އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ.

އިޒްރޭލް

އެތައް ދުވަހެއްގެ މުޒާހަރާތަކަށް ފަހު ނަތަންޔާހޫ އެންމެ ފަހުން އިސްލާހުތައް ފަސްކޮށްފި

ނަތަންޔާހޫ ވިދާޅުވީ ހައްދުފަހަނަޅާފައިވާ ބަޔަކު ގައުމު ހަލަބޮލިކުރަމުންދާ ކަމަށް

އިޒްރޭލުގެ ޝަަރުއީ ދާއިރާ ބަދަލުކުރުމަށް ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރެއިން ބައެއް އިސްލާހުތައް ފަސްކުރުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެންމެ ފަހުން ނިންމަވައިފި އެވެ. 

ނަތަންޔާހޫ ރޭ ވިދާޅުވީ މިގޮތަށް ނިންމެވީ "އަހަރެމެންގެ ރައްޔިތުން ބައިބައިވެގެން ނުދިއުމަށް" ކަމަށެވެ. ނަމަވެސް މި އިސްލާހުތައް ފަސްކުރުމުން ހާސިލު ވާނީ ކޮން ކަމެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ. 

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އިޒްރޭލުގެ ބޮޑުވަޒީރު ކަމާ އަލުން ހަވާލުވެވަޑައިގެންނެވި ނަތަންޔާހޫ އެ ގައުމުގެ ޝަރުއީ ދާއިރާއަށް ހުށައަޅުއްވާފައިވާ އިސްލާހުތަކާ ގުޅިގެން އާންމުން މަގުތަކަށް ނުކުމެ އަޑުއުފުލާތާ ހަފްތާތަކެއް ވަނީ ވެފަ އެވެ. 

ނަތަންޔާހޫ ވަނީ މި ހަރަކާތްތަކާ ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި ދިފާއީ ވަޒީރު މަގާމުން މަގާމުން ވަކިކުރައްވައިފަ އެވެ. މިއާ އެކު އާދިއްތަ ދުވަހުގެ ރޭ މުޒާހަރާ ކުރި މީހުންގެ އަދަދު ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ. އަދި އިޒްރޭލުގެ އެންމެ ބޮޑު ޓްރޭޑް ޔޫނިއަނުން ވަނީ މުވައްޒަފުން ވަޒީފާއަށް ނުނުކުތުމަށް ގޮވާލާފަ އެވެ.

މިއާ އެކު އިޒްރޭލުގެ މައި އެއާޕޯޓުން ފެށިގެން ގޮސް ބޭންކުތަކާއި ހޮސްޕިޓަލުތަކުގެ ހިދުމަތްތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ގުޅިގެން ހިންގި މި ހުރިހާ ހަރަކާތެއްގެ އަމާޒަކަށްވީ ނަތަންޔާހޫ މި ހަފްތާގައި ގާނޫނު ހަދާ މަޖިލީހުގެ ތަޅުމުގައި ފާސްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދެވި ޑިމޮކްރަސީއާ ފުށުއަރާ އިސްލާހުތަކަށް ހުއްޓުން ގެނައުމެވެ. 

އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ޔައާ ލަފީދު ވަނީ މިހާރު ކުރިއަށް މިދާ ހަރަކާތްތަކަކީ ގައުމުގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ކަންތައް ކަމަށް ވިދާޅުވެފަ އެވެ.

މިހާތަނަށް އިޒްރޭލު ހިންގުމާ ހަވާލުވި އެންމެ ކަތާނު ފިޔައިގެ މި ސަރުކާރުން ޝަރުއީ ދާއިރާއަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ބަދަލުތަކުގެ ތެރޭގައި ކޯޓުތަކަށް ފަނޑިޔާރުން ކަނޑައަޅާ ކޮމިޓީގެ ފުރިހަމަ ބާރު ސަރުކާރަށް ބަދަލުކުރުމާއި ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ މައްޗަށް މަޖިލީހަށް ބާރުފޯރުވޭ ގޮތް ހެދުން ހިމެނެ އެވެ.  މީގެ މާނައަކީ ބޮޑުވަޒީރަކު މަގާމުގައި ހުރުމަށް ނުފެންނަ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ، ބޮޑުވަޒީރު މަގާމުން ދުރުކުރަން އުނދަގޫވުމެވެ. 

ނަތަންޔާހޫއާ ދެކޮޅަށް އިޒްރޭލުގެ ކޯޓުތަކުގައި މައްސަލަތަކެއް ހިނގަމުންދާ އިރު މި ބަދަލުތަކަކީ އަމިއްލައަށް ކުރިމަގު ސަލާމަތް ކުރައްވަން ހުށައަޅުއްވާފައިވާ އިސްލާހުތަކެއް ކަމަށް، ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރެ އެވެ.

އިޒްރޭލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ (ވީޑިއޯ/ސީބީސީ ނިއުސް)

މި އިސްލާހުތައް ފަސްކުރުމަށް ނިންމަވައި ނަތަންޔާހޫ ދެއްކެވި ވާހަކައިގައި "ހައްދުފަހަނަޅާފައިވާ މައިނޯރިޓީ" އަކުން ގައުމު ދެބައި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެއްވި އެވެ. އަދި ބިލާ ދެކޮޅު ހެދުމަށް ޑިއުޓީއަށް ނުނިކުންނާނެ ކަމަށް ބުނި އަސްކަރިއްޔާގެ ރިޒާވް ސިފައިންނަށް ވެސް ނަތަންޔާހޫ ފާޑުވިދާޅުވި އެވެ. ނަމަވެސް ގައުމު ހަލަބޮލިވުމުގައި އޮތް އޭނާގެ ދައުރުގެ ވާހަކައެއް ނަތަންޔާހޫ ނުގެންނަވަ އެވެ.

އިސްލާހުތައް ފަސްކުރުމަށް ނަތަންޔާހޫ ނިންމެވި އިރު، އާންމުން މުޒާހަރާ ކުރަމުން ދިޔައީ މި އިސްލާހުތައް އެކީ އުވާލުމަށް ގޮވާލަ އެވެ. 

އިޒްރޭލުގެ އިދިކޮޅު ޕާޓީތަކުން ވަނީ ސަރުކާރާ އެކު އާ މަޝްވަރާތަކެއް ފަށާނޭ ކަމަށް ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް