
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ
ކެނެޑާގެ ޑިޕްލޮމެޓެއް އިންޑިއާއިން ބޭރުވާން އެންގުމުން ގުޅުން ހައްތަހާ ގޯސްވެއްޖެ
ކެނެޑާގައި ހުންނަ އިންޑިއާގެ ޑިޕްލޮމެޓަކު އެ ގައުމުން ބޭރުވާން ކެނެޑާއިން އެންގިތާ މަދު ގަޑިއިރުކޮޅެއް ތެރޭ އިންޑިއާއިން ކެނެޑާގެ ޑިޕްލޮމެޓަކު ބޭރުވާން ސަރުކާރުން އަންގައިފި އެވެ.
ކެނެޑާއިން އިންޑިއާގެ ޑިޕްލޮމެޓަކު ފޮނުވާލަނީ މި އަހަރު މެދުތެރޭ އެ ގައުމުގައި ސިކުންގެ މީހަކު މަރާލުމުގައި އިންޑިއާގެ އަތެއް ވާކަމުގެ ހެކި ލިބުމުންނެވެ. ބަޑިޖަހާ މަރާލީ އިންޑިއާގައި ސިކުންނަށް ވަކި ދައުލަތެއް އުފައްދަން ވަކާލާތު ކުރަމުން އައި ކެނެޑާގެ ސިކުންގެ ނަސްލުގެ ލީޑަރެކެވެ.
ދެ ގައުމުގެ ދެމެދު އުފެދުނު މި ނުތަނަވަސްކަމުގެ ތެރޭގައި ކެނެޑާގެ ޑިޕްލޮމެޓަކު ބޭރުވާން އަންގައި އިންޑިއާ ސަރުކާރުން މިއަދު ނެރުނު ބަޔާނުގައި ބުނީ މި ނިންމުމުން ފާހަގަވަނީ 'އަހަރެމެންގެ ދާހިލީ ކަންތައްތަކަށް ކެނެޑާގެ ޑިޕްލޮމެޓުން ފޯރުވަމުން އަންނަ ނުފޫޒާއި، އިންޑިއާއާ ދެކޮޅަށް ހިންގަމުން އަންނަ ހަރަކާތްތަކުގެ ސަބަބުން އޮތް ކަންބޮޑުވުންތައް' ކަމަށެވެ.
ފާއިތުވެދިޔަ މަސްތަކުގައި ކެނެޑާ އާއި އިންޑިއާގެ ގުޅުން ދަނީ ހަލުވިކަމާ އެކު ހީނަރުވަމުންނެވެ. ދެ ގައުމުގެ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައި ވާއިރު، ކެނެޑާއިން ވަނީ އަންނަ މަހު އިންޑިއާއަށް ކުރަން އޮތް ވިޔަފާރީގެ މަޝްވަރާ ދަތުރު ވެސް ކެންސަލްކޮށްފަ އެވެ.
އިންޑިއާގައި ވަކި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ގޮވާލަމުން އަންނަ ސިކުންގެ ގްރޫޕުތަކުން ކެނެޑާގައި ކުރާ މުޒާހަރާތަކާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވަރަށް ބޮޑަށް ކޯފާއިސްވެފަ އެވެ.
ސިކުންގެ ވަކި ދައުލަތަކަށް ގޮވާލަމުން އައި ލީޑަރެއް ކަމުގައިވާ ހަރްދީޕް ސިންގް ނިއްޖާރް މަރާލީ 18 ޖޫންގައި ކެނެޑާގެ ސަގާފީ ސެންޓަރެއްގެ ބޭރުގަ އެވެ. ހަރްދީޕްގެ މަރާ އިންޑިއާ ސަރުކާރުގެ އޭޖެންޓުތަކަކާ ގުޅުން އޮތްކަން ތަހްގީގަށް އެނގިފައިވާ ކަމަށް ކެނެޑާ ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ.
ހަރްދީޕްއަކީ ކެނެޑާގެ ރައްޔިތެކެވެ. އެކަމަކު އޭނާ އައީ އިންޑިއާގައި ސިކުންގެ ވަކި ދައުލަތެއް ގާއިމްކުރަން ފެންނަ ނުފެންނަ ނުރަސްމީ ވޯޓެއް، ސިކުންގެ މީހުންގެ މެދުގައި ނަގަން މަސައްކަތްކުރަމުންނެވެ.
ހަރްދީޕުގެ މަރުގައި އިންޑިއާ ސަރުކާރުގެ އޭޖެންޓުތަކެއް ބައިވެރިވާކަމަށް ކެނެޑާއިން ތުހުމަތު ކުރުމާ ގުޅިގެން، މިއީ ހަގީގަތާ ހިލާފު ވަކި މަގްސަދެއްގައި ދައްކާ ވާހަކަތަކެއް ކަމަށް އިންޑިއާ އިން ބުނެ އެވެ. މިފަދަ ތުހުމަތުތައް ކުރުމުގެ ބަދަލުގައި، އިންޑިއާއާ ދެކޮޅަށް ކެނެޑާގައި ހިންގަމުންދާ ކަންކަން ބަލަން އިންޑިއާއިން ވަނީ ގޮވާލައިފަ އެވެ.