަކާ ކުރިމަތިލެވޭނީ ވެސް ރަޝިޔާ ފަހަތަށް ޖައްސާލުމަށް ފަހު ކަމަށް އޭނާ ފާހަގަ ކުރައްވާފައިވެ އެވެ.

"ރަޝިޔާއިން ދުނިޔެ ފަހު ހަނގުރާމައަކަށް ވައްޓާލަމުން އަންނަ އިރު، ރަޝިޔާގެ ހަރުކަށިކަމުގެ ސަބަބުން ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން އެހެން ގައުމަކަށް ހަމަލާއެއް ނުދޭނެ ކަމުގެ ޔަގީންކަން ކަށަވަރު ކުރުމަށް ޔޫކްރެއިނުން ދަނީ ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން،" އދ.ގެ އާންމު ބައްދަލުވުމުގައި ދުނިޔޭގެ ލީޑަރުންނާ މުހާތަބުކުރައްވާ ޒެލެންސްކީ ވިދާޅުވި އެވެ.

އަދި ރަޝިޔާއިން "ނިއުކްލިޔާ ހަތިޔާރު ބެހެއްޓުމުގެ އެއްވެސް ހައްގެއް ނެތް" ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"[ހުރިހާ އެއްޗެއް ހަތިޔާރަކަށް ހެދުން ހުއްޓުވަން ޖެހޭ، ހަނގުރާމައިގެ ކުށްތަކަށް އަދަބު ލިބެން ޖެހޭ، ޑީޕޯޓު ކުރެވިފައިވާ މީހުން އެނބުރި ގެޔަށް އާދެވެން ޖެހޭ، އަދި އަރައިގަނެފައިވާ މީހުން އެނބުރި އެމީހުންގެ ގައުމަށް ދާން ޖެހޭ. އެކަން ކުރުމަށް އަހަރުމެން އެންމެން އެއްބައިވާން ޖެހޭ، އަދި އެކަން އަހަރުމެން ކުރާނަން." ވަރަށް ޖަޒުބާތާ އެކު ޒެލެންސްކީ ވިދާޅުވި އެވެ. އަދި ރަޝިޔާއިން ޔޫކްރެއިނުގެ ކުޑަކުދިން ގެންގޮސް ހަނގުރާމައިގެ ކުށްތައް ހިންގާފައިވާ ކަމަށް ވެސް ޒެލެންސްކީ ތުހުމަތު ކުރެއްވި އެވެ.

ޔޫކްރެއިނުގެ ކުޑަކުދިން ހުއްދަ ނެތި ރަޝިޔާއަށް ގެންގޮސްފައިވާ ކަމުގެ ތުހުމަތުތަކާ އެކު ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުން ވަނީ މިއަހަރުގެ މާޗު މަހު ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން ހައްޔަރު ކުރުމަށް އަމުރެއް ނެރެފަ އެވެ. ނަމަވެސް މޮސްކޯއިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ޒެލެންސްކީ އދ. ގައި ދެއްވި ތަގްރީރާ ގުޅޭ (ވީޑިއޯ/ފްރާންސް24)

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕަށް ކުރިމަތިވި އެންމެ ބޮޑު ހަނގުރާމަ "ގޮތް ނޭނގޭ ޑީލުތަކާ" އެކު ހަމަހަމަ ނޫން އުސޫލެއްގެ މަތިން ނިންމާލުމާ މެދު ޒެލެންސްކީ ވަނީ އދ.ގެ ޖަލްސާގައި އިންޒާރު ވެސް ދެއްވާފަ އެވެ. ރަޝިޔާގެ ބޭނުމަކީ ޔޫކްރެއިނު "ތިޔަ ބޭފުޅުންނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހަތިޔާރަކަށް ހެދުން، ގާނޫނުތަކުގެ މައްޗަށް ބިނާވެފައި އޮތް ބައިނަލްއަގްވާމީ ނިޒާމު ހަތިޔާރަކަށް ހެދުން" ކަމަށް ވެސް ޒެލެންސްކީ ފާހަގަކުރައްވާފައިވެ އެވެ.

ޔޫކްރެއިނުގެ ރައީސް ޒެލެންސްކީގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ރަޝިޔާގެ ހަރުކަށިކަމާ ގުޅިގެން ކުރިމަތިވެފައިވާ ބިރުވެރިކަމާ މެދު އދ.ގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް