Majlis 2024

އެއާ އިންޑިއާގެ މަތިންދާބޯޓެއް ނޭޕާލުގެ އެއާޕޯޓަކަށް ޖައްސަން ދަނީ. (ފޮޓޯ/ރޮއިޓާސް

ނޭޕާލް

2 ބޯޓު ވައިގެ ތެރޭ ޖެހެން އުޅުމުން ކޮންޓްރޯލަރުން ސަސްޕެންޑްކޮށްފި

ވަޒީފާ އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނެ، ނޭޕާލު ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ ގައުމުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޑިޕާޓްމަންޓުގެ ދެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.

ނޭޕާލުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭއެން)ގެ ތަރުޖަމާނު ޖަގަނަތު ނިރޫލާ ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވީ، ކަތުމަންޑޫ އެއާޕޯޓުގެ ޓްރެފިކް ބާރުބޮޑުވި ވަގުތު، 19،000 ފޫޓު މަތީގައި އޮތް އެއާ އިންޑިއާގެ މަތިންދާބޯޓެއް ކުއްލިއަކަށް ތިރިއަށް ފައިބައިގެން ގޮސް، 15،000 ފޫޓު މަތިން ދަތުރުކުރި ނޭޕާލް އެއާލައިންސްގެ މަތިންދާބޯޓަކާ ކިރިޔާ ޖެހޭ ނުޖެހޭ ހިސާބަށް ދިޔައީ ކީއްވެގެންތޯ ބެލުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން އޮފް އިންޑިއާ (ޑީޖީސީއޭއައި)އަށް އިއްޔެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޑީޖީސީއޭއައިއަށް ލިޔުމުން އެދިފައި މި ވަނީ، އެކަން ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް އަދި އެޅި ފިޔަވަޅެއް އަޅުގަނޑުމެންނަށް އެންގުމަށް،" އޭނާ ވިދާޅުވި އެވެ.

އޭވިއޭޝަން އިދާރާއިން އެ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު އެއާ އިންޑިއާގެ ބޯޓަކާއި ނޭޕާލް އެއާލައިންސްގެ ބޯޓެއް ކަތުމަންޑޫގެ ކާރޫބާރޫ ބޮޑު ބައިނަލްއަގުވާމީ އެއާޕޯޓަށް ޖައްސަން އިންތިޒާރުކުރަމުން ދަނިކޮށް ވައިގެ ތެރޭގައި ދެ ބޯޓު ނުޖެހުނީ ކިރިޔާ އެވެ. 

ދެ ބޯޓުގެ ވެސް އިންޒާރު ދޭ ނިޒާމުތަކުން ޕައިލެޓުންނަށް އެކަން އެންގުމުން، ނުރައްކާތެރި އެކްސިޑެންޓެއް ނުހިނގައި ސަލާމަތްވީ ކަމަށް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އިން އާދީއްތަ ދުވަހު ބުނެފައިވެ އެވެ.

ނޭޕާލް އެއާލައިންސްގެ މަތިންދާބޯޓު މެލޭޝިއާގެ ކުއާލަލަމްޕޫރުން ކަތުމަންޑޫއަށް ދިޔައިރު، އެއާ އިންޑިއާގެ މަތިންދާބޯޓު ދަތުރުކުރަމުން ދިޔައީ އިންޑިއާގެ ނިއު ދިއްލީއިން ކަތުމަންޑޫއަށެވެ.

"ހަމަ އެފަދައިން އެއާ އިންޑިއާގެ ޕައިލެޓްގެ ކުށެއް އޮތްތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން ރެގިއުލޭޓަރީ ބޮޑީއަށް ވެސް ސިޓީއެއް ފޮނުވާފައިވޭ،" ނިރޫލާ ވިދާޅުވި އެވެ.

ނޭޕާލަކީ ވައިގެ ސަލާމަތާއި ރައްކާތެރިކަން ދަށް ގައުމަކަށް ވާއިރު، މި ހާދިސާ ހިނގާފައި މި ވަނީ ނޭޕާލްގެ ހުޅަނގުގައި މަތިންދާބޯޓެއް ވެއްޓި އެ ބޯޓުގައި ތިބި 72 މީހުން މަރުވިތާ ދެ މަހެއްހާ ދުވަސް ނުވަނީހެވެ.

ޔެޓީ އެއާލައިންސްގެ ބޯޓު ވެއްޓުނު ސަބަބު ދެނެގަތުމަށް ސަރުކާރުގެ ކޮމެޓީއަކުން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ނޭޕާލްގެ ހުރިހާ ބޯޓުތަކެއް އީޔޫގެ ވައިގެ ސަރަހައްދުން މަނާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް