އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް އޮސްޓްރޭލިއާގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނަށް ބޭއްވުނު އިވެއްޓެއްގައި.

އޮސްޓްރޭލިޔާ

'މޯދީ އަކީ ބޮސް' ކަމަށް ވިދާޅުވެ އޮސްޓްރޭލިއާގެ ބޮޑުވަޒީރު މޯދީއަށް ހޫނު މަރުހަބާއެއް ކިޔައިފި

މޯދީ އޮސްޓްރޭލިއާ އަށް ވަޑައިގެން މިއުޅުއްވަނީ 'ކުއަޑް' ގައުމުތަކުގެ ސަމިޓަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު އޮސްޓްރޭލިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު މޯދީއަށް ހޫނު މަރުހަބާއެއް އަރުވައިފި އެވެ. 

ސިޑްނީގައި ހުންނަ ސްޓޭޑިއަމެއްގައި ބޭއްވުނު އިވެންޓެއްގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް މޯދީ ތައާރަފުކޮށްދީފައި ވަނީ އެެމެރިކާގެ ރޮކް މިއުޒީޝަނު ބްރޫސް ސްޕްރިންސްޓީން އާ އެއްފަދަަކަމަށް ސިފަކުރައްވަމުން ނެވެ. 

ނުވަ އަހަރު ތެރޭ މޯދީ ސިޑްނީއަށް ފުރަތަމަ ފަހަރަށް ވަޑައިގެންފައި މިވަނީ އަންނަ އަހަރު އޮންނަ އިންތިހާބަށް އިންޑިއާ ތައްޔާރުވަމުން އަންނަ ދުވަސްވަރެއްގަ އެވެ. އަނެއްކޮޅުން ބަލާއިރު އޮސްޓްރޭލިއާ އިން މޯދީގެ މިދަތުރުފުޅު ނަގަނީ ޗައިނާއާ އެކު ހީނަރުވެފައިވާ ގުޅުންތަކުގެ ބަދަލުގައި އިންޑިއާއާ އެކު އިގްތިސާދީ ގުޅުންތަކެއް ގާއިމު ކުރެވޭނެ ފުރުސަތެއް ގޮތަށެވެ. 

ސިޑްނީގައި ހުންނަ ގޫޑޯސް ބޭންކް އެރީނާގައި ބޮޑުވަޒީރު އަލްބަނީސް އިއްޔެ މޯދީ ތައާރަފް ކުރައްވަމުން ވިދާޅުވީ "އެންމެ ފަހުން މިތާ ސްޓޭޖުން އަހަންނަށް މީހަކު ފެނިފައި ވަނީ ބްރޫސް ސްޕްރިންގްސްޓީން، އެކަމު އޭނާއަށް ވެސް މޯދީއަށް މި ލިބިވަޑައިގެންނެވި ފަދަ މަރުހަބާއެއް ލިބިފައެއް ނުވެ" އެވެ. 

އަދި މޯދީ ވަނީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ރޫހު އޮސްޓްރޭލިއަށް ގެންނަވާފައި ކަމަށާއި "ގާތް އަހް" ވަނީ އޮސްޓްރޭލިއާގެ ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ވެސް އެހީތެރިވެދީފައި ކަމަށް އަލްބަނީސް ވިދާޅުވެފައިވެ އެވެ.

"ބޮޑުވަޒީރު މޯދީ އަކީ ބޮސް،" ސްޓޭޑިއަމަށް އެއްވެ ތިބި އިންޑިއާ ރައްޔިތުންގެ ވަރުގަދަ ތަރުހީބަށް އަލްބަނީސް ވިދާޅުވި އެވެ. 

މޯދީ އޮސްޓްރޭލިއާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުގެ ބޭނުމަކީ 'ކުއަޑް' ގައުމުތަކުގެ ލީޑަރުންގެ ސަމިޓަކުގައި ބައިވެރިވެވަޑައިގަތުމެވެ. ކުއަޑްގައި ހިމެނެނީ އެމެރިކާ، އޮސްޓްރޭލިއާ، ޖަޕާނު އަދި އިންޑިއާ އެވެ. ޗައިނާއިން ވަރުގަދަ ކުރަމުން އަންނަ ހަރުކަށިކަމާއި ނުފޫޒާ ދެކޮޅަށް ކެންބެރާ [އޮސްޓްރޭލިއާ] އިން އަންނަނީ ކުއަޑްގެ ގައުމުތަކާ އެކު އިގްތިސާދީ އަދި ސްޓްރެޓީޖިކް ގުޅުންތައް ބަދަހިކުރުމަށް މަސައްކަތް ކުރަމުން ނެވެ. 

އިއްޔެ އޮތް އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ "ކްރިކެޓުގެ ބަހުރުވައިން ނަމަ އަހަރުމެންގެ ގުޅުން ވަނީ ޓީ20 މޯޑަށް ގޮސްފަ" އެވެ. 

"އަހަރުމެންގެ ގުޅުމުގެ މައި ތަނބަކީ އަހަރުމެންގެ ޑިމޮކްރެޓިކް އުސޫލުތައް. އަހަރުމެންގެ ގުޅުންތައް ބިނާވެފައި ވަނީ ދެފަރާތުން ވެސް ދައްކަމުން އަންނަ އިހުތިރާމާއި އިތުބާރުގެ މައްޗަށް. އޮސްޓްރޭލިއާގައި ދިރިއުޅެމުން އަންނަ އިންޑިއާ ރައްޔިތުންނަކީ އަހަރުމެން ދެގައުމުގެ މެދުގައިވާ ބްރިޖެއް،" މޯދީ ވިދާޅުވި އެވެ. 

މޯދީ އޮސްޓްރޭލިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅޭ (ވީޑިއޯ/ބީބީސީ ނިއުސް)

އޮސްޓްރޭލިއާއަށް ވަޑައިގެންނެވުމުގެ ކުރިން މޯދީ ވަނީ ޕަޕުއާ ނިއު ގިނީއަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު ޖޭމްސް މަރާޕޭއާ ބައްދަލުކުރައްވާ އެގައުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ދުވަސްކޮޅެއް ކުރިން މޯދީ ވަނީ ޖަޕާނަށް ވަޑައިގެން ޖީ7ގެ ލީޑަރުންނާ ބައްދަލުކުރައްވާ ޔޫކްރެއިނުގެ ރައީސް ޒެލެންސްކީއާ ވެސް ބައްދަލުކުރައްވާފަ އެވެ. 

އަދި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އަންނަ މަހު މޯދީ ވައިޓް ހައުސް އަށް ވަޑައިގަތުމަށް ދައުވަތު އަރުވާފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް